ބަރަހަނާ ވީޑިއޯގެ މައްސަލައަށްފަހު ބެންޒެމާ އަލުން ގައުމީ ޓީމަށް

ރެއާލްއާއި ބަޔާން ކުޅުނު ސެމީ ފައިނަލް ދެވަނަ ލެގުގައި ދެ ގޯލް ޖެހި ބެންޒެމާ --- ފޮޓޯ/ އޭޕީ

ކުރީގެ ޓީމް މޭޓް މެތިއު ވަލްބުއޭނާގެ ބަރަހަނާ ވީޑިއޯއެއް ލީކުކޮށްލާނެ ކަމަށް ބުނެ ބިރު ދެއްކި މައްސަލައަށްފަހު ގައުމީ ޓީމުން ބޭރުކޮށްލާފައި ހުރި ރެއާލް މެޑްރިޑުގެ ފޯވާޑް ކަރީމް ބެންޒެމާއަށް ހަ އަހަރަށްފަހު ޓީމުން އަލުން ފުރުސަތު ލިބިއްޖެ އެވެ.

ޒުވާން އުމުރެއްގައި ގައުމީ ޓީމުން ފުރުސަތު ހޯދައި، މޮޅު ކުޅުމެއް ދައްކަމުން އައި ބެންޒެމާއަށް ގައުމީ ޓީމުން ޖާގަ ގެއްލުނީ 2015 ވަނަ އަހަރު އެވެ. އޭގެ ކުރިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް މޮޅު ކުޅުމެއް ދެއްކި ބެންޒެމާއަށް ގައުމީ ޓީމުން އޭރު ފުރުސަތު ގެއްލުނީ އޭނާގެ އޭރުގެ ޓީމް މޭޓް މެތިއު ވަލްބުއޭނާގެ ބަރަހަނާ ވީޑިއޯއެއް ލީކް ކޮށްލާނެ ކަމަށް ބުނެ އޭނާއަށް ބިރު ދެއްކިކަމުގެ ތުހުއްމަތުގަ އެވެ.

މި މައްސަލައާ ގުޅިގެން ބެންޒެމާ އޭރު ގައުމީ ޓީމުން ވަކިކުރި ނަމަވެސް އެ މައްސަލައިގެ ތަހުގީގީ އަޑުއެހުންތަކުގައި ބެންޒެމާ ވަނީ އޭނާގެ ކުށެއް ނެތްކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ މި އަހަރުގެ އޮކްޓޯބަރު މަހަށް ތާވަލުކޮށްފައެވެ.

މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ އިރު، ބެންޒެމާ އަހަރުތަކަކަށްފަހު ގައުމީ ޓީމުން ފުރުސަތު މިދިނީ އޭނާ މިހާރު ހުރި ފޯމަށް ބަލައި އަންނަ މަހު ކުޅެވޭ ޔޫރޯއަށެވެ. ބެންޒެމާ ވަނީ މި ސީޒަނުގައި މިހާތަނަށް 45 މެޗުން 29 ގޯލު ޖަހައި އަށް އެސިސްޓް ހަދައިފަ އެވެ.

މި ފަހަރުގެ ޔޫރޯގައި ފްރާންސް ވާދަކުރާއިރު، އެ ގައުމު އޮތީ ގްރޫޕް އެފްގައެވެ. އެ ގްރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ ހަންގޭރީ، ޕޯޗުގަލް އަދި ޖަރުމަނެވެ. އެ ޓީމުން ފުރަތަމަ މެޗުގައި އަންނަ މަހު 15 ގައި ޖަރުމަނާ ދެކޮޅަށް ނުކުންނާނީ މިއުނިކްގަ އެވެ.

comment ކޮމެންޓް