ގައްދޫ ޒާހިރު އަވަހާރަވުމުން އެމްޑީއޭގެ ތައުޒިޔާ

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް އަވަހާރަވުމާ ގުޅިގެން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ގައްދޫ ޒާހިރު އާއިލާ އަށް ތައުޒިޔާ ފޮނުވައިފި އެވެ.

އެ ޕާޓީއިން ނެރުނު ތައުޒިޔާގެ މެސެޖުގައި ބުނީ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދާއި ޕާޓީގެ މެންބަރުންނާއި ގުނަވަންތަކުގެ ނަމުގައި ޒާހިރުގެ އާއިލާ އަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

މަރުހޫމް ޒާހިރުއަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި މުހިއްމު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ޑިމޮކްރަސީއަށް ރާއްޖެ ކުރި ދަތުރުގައި ރައްޔިތުންގެ ހައްގުގައި ސާބިތުކަމާއެކު ވަކާލާތު ކުރެއްވި ބޭފުޅެއް ކަމަށް އެމްޑީއޭގެ ބަޔާނުގައި ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ދައުރުގައި ޒާހިރު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ގިނަ ހިދުމަތްތަކެއް ޒާހިރު ކުރައްވާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

އުމުރުން 74 އަހަރުގައި ޒާހިރު އާދަމް އަވަހާރަވީ ރޭގެ ވަގުތެއްގައި އެވެ. އެނގިފައިވާ ގޮތުގައި އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ޒާހިރު އާދަމް ވަނީ 27 ފެބްރުއަރީ 2005 އިން 27 މެއި 2009 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ގދ. އަތޮޅުގެ މެމްބަރުކަން ކުރައްވާފަ އެވެ. އަދި 28 މެއި 2009 އިން 27 މެއި 2014 ގެ ނިޔަލަށް ގައްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އެވެ.

ހަމައެހެންމެ އޭނާ ވަނީ 28 ފެބްރުއަރީ 2005 އިން 26 ޖޫން 2008 ގެ ނިޔަލަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފަ އެވެ.

comment ކޮމެންޓް