މަޖިލިސް ގޮއްވާލަންވީ ކަމަށް ބުނެ ކޮމެންޓު ކުރި މީހެއްގެ މައްސަލަ ފުލުހަށް

ރައްޔިތުން މަޖިލިސް ކުރާ ގޭ ކައިރިން ފުލުހުންތަކެއް ހިނގާފައި ދަނީ -- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަންޖެހޭ ތަނެއް ކަމަށް ބުނެ، ކޮމެންޓު ކުރި މީހެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން، ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދިޔައީ މިމަހުގެ ހަ ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހެޅި މައްސަލައަށް ބަހުސް ކުރަމެވެ.

ބަހުސް ކުރިއަށް ދަނިކޮށް، ޖަލްސާ ލައިވްކުރި ފޭސްބުކް ސްޓްރީމަކަށް ކޮމެންޓު ކުރި މީހަކު ވަނީ، މަޖިލީހަކީ ގޮއްވާލަން ޖެހެ ތަނެއް ކަމަށް ބުނެފަ އެވެ. އަދި މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ހަރާން ލާރި ކާ ބައެއް ކަމަށާއި، އެފަދަ ބަޔަކު ތިބޭ ތަނެއް "ބަހައްޓާނެ ކަމެއް" ނެތް ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ކޮމެންޓް ކުރުމާއެކު، މަޖިލީހުގެ އަމީންއާންމު އެކަން ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެކަމަށް ބުނެ މީހަކު ކޮށްފައިވާ ކޮމެންޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މި މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.

އަދި ޓެރަރިޒަމަށް ހިތްވަރު ލިބޭގޮތަށް ތަންތަނާއި މީހުންނަށް ގެއްލުން ދޭނެކަމަށް ބުނެ ސޯޝަލް މީޑިއާ އަދި އެހެނިހެން ގޮތްގޮތުން ދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި, ފިޔަވަޅު އަޅަމުން ގެންދާ މައްސަލަތަކެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ޓެރަރިޒަމަށް ތާއީދުކޮށް، ނުވަތަ އެފަދަ ކަންކަމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ކޮމެންޓުކޮށް ވާހަކަދެއްކުމަކީ ޖިނާއީ ކުށެކެވެ. އަދި އެފަދަ ފަރާތްތައް ހޯދާ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ މިފަހުން ދީފަ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށެވެ.

"ހިތްވަރު ދިނުން" ކަމަށް ގާނޫނުގައި ބުނެފައި ވަނީ، މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމަށް ހިތްވަރުދޭ ކަމެއްކަމަށް އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ފެންނަ ފެނުން ކަމަށެވެ.

އެގޮތުން ޓީވީ، ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ވެސް ޓެރަރިޒަމަށް ހިތްވަރު ދިނުމަކީ ކުށެކެވެ. ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ވަކިވަކި ފަރުދުންނާ މެދު ނަފުރަތު އުފައްދާ, ހަރުކަށި ފިކުރު ފަތުރާ، އަދި ލޭއޮހޮރުވުމަށް ގޮވާލާ މީހުންނާ މެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.

comment ކޮމެންޓް