ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނަށް ފިޔަވަޅުއެޅުން ގާނޫނުއަސާސީއާ ހިލާފު: ރޮޒައިނާ

އެމްއެމްޕީއާރުސީ މައްސަލައިގައި ތުހުމަތުވާ މީހުން މިހާރު ދައުލަތުގެ މަގާމުތަކުގައި ތިބި ނަމަ ވަކިކުރަންޖެހޭ ގޮތަށް ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވީ ނަމަވެސް އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ މައްސަލަ ތަހުގީގު ކުރަމުން ދާއިރު ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ތުހުމަތު ކުރެވޭ މީހުން މަގާމުތަކުން ދުރުކުރުމަށް ދައުލަތަށް އެންގުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެ ރިޕޯޓު ފާސްކުރަން 45 މެމްބަރުން ވޯޓު ދެއްވިއިރު އޭގެ ތެރޭގައި ރޮޒައިނާވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރޮޒައިނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ފެނަކައިން ކުރި ބޮޑެތި ވައްކަންތަކާއި އެމްޕީއެލުން ކުރި ބޮޑެތި ވައްކަމުގެ ތުހުމަތު ކުރެވޭ ދައުލަތުގެ މަގާމުތަކުގައި ތިބި މީހުން ދުރުނުކޮށް ހަމައެކަނި އެމްއެމްޕީއާރުސީ މައްސަލާގައި ތުހުމަތުވާ ދައުލަތުގެ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކި ކުރުމަކީ އިންސާފުވެރި ގޮތެއް ކަމަށް ނުފެންނަ ކަމަށެވެ.

"މިކަމާ ގުޅިގެން އަޅުގަނޑު ހަމަ ހިތައް އަރާ ސުވާލަކީ އެމްއެމްޕީއާރުސީގެ މައްސަލާގަިއ އެކަނިތޯއޭ އަޅުގަނޑުމެން މިހެން ހަމަ އަމަލުކުރާނީ." ރޮޒައިނާ ވިދާޅުވި އެވެ.

މައްސަލައިގައި ތުހުމަތުވާ މީހުން މަގާމުތަކުން ވަކިކުރުމަކީ ގާނޫނުއަސާސީގައި ބުނާ އަބުރު ރައްކާތެރި ކުރުމާއި ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް ގާނޫނުއަސާސީއިން ލިބިފައިވާ ހައްގު ގެއްލިގެންދާނެ ކަމެއް ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ. އަދި ތުހުމަތު އެކަނި ކުރެވޭ ފަރާތްތަކާމެދު އެގޮތަށް ފިޔަވަޅު އެޅޭނެތޯ އެއީ އުފެދޭ ސުވާލެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގާނޫނުއަސާސީގެ މިދެންނެވި މާއްދަތަކާ ހިލާފު ނުވެ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއްތޯ. އެ ސުވާލު އަޅުގަނޑަށް ގާނޫނީ ގޮތުން އުފެދޭތީވެ އަޅުގަނޑު އެސުވާލު މިކޮށްލީ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ބަލަން އެމްޑީޕީއިން ވައުދުވި ކަމަށެވެ. އަދި އެއީ އެޖެންޑާ 19 ގެ ވެސް ވައުދެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވީމަ ވަކި މައްސަލައަކަށް ހާއްސަ ނުކޮށް އެއް މިންގަނޑަކުން ކޮރަޕްޝަންގެ ހުރިހާ އަމަލުތަކަކާ ދެކޮޅަށްވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ކޮމިޓީ ރިޕޯޓަށް ތާއީދު ކުރި ނަމަވެސް ރިޕޯޓުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް ރޮޒައިނާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ މަޖިލީހުން ބަލަން ފެށީ އެސެޓް ރިކަވަރީ ކޮމިޝަނުން އެމައްސަލަ ބެލުން ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުމުގައި ކަމަށެވެ. ނަމަވެސް ކޮމިޓީއިން މަސައްކަތް ކުރި އިރު އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތްތައް ލަސްވަނީ ކީއްވެގެންކަން އެކަށީގެންވާ ގޮތެއްގައި ބެލިފައި ނުވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"ކޮމިޓީ ރިޕޯޓުގައި އަޅުގަނޑަށް ވަރަށް ކަމުދިޔައިސް މި މައްސަލަ ލަސްވެގެން މިދަނީ މިހިރަ މިހިރަ ކަންތައްތަކާ ހެދިއޭ. މި މައްސަލަ އަވަސް ކުރުމަށް ކުރަންޖެހޭ ކަންތައްތަކަކީ މިހިރީ މިހިރީ އޭ. އެގޮތަށް އަޅުގަނޑުމެންނަށް އެ ދިރާސާ ތަންކޮޅެއް ފުރިހަމައަށް ކުރެވިފައި އޮތް ނަމަ އަޅުގަނޑަށް ހީވަނީ މި ކޮމިޓީގެ ރިޕޯޓު އަދި މިއަށްވުރެއް ފުރިހަމަވެގެން ދިޔައިސްހެން." ރޮޒައިނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުން އެފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުލަތުގެ ކަމާގުޅޭ ހުރިހާ އިދާރާތަކަކަށް ދެންނެވުމަށް މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ. ރޮޒައިނާ ވިދާޅުވީ އެފައިސާ ހޯދަން ޖެހޭ ކަމަށެވެ. އެކަމަކު ކޮމިޓީގެ ރިޕޯޓުގައި އޮތް ގޮތަށް ފައިސާ ހޯދަނީ ކޮން ގޮތަކުންތޯ އެނގެން ޖެހޭ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މީހެއް އަތުން ފައިސާ ހޯދޭނީ ކޯޓުތަކުން އެކަމަށް އަމުރުކޮށްގެން އެމީހަކު އަތުން އެފައިސާ ހޯދަން އުޅުނީމަ. އެކަމަކު ކޯޓުން މީހެއްގެ މައްޗަށް ފައިސާ ހޯދަން އަމުރެއް ކުރެވޭނެތޯ. އެފައިސާ އެމީހަކު ނެގި ކަމަށް ކޯޓަކުން ނުނިންމާ. އެހެންވީމަ އެކަން އެހެން އޮތީމަ އަޅުގަނޑުމެންގެ މި ރެކޮމެންޑޭޝަނަށް އަމަލުކުރާނީ ކޮންގޮތަކުންތޯ އެއީ އުފެދޭ ސުވާލެއް." ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާގެ ވާހަކަފުޅަށް ރައްދު ދެއްވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމުގައި އޮންނަތާ ފަސް ދުވަސް ވެއްޖެ ކަމަށާއި އެއްވެސް މެމްބަރަކު އެ ރިޕޯޓަށް އިސްލާހު ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ ރިޕޯޓަކީ ކޮމިޓީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފޭސް އެކެއް ކަމަށާއި ހުރިހާ މަސައްކަތެއް ނިމިގެންދާއިރު ރިޕޯޓުތައް އިތުރަށް ފުރިހަމަ ވާނެ ކަމަށްވެސް އީވާ ވިދާޅުވި އެވެ.

comment ކޮމެންޓް