ލެސްޓާގެ އަތުން ބަދަލު ހިފައި ޗެލްސީ ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި

ޕްރިމިއާ ލީގުގައި ލެސްޓާއާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވީ 1-2 ގެ ނަތީޖާއަކުން --- ފޮޓޯ/ ލައިވްސްކޯ

އިނގިރޭސި އެފްއޭކަޕުގެ ފައިނަލުގައި ލެސްޓާ އަތުން ބަލިވުމުގެ ބަދަލު ހިފައި، ޗެލްސީން ޕްރިމިއާ ލީގުގެ ގަދަ ހަތަރެެއްގެ އުންމީދު އައުކޮށްފި އެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ވެސް ޖާގަ ހޯދާފައިވާ ޗެލްސީން ރޭ ލެސްޓާގެ މައްޗަށް ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ތާވަލުގެ ތިންވަނައަށް ޗެލްސީ ޖެހިލިއިރު، އެ ޓީމު ތިންވަނައިގައި އޮތީ ކުޅުނު 37 މެޗުން ލިބުނު 67 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އޮތް ލެސްޓާއަށް 37 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ލިވަޕޫލަށް 36 މެޗުން ވަނީ 63 ޕޮއިންޓް ލިބިފައެވެ.

މި ނަތީޖާތަކާ އެކު ކުރިއަށް އޮތް ދެ މެޗެއްގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނީ ގަދަ ހަތަރެއްގެ ޖާގައަކަަށެވެ. ޗެލްސީ، ލެސްތާ އަދި ލިވަޕޫލުގެވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ އިރު، ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މެންޗެސްޓާ ސިޓީ ރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން ބްރައިޓަން އަތުން ބަލިވެފައެވެ. އެއާއެކު ސިޓީއަށް 37 މެޗުން ވަނީ 83 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޔުނައިޓެޑަށް 37 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ.

މިދިޔަ ހަފުތާ ކުޅުނު އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލުގައި ލެސްޓާއިން ޗެލްސީ ބަލިކށް ތާރީހުގެ ފުރަތަމަ ފަހަރަށް އެމުބާރާތުގެ ތަށި އުފުލާލި އިރު، އެ މެޗަށްފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އެ ޓީމަށް މިވަގުތު މުހިއްމީ އެފްއޭ ކަޕަށްވުރެން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަމަށެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ޓިމޯ ވާނާ ކާމިޔާބުކުރި ދެ ލަނޑެއް ވީއޭއާރުން ވަނީ ކެންސަލް ކޮށްފަ އެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެންޓޯނިއޯ ރުޑިގާ ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ.

އެއަށްފަހު މެޗުގެ 66 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޖޯޖީނިއޯ ވަނީ ޗެލްސީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ލެސްޓާގެ ވެސްލީ ފޮފާނާ އޭރިއާތެރެއިން ޗެލްސީގެ ވާނާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.

އެކަމަކު އޭގެ 10 މިނެޓު ފަހުން ލެސްޓާއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެލެޗީ އިހެނާޗޯއެވެ.

comment ކޮމެންޓް