ނަފްރަތު އުފެއްދުމާ ދެކޮޅު ބަހުސް: އިދިކޮޅުން ބުނީ އެމްޑީޕީއަށް ބޯދަމައި ނުގަނެވޭނެ ކަމަށް

ސައީދު، ޓޮމް: ނަފްރަތުގެ ވާހަކަ ދެއްކުމުން އެމްޑީޕީއަށް ބޯ ދަމައި ނުގެނެވޭނެ ކަމަށް އިދިކޮޅު މެމްބަރުން ބުނޭ ---

ހަރުކަށި ފިކުރުގެ ތެރެއިން މީހުންގެ ލޭ ހުއްދަކޮށް, ނަފްރަތުގެ ވާހަކަ ދެއްކުން ހުއްޓުވާލުމަށް ގޮވަައި މިއަދު މަޖިލިހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި އެމްޑީޕީން ދެއްކި ނަފްރަތުގެ ވާހަކަތައް އިދިކޮޅު މެމްބަރުން ހަނދާންކޮށްދީފި އެވެ.

ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަކުރުމަށް ގޮވާލާތީ އެކަން ހުއްޓުވުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހްމަދު ނަސީމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މައްސަލާގައި ބަހުސްކުރައްވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް, މާވަށު ދާއިރާ މެމްބަރު މުހައްމަދު ސައީދު ވަނީ މީގެ ކުރިން އެމްޑީޕީން ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނެ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ, ނިމިދިޔަ ކައުންސިލް އިންތިހާބުގައި މާލެ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް އަމާޒުކޮށް, އެމްޑީޕީން "ހޮޅި މުއިއްޒު", ވަށަފަރު މުއިއްޒު" ނަމުން މުހާތަބު ކުރި ކަމަށެވެ. އެހެން ކަމުން "ހޭޓް ސްޕީޗް" ރާއްޖެއަށް އުފަން ކުރި ކޮން ބައެއް ކަމާމެދު ފުންކޮށް ވިސްލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި މައްސަލަ ހުށަހެޅުއްވި ބޭފުޅާ [މީކާއިލް]އަށް ދަންނަވާލަން ބޭނުން ސިޔާސީ ހަތަރު ފަސް ހަ ލީޑަރެއް މަތީގައި އެއް ސަފުހާގަ ޖައްސަވާފަ ކޮލަމްއެއް ހައްދަވާލައްވާ. ހައްދަވާފަ ރާއްޖޭގައި ހޭޓް ސްޕީޗް ކިޔާ އެއްްޗެއް އެންމެ ގިނައިން އުފަންކުރުވީ ކޮން ބޭފުޅެއްތޯ ބައްލަވާ. އޭރުން މީގެ ނަތީޖާ ލިބޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ސައީދު ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމީޝަނުން އެކުލަވާލައި, މަޖިލީހުން މިދިޔަ ހަފްތާ އާންމު ކުރި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ސައީދުވެސް ހިމެނިވަޑައިގަންވައެވެ. އޭނާ ވިދާޅުވީ, އެ ލިސްޓުން މަޖިލީހުގެ ދެ ބައި ކުޅަ އެއްބައި މެމްބަރުން "ވަގުންނަށް" ހަދައިފި ކަމަށެވެ.

"ކޮން ހައްގެއްތޯ އޮތީ, މި މަޖިލީހުގެ އެތައް މެމްބަރުންނާއި އެތައް އާންމު ރައްޔިތުން ހަވަރަށްދީ, ކޮށައި ކަތިލަން, މި މަޖިލީހުން ތިބޭފުޅުން އެމެމްޕީއާރުސީގެ ނަމުގައި މަގުމައްޗަށް މަލާފަތަކަށްލާ ދިނުމަށް. މިއީތޯ މަޖިލީހުން މަސައްކަތް ކުރަން ޖެހޭ ގޮތަކީ," ސައީދު ވިދާޅުވި އެވެ.

ސައީދުގެ ވާހަކަފުޅުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ މެދު ނަފްރަތް އުފެއްދި ކަމަށް ބުނެ އޭރު އެމްޑީޕީން ކުރި ބައެއް ކަންކަންކަމަށްވެސް އަލިއަޅުވާލި އެވެ. އެގޮތުން ކުރިން އެމްޑީޕީން މަޖިލިސް ބޭރުގައި ކޯޓެއް ހަދައިގެން އެމަނިކުފާނުގެ ގެކޮޅު, ކިނބިގަސްދޮށުގެ ދައުލަތައް ނެގި މަންޒަރުވެސް ފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މައުމޫންގެ ވެރިކަން ނިމުމުން, ރިޔާސީގަނޑުވަރު އާންމުންނަށް ދެއްކި ދުވަސްވެސް ހަނދާން ނުނެތޭ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދުގެ އިތުރުން މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ތޯރިގް (ޓޮމް)ވެސް ވަނީ އެމްޑީޕީން ނަފްރަތުގެ ވާހަކަ ދައްކާކަމަށް ބުނެ އެ ބަހުސްގައި ވާހަކަ ދައްކާފައެވެ. އެގޮތުން, ނަފްރަތު އުފެއްދުމުގެ މަސައްކަތް ހަމައެކަނި ހިނގައިފައިވަނީ މިވެރިކަމުގައި އެކަނި ނޫން ކަމަށާއި 2007އަހަރު ވަނަ އއ. ހިމަންދޫގައި ހިނގައި ދިޔަ ދީނީ ހަމަނުޖެހުންތައް ހިނގަމުން ދިޔައިރު އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އަމާޒުކުރި ނަފްރަތުގެ ވާހަކަތަކަށް ހިތްވަރު ދިން ބަޔަކު ވެސް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ފަހުން މިތާ ކައިރީގައި ވަކިން މިސްކިތެއްގައި ނަމާދު ކުރަމުން ދިޔަ މީހުންނަށް ސްޕީކާ ސިސްޓަމާއި މެގަފޯން ދިނީ ކޮން ބައެއްކަން އެނގެން އޮންނާނެ. އެހެންވީމާ ވެރިކަމުގައި ތިބޭ ބޭފުޅުންނަށް ހަޖޫޖަހައި އެބޭފުޅުންނަށް ނަފްރަތު އުފައްދައި އަދި ހަޖޫ ޖަހައި, އަބުރު ނަގާލައި މުވައްސަސާތަކުގެ އަގު ވައްޓާލައި, މިހުރިހާ މަސައްކަތެއް ކުރަނީ އޭރުގައި އިދިކޮޅުގައި ތިއްބެވި ބޭފުޅުން. އޭގެ ތެރެއިން އެމްޑީޕީން ބޯދަމައިގަނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ތޯރިގް ވިދާޅުވި އެވެ.

ނަފްރަތު އުފެއްދުމުގެ މައްސަލައިގައި ސައީދާއި ޓޮމް އެމްޑީޕީއަށް ފާޑު ވިދާޅުވި އިރު, މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އެ ބަހުސްގައި ވިދާޅުވީ, ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް އަމާޒުކޮށް ދައްކާ ސިޔާސީ ވާހަކަ އާއި ދީނުގެ ނަމުގައި ނަފްރަތު އުފެއްދުމަށް ވާހަކަ ދެއްކުމަކީ ދެ ކަމެއް ކަމަށެވެ. އަދި ދީނުގެ ނަމުގައި ނަފްރަތު އުފައްދައިގެން މީހުން މެރުމަށް ގޮވުމަކީ, ބައިނަލްއަގުވާމީ ގޮތުންވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ގާނޫނުތަކުންވެސް ކުށެއް ކަމަށެވެ. އޭނާ ވިދާޅުވީ, އަނެއް މީހާއަކީ, ލާދީނީ މެހެއް ނުވަތަ ދީން ގަބޫލު ނުކުރާ މީހެއް ކަމަށް ބުނުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށެވެ.

ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް އެޓާނީ ޖެނެރަލް އޮފީހުން މިހާރު ވަނީ ރައީސް އޮފީހަށް ބިލެއް ވެސް ރައީސް އޮފީހަށް ފޮނުވާފަ އެވެ.

comment ކޮމެންޓް