މުޒާހަރާތަކާ ގުޅިގެން ކުޅުންތެރިންނަށް ބޮޑު އަސަރެއް ކޮށްފި: ސޮލްޝެއާ

ޔުނައިޓެޑުގެ ސަޕޯޓަރުން އޯލްޑް ޓްރެފޯޑް ދަނޑު ހުންނަ ސަރަހައްދުގައި މުޒާހަރާ ކުރަނީ --- ފޮޓޯ//ބީބީސީ

މެންޗެސްޓާ ޔުނައިޓެޑްގެ އޯނަރުންނާ ދެކޮޅަށް އެކުލަބުގެ ސަޕޯޓަރުން ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން ޓީމުގެ ކުޅުންތެރިންނަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ ބުނެފި އެވެ.

ފަހަކަށް އައިސް ޔުނައިޓެޑްގެ ސަޕޯޓަރުން ހިތްހަމަ ނުޖެހެން ފެށީ، ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން އެކުލަބު ނިންމި ހިސާބުންނެވެ. މިދިޔަ މަހު އިއުލާން ކުރި ޔޫރަޕިއަން ސުޕަ ލީގު މިހާރު ވަނީ ހަރަކާތް ހުއްޓިފަ އެވެ. އިނގިރޭސި ހަ ކްލަބުންވެސް އެ މުބާރާތުން ވަކި ވެފައިވާކަން އިއުލާން ކުރި އެވެ. އަދި އެހެންމެ ޔުނައިޓެޑްގެ އޯނަރު ޖޮއެލް ގްލޭޒާ އަކީ ޔޫރަޕިއަން ސުޕަ ލީގުގެ ވައިސް ޗެއާމަން އެވެ. ޔުނައިޓެޑްގެ ސުޕަ ލީގުން ވަކި ވުމަށް ފަހު ގްލޭޒާގެ އާއިލާއިން ވަނީ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށް ހާމަކޮށްފަ އެވެ.

މާފަށް އެދުނު ނަމަވެސް ސަޕޯޓަރުންގެ ނުރުހުން އެތައް ގުނައަކަށް އޯނަރަށާއި، ކުލަބުގެ އިސް މެނޭޖްމެންޓަށް އަމާޒުވެފައިވާ އިރު، މިފަހުން ކުޅުނު މެޗުތަކުގެ ކުރިން ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ވަނީ ދަނޑު ބޭރުގައި މުޒާހަރާ ކޮށްފަ އެވެ. އަދި ލިވަޕޫލާ ދެކޮޅަށް ފުރަތަމަ ކުޅެން އޮތް މެޗުގެ ކުރިން 200 އެއްހާ ސަޕޯޓަރުން ދަނޑަށް ވަދެ ހަމަނުޖެހުން ހިންގުމުން އެ މެޗު ވަނީ އޭރު ފަސް ވެސް ކޮށްފަ އެވެ. އަދި ދެވަނަ ފަހަރަށް އެ މެޗު ކުޅެން ލިވަޕޫލް ކުޅުންތެރިން ގެނައި ބަހަށް ވެސް ޔުނައިޓެޑްގެ ސަޕޯޓަރުން ހަމަލާތަކެއް ވަނީ ދީފަ އެވެ.

މުޒާހަރާތަކަށް ފަހު ޔުނައިޓެޑުން އޯލްޑް ޓްރެފޯޑުގައި ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ލީގުގެ ތާވަލެއް ބަދަލު ނައި ނަމަވެސް ފަހު ދެ މެޗުން ބަލިވުމުގެ ފަހަތުގައި މުޒާހަރާތަކަކީ ކުޅުންތެރިންގެ ކުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރުވި ކަމެއް ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.

"އަހަރެން ބޭނުމެއް ނޫން މެޗުތަކުން ބަލިވުމުގެ ބަހަނާއަކަށް އެކަން [މުޒާހަރާތައް] ދައްކާކަށް. އެކަމަކު ޔަގީން އެއްކަމަކީ ކުޅުންތެރިންގެ ކުޅުމަށް އޭގެން ނޭދެވޭ އަސަރުތަކެއް ކުރިކަން،" ސޮލްޝެއާ ބުންޏެވެ.

ސަޕޯޓަރުންގެ ހަޅުތާލާ ހެދި ޔުނައިޓެޑަށް އަދަބު ލިބުމަކީ ގާތުގައިވާ ކަމެކެވެ. އަންނާނެ ކަމަށް ބެލޭވޭ އަދަބުތަކަކީ، ޖޫރިމަނާ ކުރުން، ނުވަތަ ޕޮއިންޓް އުނިކުރުން ފަދަ އަދަބެކެވެ.

comment ކޮމެންޓް