އިސްރާއީލުގެ މެސެޖް: ފަލަސްތީނު މީހުންނަށް އޮތް ހަމައެކަނި ގޮތަކީ އިސްރާއީލުގެ އިސްތިއްމާރުގެ ދަށުގައި ތިބުން ނޫނީ މަރުވުން

އިސްރާއީލުން ސީދާ ޣައްޒާގެ އާންމުންނަށް އަމާޒުކޮށްގެން އާދަޔާ ޚިލާފަށް ލާއިންސާނީ އަދި އުދުވާނީ ހަމަލާތައް ދެމުން ގެންދިޔުމުގައި އިސްރާއީލުން ދޭ އެންމެ ބޮޑު މެސެޖަކީ ފަލަސްތީނު މީހުންނަށް އޮތީ ހަމައެކަނި ގޮތަކީ އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިއުމާރުގެ ދަށުގައި ހެދިގޮތެއް ހެދިގެން ތިބުންކަމާއި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ތެދުވެ މިނިވަންވާން މަސައްކަތްކުރާނަމަ ހަދާލާނީ ޣައްޒާއަށް ހަދާލާ ބިރުވެރި ގޮތްކަން ދައްކައި ފަލަސްތީނު މީހުންނަށް ބިރުވެރި ފިލާވަޅެއް ދިނުމެވެ.

އިސްރާއީލުގެ ދިފާއުގައި އިންސާނީ ހައްގުތަކުގެ ޗެމްޕިޔަނުން ކަމަށްވާ އެމެރިކާއާއި ޔޫރަޕް

އެމެރިކާގެ ރައީސް އާއި އިސްރާއީލުގެ ބޮޑުވަޒީރު އިސްރާއީލުގެ ލާއިންސާނީ އަމަލުތައް އެމެރިކާ ދިފާއުކޮށްދީ އިސްރާއީލަށް ހިމާޔަތްދޭ

އިސްރާއީލުގެ ދިފާއުގައި އިންސާނީ ހައްގުތަކުގެ ޗެމްޕިޔަނުން ކަމަށްވާ އެމެރިކާއާއި ޔޫރަޕް އޮތުމުން އިސްރާއީލުން އިންސާނީ ހައްގުތަކަށް ކިތަންމެ ވަރަކަށް އަރައިގަތް ނަމަވެސް އިސްރާއީލާ ދެކޮޅަށް އދ. ންވެސް އަދި ބައިނަލްއަގްވާމީ އެހެން ފަރާތަކުންވެސް ފިޔަވަޅު ނާޅާނެކަމާއި ބައިނަލްއަގްވާމީ އަދާލަތަށްވެސް އިސްރާއީލު ހާޒިރު ނުކުރެވޭނެކަން އިސްރާއީލު ވަރަށް ރަނގަނޅަށް ދަނެއެވެ.

އާންމުންގެ ބޮލަށް ބޮންއެޅުމަކީ ހަނގުރާމައިގެ ޖަރީމާކަން އެނގޭއިރުވެސް އިސްރާއީލު އެކަން ކުރަނީ އެމެރިކާގެ ހިމާޔަތް އޮތުމުން

ޣައްޒާއަށް ހަމަލާދިނުމުން ޝަހީދުވާނީ ފަލަސްތީނުގެ ކުށެއްނެތް އާންމުންކަން އިސްރާއީލަށް އެނގޭއިރުވެސް އަދި އާންމުންނަށާއި މަދަނީ ތަންތަނަށް ގަސްދުގައި ހަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާކަމާއި މިއީ ބައިނަލްއަގްވާމީ ގޮތުން މަނާ އަދި އަދަބު ލިބޭނެ ބޮޑު ޖަރީމާއެއްކަން އިސްރާއީލަށް އެނގޭއިރުވެސް އިސްރާއީލުން ޣައްޒާއަށް އާދަޔާ ޚިލާފަށް އުދުވާނީ ހަމަލާތައް ކުޑަކުދިންނާއި އަންހެނުން މަރަމުން ގެންދަނީ މިނިވަންވާން މަސައްކަތްކުރާނަމަ ފަލަސްތީނު މީހުންނަށް ޖެހޭނީ މިހާލުކަން އެމީހުންނަށާ އަދި މުޅި ދުނިޔެއަށްވެސް އަންގައި ދިނުމަށެވެ.

އިސްރާއީލުން ދޭ އަނެއް މެސެޖަކީ އިސްރާއީލުން އަމާންކަން ހޯދާނީ ފަލަސްތީނުގެ ހައްގުތައް ދީގެން ނޫންކަމާ ބާރުގެ ބޭނުންކޮށްގެން އެކަނިކަން

އިސްރާއީލުން ދުނިޔެއަށްދޭ އަނެއް މެސެޖަކީ އިސްރާއީލުން އަމާންކަން ހޯދާނީ ފަލަސްތީނުގެ ހައްގުތައް ދީ ފަލަސްތީނުގެ ބިމުން ފާބައި ފަލަސްތީނުގެ މައްސަލަ ހައްލުކޮށްގެން ނޫންކަމާ އަދި އިސްރާއީލުން އަމާންކަން ހޯދާނީ ބާރުގެ ބޭނުންކޮށްގެން ފަލަސްތީނު މީހުން މަރައި އެމީހުން މައިތިރިކޮށްގެންކަން ފަލަސްތީނު ރައްޔިތުންނަށާއި މުޅި ދުނިޔެއަށްވެސް އަންގައި ދިނުމެވެ. ފަލަސްތީނު މައްސަލަ ހައްލު ނުކުރާނެކަމާއި ފަލަސްތީނުގެ ބިންތަކުންވެސް ނުފައިބާނެ ކަމާ އަދި ފަލަސްތީނަށް ދައުލަތެއްވެސް ނުލިބޭނެކަމާ ފަލަސްތީނު މީހުން މިނިވަންކަން ބޭނުންނަމަ އެމީހުންނާ ދެކޮޅަށް ބޭނުންކުރާނީ ހަތިޔާރާ އަދި ބާރުކަމުގެ މެސެޖް ދިނުމެވެ.

މިއީ ފަލަސްތީނުގެ އިތުރުން އިސްރާއީލު ނައްތާލުމަށް ގޮވާލާ އީރާނަށާ އަދި ފަލަސްތީނަށް ހަމްދަރުދީވާ އަރަބި އިސްލާމީ ދުނިޔެއަށްވެސް އިސްރާއީލު ދޭ ވަރުގަދަ ބިރުވެރި މެސެޖެކެވެ. ސުލްހަވެރިކަމާއެކު އިސްރާއީލާ ވާހަކަދައްކައިގެން ފަލަސްތީނުގެ ހައްގުތައް ހޯދުމަށް ފަލަސްތީނުން 19 އަހަރުވަންދެން އެމެރިކާއާ ގުޅިގެން އިސްރާއީލާ ދެއްކި ވާހަކަތައްވަނީ އެއްވެސް ކޮޅެއްގައި ނުޖެހި ނާކާމިޔާބު ވެފައެވެ.

މުޖާހިދުންގެ ޙަމަލާތަކުގައި މާއްދީ ގޮތުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދޭ

އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުން ދޭ ރޮކެޓް ޙަމަލާތަކުގައި މާއްދީ ގޮތުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އިސްރާއީލުގެ މުސްތަގިއްލު ބައެއް އިދާރާކުން ހާމަކޮށްފިއެވެ.

ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ގެތަކަށް މުޖާހިދުންގެ ރޮކެޓް ހަމަލާތަކުން ލިބިފައިވާ ގެއްލުން

އިސްރާއީލް ޓެކްސް އޮތޯރިޓީ ބުނާގޮތުން ޣައްޒާއާ ދެކޮޅަށް 2009 ވަނައަހަރު ކުރި ހަނގުރާމައާއި 2012 ވަނައަހަރު ކުރި ހަނގުރާމައާއި 2014 ގެ ހަނގުރާމައާއި އަދި 2018 ގެ ހަނގުރާމައިގާ ފަލަސްތީނު މުޖާހިދުން ދިން ރޮކެޓް ޙަމަލާތަކުން އިސްރާއީލަށް ލިބުނު ގެއްލުމަށްވުރެ އެތަށް ގުނަ ބޮޑު ގެއްލުމެއް މިފަހަރުގެ ހަނގުރާމައިގެ ފުރަތަމަ 4 ދުވަހުގެ ތެރޭގައި އެކަނިވެސް އިސްރާއީލުގެ އިގްތިސާދަށްވަނީ ލިބިފައެވެ.

ފުރަތަމަ 4 ދުވަހު އިސްރާއީލަށް ލިބުނު ގެއްލުންވެސް 53 މިލިއަން ޑޮލަރަށް އަރާ، މިހާތަނަށް ލިބުނު ޖުމްލަ ގެއްލުން 300 މިލިޔަން ޑޮލަރަށް

މިފަހަރު ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގާ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ފުރަތަމަ 4 ދުވަހު އިސްރާއީލުގެ އާއްމުންގެ އިމާރާތްތަކަށް ލިބުނު ގެއްލުމުގެ މިންވަރު 33 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށާ ސަރުކާރެ ރަސްމީ އިމާރާތްތަކަށް ލިބުނު ގެއްލުމުގެ މިންވަރު 20 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށްވެސް އެއިދާރައިން ބުނެއެވެ. އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު މުޖާހިދުންގެ ޖަމާއަތްތަކުން އިސްރާއީލަށް ދޭ ރޮކެޓް ޙަމަލާތަކުގެ ގިނަ ޙަމަލާތަކަކީ ގައިޑެޑް ރޮކެޓް ބޭނުންކޮށްގެން ވަރަށް އަމާޒަށް ދޭ ހަމަލާތަކަކަށް ވެފައި ރޮކެޓްތަކުގައި ހަރުކޮށްފައިވާ ވޯހެޑްގެ ބާރުގަދަވެފައި އޭގެ ސައިޒްގެ ބޮޑުކަމުން ރޮކެޓް އަރާ ކޮންމެތަނެއް ހަލާކުވެ އެތަންތަނުގައިވަނީ އަލިފާން ހިފާފައެވެ.

އިސްރާއީލުގެ ބައެއް ނޫސްތައް ބުނާގޮތުން 2014 ވަނަ އަހަރުގެ 51 ދުވަސްވަންދެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގި އުދުވާނުގައި މުޖާހިދުންގެ ރޮކެޓް ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އިގްތިސާދަށް ލިބުނީ އެންމެ 60 މިލިއަން ޑޮލަރުގެ ގެއްލުމެވެ. ނަމަވެސް މިފަހަރުގެ އުދުވާނުގައި، ފާއިތުވި 7 ދުވަހުގެ ތެރޭގައި އިސްރާއީލުގެ އެކި ސަރަހައްދުތަކަށް މުޖާހިދުން ދިން ރައްދު ހަމަލާތަށް ބާރުގަދަވެފައި މުޖާހިދުން ގެ ގިނަ ރޮކެޓްތައް ވައްޓާލުމުގައި އިސްރާއީލުގެ މިސައިލް އައްޑަނައިގެ ނިޒާމު (އަޔަންޑޯމް) ނާކާމިޔާބުވެފައިވާތީ މުޖާހިދުންގެ ޙަމަލާތަކުގައި އެންމެ 7 ދުވަހުގެ ތެރޭގައިވެސް އިސްރާއީލަށްވަނީ 300 މިލިޔަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައެވެ.

މުޖާހިދުން އެމީހުންގެ ހަތިޔާރު މިފަހަރުވަނީ އެތައް ގުނައަކަށް ތަރައްގީކޮށްފައި

މިފަހަރު މުޖާހިދުންވަނީ ގޮވާތަކެއްޗާއެކު އަމިއްލައަށް ވެއްޓިގަނެގެން އިސްރާއީލަށް ދޭ ޑްރޯން ޙަމަލާތައްވެސް އިތުރުކޮށްފައެވެ. އެހެންކަމުން އެހެން ފަހަރުތަކާ ޚިލާފަށް، ޣައްޒާއާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އިސްރާއީލަށް ލިބޭ ގެއްލުންތައް މިފަހަރު ވަނީ އެތައް ގުނައަކަށް ބޮޑުވެފައެވެ. ފަލަސްތީނުގެ މުޖާހިދުން އެމީހުންގެ ހަތިޔާރު މިފަހަރުވަނީ އެތައް ގުނައަކަށް ތަރައްގީކޮށްފައެވެ.

މުޖާހިދުން އިސްރާއީލަށް ފޮނުވާލާ ރޮކެޓްތައް

ނަމަވެސް މިއީ އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރުން ހަތިޔާރު އަޅައިގެން އެމެރިކާގެ ޓެކްނޮލޮޖީގައި ހަނގުރާމަކުރާ އިސްރާއީލާ ތިލަފަތް ހަމަވާ ވަރެއްނޫނެވެ. ގައުމުތަކުގެ ރައްޔިތުން މިނިވަންކަމަށްޓަކައި ޖިހާދު ކުރަނީ އަސްކަރީ ތިލަފަތް އެއްވަރު ވެގެނެއް ނޫނެވެ.

ކުރީގެ ހަނގުރާމަތަކާ ޚިލާފަށް މިފަހަރުގެ ހަނގުރާމައިގާ މުޖާހިދުން ދޭ ރޮކެޓް ޙަމަލާތައް އާދަޔާ ޚިލާފަށް ގިނައެވެ. ރޮކެޓްތަކުގެ އަމާޒު ސީދާވެފައި އަދި ރޮކެޓްތަކުގެ ރޭންޖްވެސް ވަނީ ރެކޯޑް މިންވަރަކަށް މަތިކޮށްފައިވާކަން އިސްރާއީލުވެސް ގަބޫލުކުރެއެވެ. ކުރީފަހަރުތަކާ ޚިލާފަށް މުޖާހިދުންގެ ރޮކެޓްތައް މިފަހަރުވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ ހުރިހާ ސަރަހައްދުތަކަކަށްވެސް ފޯރާފައެވެ. ޓެލްއަވީވުގެ ހުރިހާ ސަރަހައްދުތަކަކަށް ޙަމަލާ ދެވޭވަރުގެ ރޮކެޓް އުފެއްދުމަކީ ކުރިން ފަލަސްތީނު މުޖާހިދުންގެ ހަމައެކަނި އުންމީދެކެވެ. ނަމަވެސް އެ އުންމީދު މިފަހަރުމިވަނީ ހާސިލް ކޮށްފައެވެ.

ކުރީގެ ހަނގުރާމަތަކުގައި އިސްރާއީލަށް ދޭ ރޮކެޓް ޙަމަލާތަކުގެ 5 ގުނަ ރޮކެޓް މިފަހަރު މުޖާހިދުންވަނީ އިސްރާއީލަށް ދީފައި

އަނެއްކޮޅުން ކުރީގެ ހަނގުރާމަތަކުގައި މުޖާހދުން އިސްރާއީލަށް ދޭ ރޮކެޓް ޙަމަލާތަކުގެ 5 ގުނަ ރޮކެޓް މިފަހަރުގެ ހަނގުރާމައިގާ މުޖާހިދުންވަނީ އިސްރާއީލަށް ދީފައެވެ. އިސްރާއީލުގެ އަސްކަރީ ރިޕޯޓްތައް ބުނާގޮތުން މުޖާހިދުން ގައްޒާގައި އަމިއްލައަށް ތައްޔާރުކޮށްގެން ހަދާ ރޮކެޓެއް އަގު 300 ޑޮލަރާއި 800 ޑޮލަރާއި ދެމެދުގައިވާއިރު އެއިން ރޮކެޓެއް ވައްޓާލަން އިސްރާއީލުން 50 ހާހާއި އެއްލައްކަ ޑޮލަރާއި ދެމެދުގެ އަދަދަކަށް ޚަރަދުކުރަން ޖެހެއެވެ. މުޖާހިދުން މިހާތަނަށް އިސްރާއީލަށް 3600 އަށްވުރެ ގިނަ ރޮކެޓް އިސްރާއީލަށް ފޮނުވާލާފައިވާއިރު މިއިން ކޮންމެ ރޮކެޓެއް ވައްޓާލުމަށްވެސް އިސްރާއީލުން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ވައްޓާލެވުނު ކަމަށް ރިޕޯޓްތައް ބުނަނީ އެންމެ 1500 އެއްހާ ރޮކެޓެކެވެ. އެހެން ރޮކެޓްތައްވަނީ އިސްރާއީލަށް އަރާފައެވެ.

އިސްރާއީލު ގެންދަނީ ކަންކަން ސިއްރު ކުރަމުން

15 އަހަރުވަންދެން އެއްގަމާއި ކަނޑާ އަދި ވައިގެ މަގުން އިސްރާއީލުން ގައްޒާ ހިސާރު ކޮށްފައި ވަނިކޮށް އެހުރިހާ ގޮންޖެހުންތަކާއެކުވެސް ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުން ޚާއްސަކޮށް ހަމާސް ޖަމާއަތުން ރޮކެޓާއި ޑްރޯން އާއި އެނޫންވެސް ހަތިޔާރުތައް ތަރައްގީކޮށްފައިވާ މިންވަރުގެ ގިނަކަމާއި އޭގެ ގާބިލްކަން ބޮޑުވެފައި ބާރުގަދަކަމުން އިސްރާއީލުގެ އަސްކަރިއްޔާވަނީ ވަރަށްބޮޑަށް ސިހުމެއް ލބިފައެވެ. އިސްރާއީލުގެ ސަރުކާރަށްވެސްވަނީ ކުއްލި ހައިރާންކަމެއް ލިބިފައެވެ. ނަމަވެސް އިސްރާއީލު ގެންދަނީ މިކަން ސިއްރު ކުރަމުންނެވެ.

އިސްރާއީލުގެ ސްކޫލްތަކާއި ޔުނިވަސިޓީތަކާއި، ކޮލެޖްތަކާއި އެނޫންވެސް ތައުލީމީ އިދާރާތަކުގެ 70 އިންސައްތަ ތަންތަންވަނީ ބަންދުކޮށްފައި

ޣައްޒާއަށް ދޭ އުދުވާނާ ގުޅިގެން މުޖާހިދުން އިސްރާއީލަށް ދޭ ރޮކެޓް ޙަމަލާތަކުގެ ސަބަބުން ޣައްޒާއާ ކައިރި ހިސާބުތަކުގައިވާ އިސްރާއީލުގެ ކާރުޚާނާތަކުގެ 30 އިންސައްތަ ވަނީ ބިންގަރާސްތަކުގައި ތިބެންޖެހި މީހުންނަށް މަސައްކަތު ނުނިކުމެވޭތީ ބަންދުކޮށްފައެވެ. އަދި ބައެއް ކާރުޚާނާތަކަށް ރޮކެޓް ޙަމަލާތައްވެސް ވަނީ އަރާފައެވެ. ޣައްޒާއާ ދުރުގައިވާ އިސްރާއީލުގެ ކާރުޚާނާތަކުގެ 20 އިން ސައްތަ ވެސް ވަނީ މުޖަހިދުންގެ ރޮކެޓް ޙަމަލާތަކާ ގުޅިގެން މީހުންނަށް މަސައްކަތު ނުނިކުމެވޭތީ ބަންދުކޮށްފައެވެ. މުޅި އިސްރާއީލުގެ ސްކޫލްތަކާއި ޔުނިވަސިޓީތަކާއި، ކޮލެޖްތަކާއި އެނޫންވެސް ތައުލީމީ އިދާރާތަކުގެ 70 އިންސައްތަ ތަންތަންވަނީ ބަންދުކޮށްފައެވެ.

އިމާރާތްތަކާއި ތަކެއްޗަށް ލިބުނު ގެއްލުމުގެ އިތުރަށް، އިގްތިސާދީ މަސައްކަތްތައް ހުއްޓުމަކަށް އައުމުގެ ސަބަބުން މިހާތަނަށް އިސްރާއީލަށް ލިބުނު ގެއްލުންތައް 300 މިލިއަން ޑޮލަރަށް އަރައެވެ. އެމެރިކާގެ އެންމެ ބާރުގަދަ ހަތިޔާރުތައް ބޭނުންކޮށްގެން އިސްރާއީލުން ޣައްޒާއަށް ހަމަލާދޭތާ 9 ދުވަސްވެފައިވާއިރު އިސްރާއީލުގެ ޙަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 220 މީހުން ޝަހީދުވެ 1250 މީހުންވަނީ ޒަޚަމްވެފައެވެ. އަދި ޣައްޒާގެ 40 ހާސް މީހުންގެ ގެދޮރު ގެއްލިވަނީ މަގުމަތިވެފައެވެ. މުޖާހިދުންގެ ހަމަލާތަކުގައި މަރުވިކަމަށް އިސްރާއީލުން ރަސްމީކޮށް އެއްބަސްވެފައިވަނީ އެންމެ 11 މީހުންކަމަށް ވެފައި ޒަޚަމްވީ 689 މީހުންކަމަށް ރަސްމީ ސިފައެއްގައި އިސްރާއީލުން ބުނިނަމަވެސް މުޖާހިދުންގެ ހަމަލާތައް އިސްރާއީލުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަރާފައިވާ މިންވަރާއި އިސްރާއީލަށް ލިބިފައިވާ މާއްދީ ގެއްލުންތަކަށް ބަލާއިރު މިއަށްވުރެ މާގިނަމީހުން މަރުވެ މާގިނަ މީހުން ޒަޚަމްވާނެ ކަމަށްވަނީ ބެލެވިފައެވެ.

ކުވައިތު ހަނގުރާމައިގެ ދުވަސްވަރު އިރާގުން (ސައްދާމްގެ ސަރުކާރުން) އިސްރާއީލަށް ދިން މިސައިލް ޙަމަލާތަކުގައި މަރުވީ އެންމެ 3 މީހުންކަމަށް އެދުވަސްވަރު އިސްރާއީލު ބުނިނަމަވެސް ފަހުންވަނީ އެޙަމަލާތަކުގައި އިސްރާއީލުގެ 43 މީހުން މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވި ކަމަށް އެއްބަސްވެފައެވެ. އިސްރާއީލަކީ ހަގީގަތް ވަރަށް ބޮޑަށް އޮޅުވާލުމުގެ އިތުރުން އެއްވެސް ގައުމަކަށް ނުކުޅެވޭވަރުގެ ބާރުގަދަ ގައުމެއްކަން ދައްކައި ޕްރޮޕަގެންޑާ ކުރާ މަކަރުވެރި އިޔަހޫދީ ގައުމެކެވެ.

comment ކޮމެންޓް