މުހިއްމު ކުޅުންތެރިންތަކެއް ޓީމާ ދުރަށް، ކޫމަންއަށް އިތުރު ބޮލުގެ ރިހުމެއް!

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން: ފޮޓޯ އެފްއޭއެމް

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނަށް އެކުލަވާލި ގައުމީ ސްކޮޑުން އެކި ސަބަބުތަކާ ހުރެ މުހިއްމު ކުޅުންތެރިންތަކެއް ވަކިވެއްޖެ އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންގެ 33 ޕްރިލިމިނަރީ ސްކޮޑެއް ފުރަތަމަ ނެގި ނަމަވެސް މިދިޔަ ހަފުތާ ހޮޓެލް ޖެން އަށް ކޭމްޕް ޖެހީ 25 ކުޅުންތެރިންނާ އެކު އެވެ. ހުރިހާ ކުޅުންތެރިންގެ ޕީސީއާރު ޓެސްޓެއް ހެދުމަށް ފަހު ކޭމްޕް ޖެހި އިރު، އަށް އޮފިޝަލުން ވެސް ކުޅުންތެރިންނާ އެކު ވަނީ ކޭމްޕްކޮށްފަ އެވެ.

ނަމަވެސް އެކުޅުންތެރިންގެ ތެރެއިން މިހާރު ބައެއް ކުޅުންތެރިން ވަނީ އަމިއްލަ ސަބަބުތަކާއި، ކޮވިޑަށް ޕޮޒިޓިވް ވުމުން ކޭމްޕް ދޫކޮށްލައިފަ އެވެ. އެގޮތުން އަމިއްލަ ސަބަބަކާ ހުރެ ވަކިވީ މާޒިޔާގެ ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ކޮވިޑް އަށް ޕޮޒިޓިވްވުމުން ކޮލިފައިން ގެއްލުނީ ޔުނައިޓެޑް ވިކްޓްރީގެ މިޑްފީލްޑަރު އިސްމާއިލް އީސާ (މެސީ) އަށެވެ.

އިންސްޓަގްރާމްގައި ގައުމީ ކޯޗު ކޫޕްމަން އިއްޔެ ކޮށްފައިވާ ޕޯސްޓް.

މީގެ އިތުރުން އަންހެނުން ކޮވިޑަށް ޕޮޒިޓިވްވުމާ އެކު އަލީ އަޝްފާގު (ދަގަނޑޭ) އަށް ކޭމްޕް ދޫކޮށް ދިޔުމުގެ ހުއްދަ ދީފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އަދި ހޯމަ ދުވަހުގެ ވަގުތެއްގައި ދަގަނޑޭ ކޮވިޑަށް އަލުން ޓެސްޓުކުރި އިރު، އޭނާ އަށް ދެން ކޭމްޕްގައި ބައިވެރިވެ ވޭނީ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުން ކަމަށް ވިދާޅުވި އެވެ. އެކަމަކު ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ، އޭނާ ވެސް ޖެހޭނީ 14 ދުވަހަށް ކަރަންޓީނު ވުމަށެވެ. އެ ހާލަތުގައި ކޮލިފައިން މެޗުތަކަށް އެކުލަވާލާ ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން ދަގަނޑޭއަށް ވެސް ފުރުސަތު ގެއްލިގެންދާނެ އެވެ.

އިއްޔެ ހެނދުނު ގައުމީ ޓީމުގެ ހެޑް ކޯޗު މާޓިން ކޫޕްމަން އޭނާގެ އިންސްޓަގްރާމްގައި ގައުމީ ޓީމުން ކޭމްޕްގައި ތިބެ ފަރިތަކުރުންތަކެއް ކުރިއަށް ގެންދިޔަ މަންޒަރުގެ ފޮޓޯތަކެއް އާއްމު ކުރަމުން ބުނެފައި ވަނީ ވަރަށް ގިނަ ކުޅުންތެރިން އިންފެކްޓްވެފައިވާ ކަމަށާއި، އެކަމަކު ރަނގަޅު ހާލަތަކަށް ގެނެވޭތޯ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ފަސް ހަފުތާ ވަންދެން ދަނޑުގައި ތަމްރީނު ނުކޮށް، ޗައިނާގައި 10 ދުވަހުން ތައްޔާރުވާން ޖެހުމަކީ ޗެލެންޖެއް ކަމަށާއި އެކަމަކު ޓީމެއްގެ ގޮތުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ކޫޕްމަން ބުންޏެވެ.

ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

comment ކޮމެންޓް