އިމްޕޯޓު އިތުރުވެ އެކްސްޕޯޓު ދަށަށް

އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް އެތެރެކުރި މުދާ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އިތުރު ވެއްޖެ އެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އޭޕްރީލް މަހު ރާއްޖެ އަށް ތިން ބިލިއަން ރުފިޔާމެ މުދާ އެތެރެކޮށްފައި ވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކޮށްފައިވަނީ 1.8 ބިލިއަން ރުފިޔާގެ މުދަލެވެ. އަހަރުން އަހަރަށް ބަލާއިރު މިއަހަރުއޭޕްރީލް މަހު ރާޢްޖެ އެތެރެކުރި މުދާ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 67 ޕަސެންޓު ވަނީ އިތުރުވެފައެވެ.

އިމްޕޯޓު ކުރި މުދަލުގެ ތެރެއިން 779 މިލިއަން ރުފިޔާގެ މުދަލަކީ ކާބޯތަކެއްޗެވެ. 517 މިލިއަން ރުފިޔާގެ އަގުހުރި މެޝިނަރީ އާއި މެކޭނިކަލް އިކުއިޕްމެންޓު މިދިޔަ މަހު އެތެރެކޮށްފައިވާއިރު މިދިޔަ މަހު 402 މިލިއަން ރުފިޔާގެ ތެލާއި ގޭހުގެ ބާވަތްތައް ރާއްޖެ އެތެރެކޮށްފައި ވެއެވެ.

ރާއްޖެ އަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އިންނެވެ. 444 މިލިއަން ރުފިޔާގެ މުދާ އެ ގައުމުން އެތެރެކޮށްފައިވާއިރު އިންޑިއާ އިން 411 މިލިއަން ރުފިޔާގެ މުދާ، އޮމާން އިން 370 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕީރުން 314 މިލިއަން ރުފިޔާގެ މުދާ، ޗައިނާ އިން 207 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެއެވެ.

އެކްްސްޕޯޓަށް ބަލާއިރު 174 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ވަނީ އެކްސްޕޯޓު ކޮށްފަ އެވެ. 2020 ވަނަ އަހަރުގެ އޭޕްރީލް މަހު 237 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރިއެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ އޭޕްރީލް މަހު އެކްސްޕޯޓުކުރި މުދާ ވަނީ27 ޕަސެންޓް ދަށްވެފައެވެ.

ރާއްޖެއިންް އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކޮށްފައިވަނީ ގަނޑުކުރި ކަނޑުމަކެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ 81 މިލިއަން ރުފިޔާގެ މުދަލެވެ. 12 މިލިއަން ރުފިޔާގެ މުދާ އިންޑިއާ އަށް އެކްސްޕޯޓުކޮށްފައިވާއިރު އެ އަދަދަށް އިނގިރޭސިވިލާތަށްވެސް ވަނީ އެކްސްޕޯޓު ކޮށްފައެވެ. ދެން އެންމެ ގިނައިން މުދާ ބޭރުކޮށޤފައިވަނީ އެމެރިކާ އަދި ޖަރުމަނަށެވެ.

ކަސްޓަމްސްގެ ހިސާބުތަކަށް ބަލާއިރު ކަސްޓަމްސް މެދުވެރިކޮށް މިދިޔަ މަހު ރާއްޖެ އަށް ލިބުނު އާމްދަނީ ވަނީ 101 ޕަސެންތު އިތުރުވެފައެވެ. މި އަހަރުގެ އޭޕްރީލް މަހު ޑިއުޓީ އަށް 261 މިލިއަން ރުފިޔާ އަދި ރޯޔަލިޓީގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ޑިއުޓީ އަށް ލިބުނީ 129 މިލިއަން ރުފިޔާަ އެވެ،

comment ކޮމެންޓް