ކޭޝްކާޑު ވަގަށް ނަގައި އޭޓީއެމް އިން ވިތުޑްރޯކުރި 18،000 ރުފިޔާ ހޯދައިފި

ނ. މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށް ނަގައިގެން އޭޓީއެމް އިން ވިތްޑްރޯކުރި ފައިސާތަކެއް ހޯދައިފި އެވެ.

ފުލުހުން ބުނީ މާފަރު މީހެއްގެ ކާޑު ވަގަށް ނައިގެން އެ އަތޮޅު ކެނދިކުޅުދޫ އޭޓީއެމް އިން އެ ކާޑު ބޭނުންކޮށްގެން 20،000 ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް މި މަހުގެ 10 ވަނަ ދުވަހު މާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މި މަހު 10 ވަނަ ދުވަހު 26 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1،000 ރުފިޔާ ފެނިފައިވާ ކަމަށެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެ މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ފައިސާތައް ހޯދުމަށް މާފަރު ޕޮލިސް ސްޓޭޝަނާއި، މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އޭގެ ތެރެއިން 17،000 ރުފިޔާ މާފަރު ވަލުތެރޭގައި ވަޅުލާފައި ހުއްޓައި ހޯދާފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ ކާޑު ވަގަށް ނަގައިގެން އޭޓީއެމް އިން ވިތްޑްރޯކުރި 20،000 ރުފިޔާގެ ތެރެއިންމިހާތަނަށް ހޯދިފައިވާ 18،000 ރުފިޔާ މިހާރުވަނީ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ މާފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް