ރާއްޖެ އޮތީ ފަލަސްތީނާއެކު ކަމަށް ވިދާޅުވެ ރައީސްގެ ވަރުގަދަ މެސެޖެއް

2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ/ މަޖިލިސް

ފަލަސްތީނުގެ ދިދަ ޓްވީޓުކުރައްވައި, ރާއްޖޭގެ ރައްޔިތުން ދެމިތިބީ ފަލަސްތީނާއެކު ކަމަށް ވިދާޅުވެ, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ޔަހޫދީން ވަޒަންވެރި ކުރުމަށްޓަކައި އިރުމަތީ ގުދުސްގެ ޝައިހް ޖައްރާހުން ފަލަސްތީނުގެ އާއިލާތައް ނެރެން މަސައްކަތް ކުރާތީއާއި އެގައުމުގެ ސިފައިން އަލް އަގްސާ މިސްކިތަށް ވަދެ، ފަލަސްތީނު މީހުންނަށް ހަމަލާ ދިން ފަހުން ފަލަސްތީނުގެ ގިނަ އަަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރި އެވެ. އެ ހަމަނުޖެހުންތަކުގެ ތެރެއިން ގައްޒާ ކޮންޓްރޯލް ކުރާ ހަމާސްއިން އިސްރާއީލަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދީފައިވާ އިރު، އިސްރާއީލުން ރައްދުގައި ގައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އެތައް ސަތޭކަ ގެއެެއް ހަލާކުވެ އެތައް ހާސް އާންމުން ވަނީ ބޯހިޔާވަހިކަމަށް ޖެހިފަ އެވެ.

ޣައްޒާއަށް ދިން ހަމަލާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިންވެސް ވަނީ ކުށްވެރިކުރައްވައިފަ އެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުންދާ ކަމަށް ވިދާޅުވެ، އެގައުމުގެ އަމަލުތައް ކުށްވެރިކުރައްވައިފަ އެވެ.

އޭގެ އިތުރުން، އެމަނިކުފާނު މިއަދު ވަނީ ފަލަސްތީނުގެ ދިދައިގެ ފޮޓޯއަކާއެކު، ދިވެހީން ތިބީ ފަލަސްތީނާއެކު ކަމަށް ވިދާޅުވެ ޓްވީޓު ކުރައްވައިފަ އެވެ.

ގައުމުތަކުގެ އެންމެ އިސް ލީޑަރުންގެ ތެރެއިން މިހާ ފާޅުކަން ބޮޑުކޮށް ފަލަސްތީނާ އެއްކޮޅަށް އަޑު އުފުލައްވާފައިވަނީ މަދު ލީޑަރުންތަކެކެވެ.

އޭގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ހިމެނިވަޑައިގަންނަވަ އެވެ. އޭނާވެސް ވަނީ ޕާކިސްތާނުގެ ރައްޔިތުން ތިބީ ފަލަސްތީނާއިއެކު ކަމަށް ވިދާޅުވެ ޓްވީޓު ކުރައްވައިފަ އެވެ.

ތުރުކީގެ ރައީސް ރަޖިބް ތައްޔިބު އުރުދުޣާން ވިދާޅުވެފައި ވަނީ އިސްރާއީލަށް ފިލާވަޅެއް ނަގައިދޭން ޖެހޭ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކުރަން ބައިނަލްއަގުވާމީ ސިފައިންގެ ފައުޖެއް ފޮނުވުމުގެ ހިޔާލުވެސް އޭނާ ފާޅުކުރައްވާފައިވެ އެވެ.

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަކީވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ތާއީދު ކުރައްވާ ބޭފުޅެެކެވެ. އެގޮތުން، ހަމަލާތައް ހުއްޓާލަން ގޮވާލައި އޭނާ އިއްޔެ ނުރުއްވި ބަޔާނެއްގައިވެސް ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ.

އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ގިނަ އަދަދެއްގެ ދިވެހީން ދަނީ ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހީން ތިބިކަން ދައްކަން ގިނަ ހަރަކާތްތައް ހިންގަމުންނެވެ.

އެގޮތުން، މިއަދު މާލޭގައި ބެލްކަނީތަކުގައި ފަލަސްތީނުގެ ދިދަ ނެގުމުގެ ހަރަކާތެއްވެސް ވަނީ ހިންގައިފަ އެވެ. އޭގެ އިތުރުން ޖުމްހޫރީ މައިދާން ކައިރީގައި ހުންނަ ސިފަައިންގެ ބޮޑު ސްކްރީނުގައިވެސް ވަނީ ފަލަސްތީނުގެ ދިދަ އަޅުވާފަ އެވެ.

އިޒްރާއިލުގެ ހަމަލާތައް ކުށްވެރިކޮށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ނެރުނު ގަރާރުވެސް ރާއްޖެއިން ވަނީ ބަލައިގެންފަ އެވެ.

ޝައިހް ޖައްރާހުގައި ފަލަސްތީނުގެ އާއިލާތައް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި، އަލްއަގްސާ ގައި އަޅުކަން ކުރަން ތިބި ހަތިޔާރެއް ނެތް މުސްލިމުންނަށް ހަމަލާދިނުމާއި މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް، އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެއްކަމަށް ފޮރިން މިނިސްޓްރީ މީގެ ކުރިން ވަނީ ބުނެފަ އެވެ.

ގައްޒާއަށް ދެމުންދާ ހަމަލާތަކުގައި އަނިޔާވާ ގިނަ ބަޔަކަށް ފަރުވާދެމުންދާ އަލް ޝިފާ ހޮސްޕިޓަލަށް ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އައިއޭސީގެ ފަރާތުން ދިވެހީންގެ އެހީގެ ގޮތުގައި 2,547 ލީޓަރުގެ ތެޔޮ އެ ހޮސްޕިޓަލަށް ހަދިޔާ ކޮށްފައިވެ އެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ރާއްޖޭގެ އިތުރުން، އަރަބި-އިސްލާމީ ގައުމުތަކާއި، ކެނެޑާ، އެމެރިކާ، ލެޓިން އެމެރިކާގެ ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކުގައިވެސް އަޑުއުފުލާފައިވެ އެވެ.

comment ކޮމެންޓް