އުއްތަރަ ޕްރަދޭޝްގައި ހައި ކޯޓުގެ އަމުރަކާ ހިލާފަށް މިސްކިތެއް ތަޅާލައިފި

މިސްކިތް ތަޅާލުމަށް ފަހު މިސްކިތުގެ ބައިތައް ކޯރަކަށް އަޅާފައިވޭ -- ފޮޓޯ: ގާޑިއަން

ލަކްނޯ (މެއި 18): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ރާމް ސަނެހީ ގާޓު ސިޓީގައި ހުރި 60 އަހަރަށް ވުރެ ގިނަ ދުވަސްވީ މިސްކިތެއް އެ ސްޓޭޓުގެ ޑިސްޓްރިކްޓު ސަރުކާރަކުން ތަޅާލައިފި އެވެ.

އުއްތަރަ ޕްރަދޭޝްގެ ބަރަބަންކީ ޑިސްޓްރިކްޓުގައި ހުރި މަސްޖިދު ގަރީބު ނަވާޒު އަލް މަރޫފް އަކީ އިންޑިއާގައި އިނގިރޭސިން ވެރިކަން ކުރި ދުވަސްވަރުވެސް ހުރި މިސްކިތެއްކަން ލިޔެކިޔުންތަކުން ދައްކާ ކަމަށް އެ މިސްކިތުގެ ކޮމިޓީން ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު އެ މިސްކިތް ތަޅާލީ ޑިސްޓްރިކްޓު ސަރުކާރުގެ އަމުރަށް ފުލުހުންނާއި ސަލާމަތީ ބާރުތަކުން ގޮސް އެ ސަރަހައްދުން މީހުން ދުރު ކުުރުމަށް ފަހު ކަމަށް ގާޑިއަން ނޫހުން ރިޕޯޓު ކުރި އެވެ. އެގޮތުން މިސްކިތާ އެއް މޭލަށް ވުރެ ކައިރިއަށް އާއްމުންނަށް ނުދެވޭ ގޮތް ހެދި ކަމަށް އެ ނޫހުގައިވެ އެވެ. އަދި ބުލްޑޯޒަރު ގެންގޮސް މިސްކިތް ތަޅާލީ ކަމަށާއި މިސްކިތުގެ ބައިތައް އެ ސަރަހައްދުގައި އޮންނަ ކޯރަކަށް އެޅި ކަމަށްވެސް މަންޒަރު ދުށް ފަރާތްތަކާއި ފޮޓޯތަކާ ހަވާލާދީ އެ ނޫހުގައިވެ އެވެ.

އެ މިސްކިތުގެ ކޮމިޓީގައި ހިމެނޭ އިމާމެއް ކަމަށްވާ މައުލާނާ އަބްދުލް މުސްތަފާ ވިދާޅުވި ގޮތުގައި އެއީ ސަތޭކަ އަހަރުވީ އަދި އެތައް ހާސް މީހުން ކޮންމެ ދުވަހަކު ނަމާދު ކުރަމުން ދިޔަ މިސްކިތެކެވެ. ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ މުސްލިމުންވެސް ފުލުހުންނަށް ބިރު ގަންނަ ކަމަށާއި އެހެންކަމުން މިސްކިތް ތަޅާލި ވަގުތު އެ ސަރަހައްދަށް އެއްވެ މުޒާހަރާ ކުރަން ނުކެރުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ބަރަބަންކީ ޑިސްޓްރިކްޓު މެޖިސްޓްރޭޓް އަދާޝް ސިންހު ވަނީ އެ ސަރަހައްދުގައި މިސްކިތެއް ހުރިކަންވެސް ދެނެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

"އެތާ މިސްކިތެއް ހުރި ކަމެއް ނޭނގެ. އެތާ ގަވާއިދާ ހިލާފަށް އަޅާފައި ހުރި އިމާރާތެއް ހުރިކަން އެނގޭ. އުއްތަރަ ޕްރަދޭޝްގެ ހައި ކޯޓުން ވަނީ އެއީ ގަވާއިދާ ހިލާފަށް އަޅާފައި ހުރި އިމާރާތެއް ކަމަށް ކަނޑައަޅާފަ. އެހެންވެ ސީނިއާ ޑިސްޓުރިކްޓު މެޖިސްޓްރޭޓް އެ ފިޔަވަޅު އެޅީ،" ސިންހު ވިދާޅުވި އެވެ.

އެ މިސްކިތް ތަޅާލަން ޖެހިދާނެ ކަމުގެ އިންޒާރުދީ، ބަރަބަންކީ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން މިސްކިތުގެ ކޮމިޓީއަށް ފުރަތަމަ ނޯޓިސް ފޮނުވީ 15 މާޗްގަ އެވެ. އޭގައި ވަނީ އެ މިސްކިތް ހުރި ބިން ބޭނުން ކުރުމުގެ ހުއްދަ އެމީހުންނަށް އޮތްތޯ އަހާފަ އެވެ. އަދި އެ ނޯޓިސްއަށް މިސްކިތުގެ ކޮމިޓީން ވަރަށް ތަފްސީލު ޖަވާބެއް ދިން ކަމަށް އެ ކޮމިޓީން ބުންޏެވެ.

އެ ޖަވާބުގައި، އެ މިސްކިތް ބޭނުން ކުރާތާ އަހަރުތަކެއް ވެފައިވާ ކަން ދެއްކުމަށްޓަކައި މިސްކިތުގައި 1959އިން ފެށިގެން ކަރަންޓު ގުޅާފައި ހުރިކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ފަދަ ހެކި ހިމެނި ކަމަށް އެ ކޮމިޓީން ބުންޏެވެ. ނަމަވެސް އެ ޖަވާބު ޑިސްޓްރިކްޓު އެޑްމިނިސްޓްރޭޝަނުން ބަލައިނުގަތް ކަމަށްވެސް އެކޮމިޓީން ބުންޏެވެ.

އޭގެ ސަބަބުން މިސްކިތް ތަޅާލަފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ މިސްކިތުގެ ކޮމިޓީން މާޗް 18އިގައި އަލާހުއާބާދު ހައި ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އަދި ހައި ކޯޓުން ބުނީ މިސްކިތް ތަޅާލާނެ ކަމުގެ އިންޒާރެއް ޑިސްޓްރިކްޓު އެޑްމިނިސްޓްރޭޝަނުން ނުދޭ ކަމަށާއި އެ ސަރުކާރުން އެދެނީ ލިޔެކިޔުންތަކެއް ދިނުމަށް ކަމަށެވެ.

އޭގެ ފަހުން އެ މިސްކިތަށް މީހުންނަށް ނުވަދެވޭ ގޮތް ހަދަން ޑިސްޓްރިކްޓު އެޑްމިނިސްޓްރޭޝަނުން ފެށި އެވެ. އަދި މާޗް 19އިގައި އެ މިސްކިތުގައި ހުކުރު ނަމާދު ކުރަން ހުރަސް އެޅުމުން އެ ސަރަހައްދުގައި ބައެއް މީހުން މުޒާހަރާތައް ބޭއްވި އެވެ. އެ މުޒާހަރާތަކުގައި 35 މީހަކު ހައްޔަރު ކުރި އިރު އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ތިބީ ބަންދުގަ އެވެ.

އޭގެ ފަހުން މިދިޔަ މަހުގެ 24ގައި އަލާހުއާބާދު ހައި ކޯޓުން ކޮވިޑް-19 ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން ނެރުނު އަމުރެއްގައި ވަނީ، މިމަހުގެ 31އާ ޖެހެންދެން އުއްތަރަ ޕްރަދޭޝްގައި އެއްވެސް ބަޔަކު ދިރިއުޅޭ ތަނަކުން ބޭރުކޮށް، ބިން އަތުލާ، އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ނުކުރުމަށް އަމުރުކޮށްފަ އެވެ.

އެހެންކަމުން ބަރަބަންކީ ޑިސްޓްރިކްޓު އެޑްމިނިސްޓްރޭޝަނުން އަމަލުކޮށްފައި ވަނީ ހައި ކޯޓުގެ އަމުރާ ހިލާފަށް ކަމަށް އުއްތަރަ ޕްރަދޭޝްގެ ސުންނީ ސެންޓްރަލް ވަގްފް ބޯޑުން ބުންޏެވެ. އަދި އެ ބޯޑުން ވަނީ އެ މައްސަލަ ބަލާ، ޒިންމާވާ މީހުންނަށް ފިޔަވަޅު އަޅާ، މިސްކިތް އަލުން ބިނާ ކުރުމަށް އެދި ހައި ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ސަބް-ޑިވިޝަނަލް މެޖިސްޓްރޭޓް ކޯޓަކުން އެ މިސްކިތް ތަޅާލަން މިދިޔަ މަހުގެ ދޭއްގައި އަމުރު ކުރި ކަމަށް ޑިސްޓްރިކްޓު އެޑްމިނިސްޓްރޭޝަނުން ބުނި ނަމަވެސް އެފަދަ އަމުރެއްގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް މިސްކިތުގެ ކޮމިޓީން ބުންޏެވެ.

ބަރަބަންކީ ޑިސްޓްރިކްޓު އޮންނަނީ، 1992 ވަނަ އަހަރު ހިންދޫ ވަތަނީ ފިކުރުގެ ބަޔަކު ތަޅާލި ބާބްރީ މިސްކިތް ހުރި އަޔޯދިޔާ ސިޓީ ކައިރީގަ އެވެ.

ބާބްރީ މިސްކިތް ތަޅާލި މައްސަލާގައި އިންޑިއާގެ ސުޕްރީމް ކޯޓުން ނޮވެމްބަރު 2019ގައި ނިންމީ އެ މިސްކިތުގެ ތިރީގައި "އިސްލާމީ ނޫން ބިނާއެއްގެ ބައިތައް" ހުރިކަން ކޯޓަށް ހުށަހެޅި ހެކިން ސާބިތުވާ ކަމަށެވެ. އަދި އެ ބިމުގައި ހިންދޫންގެ ފައްޅިއެއް އެޅުމަށާއި އާ މިސްކިތެއް އަޅަން މުސްލިމުންނަށް އެހެން ސަރަހައްދަކުން ފަސް އޭކަރުގެ ބިމެއް ދިނުމަށް އެ ކޯޓުން އެންގި އެވެ.

އެހެންކަމުން ބާބްރީ މިސްކިތް ހުރި ބިމުގައި ފައްޅިއެއް އެޅުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮގަސްޓު މަހު ވަނީ ފަށާފަ އެވެ. އަދި އެ ބިމާ 15 މޭލު ދުރުގައި އޮންނަ ސަރަހައްދެއްގައި މިސްކިތެއް އަޅާނެ ބިމެއް އިންޑިއާގެ ސަރުކާރުން ވަނީ ވަގްފް ބޯޑާ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް