އެލެކްސްގެ ސުވާލަކީ، ނަޝީދަށް ދިން ހަމަލާއަށް ފަންޑު ކުރި މީހާ ކޮބާތޯ؟

މަޖިލިސް ރައީސް ނަޝީދު: އެމަނިކުފާނުގެ ވަގު އެކައުންޓުން ޓްވީޓްކޮށްފައިވަނީ ހަމަލާއަށް ފަންޑު ކުރި މީހާ ކޮބާތޯ ---

ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަންޑު ކުރި މީހާ ކޮބައިތޯ އައްސަވައި, އެމަނިކުފާނުގެ "ވަގު އެކައުންޓު" އެލެކްސް އަހްމަދު ޓުވީޓްކުރަައްވައިފި އެވެ.

ރައީސް ނަޝީދުގެ ވަގު އެކައުންޓުން ކުރި ޓުވީޓްގައި އެމަނިކުފާނު ސުވާލު އުފެއްދީ, "ކޯބާހޭ ފަންޑު ކުރި މީހާ" އެވެ.

"އޭނާ ހޯދަން އަނެއްކާ ވެސް އެމްއެމްއޭ, އެމްޕީއެސް ނުވަތަ އެމްއެންޑީއެފް ގާތު އެހުން އެއީ އެންމެ ބުއްދިވެރި ގޮތެއް ނޫން," އެލެކްސް ޓްވީޓްގައި ވިދާޅުވި އެވެ.

ނަޝީދު ދިރިއުޅުއްވާ ކެނެރޭގޭ, ނީލޯފަރު ގޯޅި ކަންމަތީގައި ސައިކަލެއްގައި އައިޑީއެއް ބޭނުންކޮށްގެން މި މަހު 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާ އިން އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ވެފަ އެވެ. އެ ހަމަލާގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށް ފަހު, މިހާރު އެމަނިކުފާނު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގަ އެވެ.

މިހާތަނަށް އެ ހަމަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެހާދިސާ ހިނގިތާ ދެ ހަފްތާއެއްހާ ދުވަސް ވާއިރު, މިހާތަނަށް ހަމަލާގެ އަޑީގައި ތިބި ފަރާތްތައް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި އެކަމާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ ވެސް މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

އެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ސެކިއުރިޓީ ފެއިލްވި ގޮތުގެ ތަހުގީގެއް ހިންގުމަށް ނުވަތަ ޕާލިމަންޓްރީ އިންކުއަރީއެއް ހިންގުމަށް މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެގޭ އިތުރުން ސަރުކާރުން ވެސް އެކަމަށް ހާއްސަ ކޮމީޓީއެއް ހަދައި އެކަން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް