ފަލަސްތީނުގެ އެތައް ހާސް މީހުން މަގުމަތިވެފައި، އެދެނީ ކާބޯތަކެއްޗާއި އިތުރު އެހީއަށް

އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން މަގުމަތިވެފައިވާ މީހުންނަށް ވަނީ ސްކޫލްތަކުން ހިމާޔަތް ހޯދަން މަޖުބޫރުވެފަ -- ފޮޓޯ: އަލް ޖަޒީރާ

ގުދުސް (މެއި 18): އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެތައް ހާސް މީހުން މަގުމަތިވެފައިވާ ކަމަށާއި އެމީހުންގެ އަސާސީ ބޭނުންތައް ފުއްދުމަށް އެހީ ބޭނުންވާ ކަމަށް އދ.އިން ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ރެފިއުޖީ އޭޖެންސީ yޔޫއެން ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯރ ޕަލެސްޓީން ރެފިއުޖީސް (އުނުރްވާ)އިން ބުނެފި އެވެ.

އުނުރްވާއިން އިއްޔެ ނެރުނު ބަޔާނެއްގައި ތަރުޖަމާނު އަދުނާން އަބޫ ހަސަން ވިދާޅުވި ގޮތުގައި އެ ޖަމިއްޔާއިން ދަނީ ޣައްޒާގައި ގެދޮރު ނެތިފައިވާ ބައެއް މީހުންނަށް އެހީ ފޯރުކޮށް ދެމުންނެވެ. ނަމަވެސް ޣައްޒާއަށް އިންސާނީ އެހީ އެތެރެ ކުރަން ބޭނުން ކުރާ ބޯޑަރު ސަރަހައްދު އިސްރާއިލުން މިމަހުގެ 10އެއްގައި ބަންދު ކުރުމުން އެ ޖަމިއްޔާއަށް އިތުރު އެހީ ބޭނުންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް އަވަހަށް އެހީ ބޭނުންވޭ،" ހަސަން ވިދާޅުވި އެވެ.

އދއިން ބުނި ގޮތުގައި އިސްރާއީލްގެ ހަމަލާތަކާ ހެދި ޣައްޒާއިން 38،000އަށް ވުރެ ގިނަ މީހުން ވަނީ މަގުމަތިވެފަ އެވެ. އޭގެ ތެރެއިން 2،500 މީހުންގެ ގެތައް އެއްކޮށް ސުންނާފަތިވެފައިވާ ކަމަށް އދ.އިން ބުންޏެވެ. އަދި ގެދޮރު ނެތިފައިވާ މީހުންނަށް ހިމާޔަތް ދިނުމަށް އުނުރްވާއިން ހިންގާ 48 ސްކޫލެއް ބޭނުން ކުރަމުންދާ ކަމަށް އެޖަމިއްޔާއިން ބުންޏެވެ.

ޣައްޒާއަށް މިދިޔަ ބުރާސްފަތި ދުވަހު އަމާޒުވި ހަމަލާތަކެއްގެ ސަބަބުން ގެދޮރު ދޫކޮށް ދާން ޖެހުނު ސުހައިރުލް އަރުބީދު، އަލް ޖަޒީރާއާ ފޯނުން ވާހަކަ ދައްކަމުން ބުނި ގޮތުގައި އެފަދަ އާއިލާތަކަށް މިހާރު ބޭނުންވެފައިވާ ތަކެތީގެ ތެރޭގައި ކާބޯތަކެއްޗާއި އަންނައުނު ހިމެނެ އެވެ.

އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ވަގުތީ ހިޔާތަކުގައި ތިބެން ޖެހިފައިވާ މީހުން އެދެނީ ކާބޯތަކެއްޗާއި ރަޖާ ފަދަ އެހީ ފޯރުކޮށްދިނުމަށް -- ފޮޓޯ: އަލްޖަޒީރާ

"އަޅުގަނޑުމެންނަށް ކާނާ އާއި އަންނައުނާއި ރަޖަ އާއި ގޮދަޑި އާއި ކިރު ބޭނުންވޭ. ބިންމަތީގައި އޮތް ތުނި ފޮތިކޮޅެއްގެ މަތީގައި ނިދަން ޖެހުމުން ބުރަކައްޓަށް ތަދުވޭ،" ސުހައިރު ބުންޏެވެ.

ސުހައިރު ބުނި ގޮތުގައި އޭނާގެ ދަރިފުޅު އުފަންވީ މީގެ ދެ ހަފްތާ ކުރިންނެވެ. އަދި ދަރިފުޅަށް ބޭނުންވާ ނެޕީ ހޯދަން ޖެހެނީ އެހެން މީހުންގެ އަތުން ކަމަށާއި ކުއްޖާއަށް ގާތުން ދޭން މަސައްކަތް ކުރި ނަމަވެސް، ދަރިފުޅު ބަނޑުހައިވެގެން ރޮނީ ކަމަށް ސުހައިރު ބުންޏެވެ.

އިސްރާއީލްހެ ހަމަލާތަކުގެ ސަބަބުން ގެދޮރު ދޫކޮށް ދާން ޖެހުނު އިތުރު މީހެއް ކަމަށްވާ އުއްމު ޖަމާލް އަލް އަތަރު ބުނި ގޮތުގައި މީގެ ކުރިންވެސް އެ އާއިލާއަށް މިފަދަ ހާލަތަކާ ދިމާވި އެވެ. އެއީ 2014 ވަނަ އަހަރުގެ ޣައްޒާ ހަނގުރާމައިގެ ތެރޭގަ އެވެ. އެ ހަނގުރާމައިގައި އިސްރާއީލުން 50 ދުވަސް ތެރޭ ފަލަސްތީނުގެ 2،100 މީހުން މަރާލި އެވެ. އޭގެ ތެރޭގައި 1،462 އާއްމު ރައްޔިތުން ހިމެނުނެވެ.

"އިސްރާއީލުން ދިޔައީ އަޅުގަނޑުމެންނަށް މިސައިލާއި ބޮމުން ހަމަލާ ދެމުން. އެމީހުން ގޭހެއް ވެސް ޖެހި. އަޅުގަނޑުމެންގެ ދަރިން ބޮމުގެ ހަމަލާތަކާ މެދު ފިކުރު ބޮޑުވުން ކުޑަ ކުރުމަށް އެ ކުދިންނަށް ކުޅޭ ތަކެތި ނުވަތަ އެފަދަ އެހެން އެއްޗެއް ދޭން އެބަ ޖެހޭ. އެކުދިން މިހާރު ދައްކަނީ ހުސް ބޮމުގެ ވާހަކަ،" އުއްމު ޖަމާލް ބުންޏެވެ.

މީގެ އިތުރުން އިސްރާއީލްގެ ހަމަލާއެއްގައި އެއްކޮށް ހަލާކުވި ގެއެއްގައި ދިރިއުޅެމުން ދިޔަ ހަތް ކުދިންގެ މަންމައެއް ކަމަށްވާ މަޖުދާ އަބޫ ކަރޭޝް ބުނި ގޮތުގައި އޭނާގެ އާއިލާއިން ސްކޫލެއްގައި ދިރިއުޅެމުން ދާތާ މިހާރު ފަސް ދުވަސް ވެއްޖެ އެވެ. ނަމަވެސް އެ އާއިލާއަށް އުނުރްވާއިން ކާބޯޓަކެއްޗާއި އެހެން އެއްވެސް އެހީއެއް ނުލިބެ އެވެ.

"މިއީ ހަނގުރާމައިގެ ސަބަބުން އަޅުގަނޑުމެންނަށް ސްކޫލަކުން ހިމާޔަތް ހޯދަން ޖެހުނު ހަތަރު ވަނަ ފަހަރު. އަޅުގަނޑުމެން ބިންމަތީގައި ނިދާތާ ފަސް ދުވަސް ވެއްޖެ އަދި އުނުރްވާއިން ކާއެއްޗެއް ނުވަތަ އެހެން އެއްޗެއް ނުލިބޭ. މިތާ ނެތް ސާފު ބޯފެނެއް އަދި ފާހާނަތައްވެސް ހުރީ ވަރަށް ދަށް ހާލަތެއްގައި،" މަޖުދާ ބުންޏެވެ.

ހަމަ އެގޮތަށް، އިސްރާއީލުގެ ހަމަލާތަކުން ކިރިޔާ ސަލާމަތްވި ޝާހިރު ބަރުދާވެސް ބުނި ގޮތުގައި އުނުރްވާއިން އެމީހުންގެ ހާލަތަށް މާ ބޮޑަށް އަޅާލާފައި ނުވެ އެވެ. އަދި އެމީހުން ފެން ގަނެފައި ވަނީ އަމިއްލައަށް ލާރި އެއްކޮށްގެންނެވެ.

ބަރުދާގެ އާއިލާގެ މެމްބަރެއް ކަމަށްވާ ރަޖައި ބުނި ގޮތުގައި އެމީހުން ދިރިއުޅެމުން ދިޔައީ އިސްރާއީލްގެ ބޯޑަރު ކައިރީގައި ކަމުން، އެނބުރި ގެޔަށް ދިޔުމަކީ ނުރައްކާތެރި ކަމެކެވެ. އަދި މީގެ ކުރިންވެސް އެމީހުންނަށް ގެދޮރު ދޫކޮށް ދާން ޖެހިފައިވެ އެވެ.

"އަޅުގަނޑުމެންނަށް ދުނިޔޭގެ އެހީ އެބަ ބޭނުންވޭ. އަދި އަޅުގަނޑުމެން ޣައްޒާގެ ރައްޔިތުން މިތިބީ އަގްސާ މިސްކިތާއި ގުދުސް އާއި އެހެން ތަންތަނުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ އެކު. އަޅުގަނޑުމެން އެންމެން އެއްބައި ވާން ޖެހޭ. ނަމަވެސް މިވަގުތު އަޅުގަނޑު ހަމައެކަނި ބޭނުމީ އަޅުގަނޑުގެ ކުދިންނަށް ދޭނެ ރަޖާ، އެކުދިންނަށް ފިނި ކަމުން ރޭ ނުވެސް ނިދޭ،" ބަރުދާ ބުންޏެވެ.

comment ކޮމެންޓް