ޔާރާއެ ލޯބިދޭށޭ... 38

"މި ފިނީގަ ކަރުނަވެސް ގަނޑުވާނެ އިނގޭ..." ޖިލްވާ ހެއްވައިލުމުގެ ގޮތުން ޒެނިލް ބުންޏެވެ.

ޖިލްވާއަށް އޭނާގެ އަމިއްލަ ނަފުސު ހަމައަކަށް ނޭޅުވުނެވެ. ކުރި ހިއްވަރު އެލި، ގިސްލާފައި ރޯން ފެށުނެވެ. ޒެނިލް ކަންބޮޑުވެގެން ޖިލްވާ ގެންގޮސް މޭގައި ލައްކޮށްލި އެވެ.

********

"ހަމަ އަސްލުވެސް މިކުއްޖާ މިއުޅެނީ ކަރުނަތައް ގަނޑުކޮށްލަންތަ؟..." ޒެނިލް ހީކުރީ ޖިލްވާ ހިނި އަންނާނޭ ކަމަށެވެ. އެކަމަކު ޖިލްވާގެ ރުއިން ވީ އިތުރެވެ.

"ޖިލް ތިހެން ރޮންޏާ، އަހަރެން ކިހިނެއް ދުރުގަ އިންނާނީ؟... މިހާރުވެސް ކެތް މިކުރަނީ، ހާދަ ހިއްވަރަކުންނޭ..." ޒެނިލް އޯގާތެރި ކަމާއި އެކުގައި ބުންޏެވެ.

"ޒެލް!..." ކުރެހިފައިވާ އަޑަކުން ޖިލްވާ ގޮވައިލި އެވެ. "ތިވާ ލޯބީގެ ބަދަލު އަހަރެން ދޭނީ ކިހިނެއް؟..."

"ތީ ކޮންކަހަލަ ސުވާލެއް؟..." ޖިލްވާ ކުޑަކޮށް ދުރުކޮށްލައި އެ މޫނަށް ބަލައިލަމުން ޒެނިލް އަހައިލި އެވެ. "ލޯބި ދެނީ ބަދަލުގަ އެއްޗެއް ހޯދަންތަ؟... އަހަރެން ޖިލްދެކެ ލޯބި ވަނީ ހިތުގެ އެންމެ ފުންމިނުން... ޖިލް އުފަލުގަ ހުރިއްޔާ، އަހަންނަށް އެ ނިމުނީއޭ... އިނގޭ..."

"ތިހާ ލޯބި ނުވޭ..." ޖިލްވާ ކުއްލިއަކަށް ތެދުވި އެވެ. "ފަހުން ހިތާމަ ކުރަން ޖެހިދާނެ..."

"ޖިލް!..." ޒެނިލް ތެދުވެ، ޖިލްވާއަށް ގޮވައިލި އެވެ.

ޖިލްވާ މަޑުކޮށްލުމެއްވެސްނެތި ގޮސް އެރީ ކާރަށެވެ. އޭރު ފިނިވެގެން އޭނަގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދަނީ އެވެ. ޒެނިލް އައިސް ޖިލްވާ އިން ދިމާއިން ކާރުގެ ދޮރު ހުޅުވައިލި އެވެ. ޖިލްވާ އާއި ދިމާއަށް ގުދުވެލާފައި، ޝީޓްބެލްޓް އަޅުވާލަ ދިނެވެ. އެންމެ ކައިރިވެލުމަކުން ވެސް ޖިލްވާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެން ދިޔަ އެވެ. ނޭވާ ލާންވެސް ހަނދާންނެތިފައި ޒެނިލްގެ މޫނަށް ބަލަން އޭނައަށް އިނދެވުނެވެ.

********

ފަނޑު އަލިކަމެއް ވެރިވެފައިވާ ކޮޓަރި ތެރެއިން އިވެމުން ދިޔައީ ލުއި މިޔުޒިކެއްގެ އަޑެވެ. އެނދުގައި އޮށޯވެލައިގެން އޮތް ކެވިންގެ ދެލޯ ވަނީ މެރިފަ އެވެ. އެއް އަތް ނިތްމަތީގައި ބާއްވާލައިގެން އޮތްއިރު، ލޮލުގެ ހިމަކޮޅުން، ކަރުނައިގެ ރޮނގެއް ހެދިފައި ވިއެވެ. ޖީބުގައި އޮތް ފޯނު ރިންގްވަމުން ދިޔަ އިރުވެސް، ކެވިންއަކަށް ނޭނގުނެވެ. އޭނައަށް ހޭވެރިކަންވީ، ގޭގެ ބެލް އަޅަންފެށި އަޑު އިވުމުންނެވެ.

ކެވިން ފުރަތަމަވެސް ބަލައިލީ ފާރުގައި ހަރުކޮށްފައިވާ ގަޑި އަށެވެ. ގަޑިން މެންދަމުން އަލިވެ އެކެއް ޖަހައި ބޮޑުވީ އެވެ. އެވަގުތުގައި އޭނަގެ ގެއަށް އަންނާނީ ކާކުބާއޭ ކެވިންގެ ހިތަށް އެރި އެވެ. އަނެއްކާވެސް ބެލް ޖަހައިލި އަޑު އިވުނެވެ. ކެވިންގެ ދެލޮލުން ފެނުނީ ފޫހި ކަމެވެ. ކަންނެތް ގޮތަކަށް ތެދުވެގެން ކޮޓަރިން ނުކުތެވެ. އިސްކްރީނުން ފެންނަން ހުރި މީހާ ފެނުމާއިއެކު، ކެވިންގެ މޫނުން ފެނުނީ، ހައިރާން ކަމެވެ.

"ރިފްއާން؟..." ދޮރު ހުޅުވައިލިގޮތަށް ކެވިން ގޮވައިލި އެވެ.

"ރެސްޓޯރެންޓްގަ މި ބާއްވާފަ އޮތީމަ ހިފައިގެން މިއައީ..." ރިފްއާން ދިއްކޮށްލީ، ވޮލެޓެކެވެ. "މީ ކެވިންގެ އެއްޗެއްނު..."

ކެވިން ކުއްލިއަކަށް ވޮލެޓު އަތުލި އެވެ. ހީވީ ބިރެއް ފެނުނު ހެންނެވެ.

"ވަރަށް ގުޅިން... ފޯނު ނުނެގީމަ ގެއަށް އަންނަން މި ޖެހުނީ... ސޮރީ..." ކެވިން ކަންތައް ކުރިގޮތުން، ރިފްއާން ހުރީ ކޮންމެވެސް ވަރަކަށް ލަދުގަންނަގޮތް ވެފައެވެ. ހަމައެހެންމެ ސުވާލުވެސް އުފެދިފަ އެވެ.

"ނޫން ނޫން..." ކެވިން ހީގަތެވެ. ހީވީ ގަދަކަމުން ޖަހައިލި ހިނިގަނޑެއް ހެންނެވެ. "މީ މާފަށް އެދޭ ވަރުގެ ކަމެއް ނޫނެއްނު... އަހަރެން ޖެހޭނީ ޝުކުރު އަދާކުރަން... ވަރަށް ބޮޑަށް ޝުކުރިއްޔާ..."

"ދެން ގޮސްލީ އޭ...." ރިފްއާން ހިނިތުންވެލި އެވެ.

ދާން އެނބުރިފައިވެސް ރިފްއާން ހުއްޓުނެވެ. ފަސްއެނބުރި ކެވިންގެ މޫނަށް ބަލައިލި އެވެ. ރިފްއާން ބަލައިލިގޮތުން ކެވިންގެ ހިތް ތެޅިގަތެވެ.

"ނައިސް ލެންސް..." ކެވިންގެ މަޑު މުށިކުލައިގެ ކަޅިއަށް އިޝާރާތް ކުރަމުން ރިފްއާން ބުންޏެވެ.

ރިފްއާން ފަސްދިނުމުން، ކެވިންގެ މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ. ހުރެވުނީ ލެންސް ނުލައްވާކަން އެނގުމުންނެވެ. އަބަދު ލެންސް ލައްވައިގެން އުޅޭ ކެވިން، އެ ނަގަނީ ހަމައެކަނި ނިދާށެވެ.

ކެވިންގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ. އަވަސް އަވަހަށް ވޮލެޓް ބަަލަން ފެށި އެވެ. ހުރިހާ އެއްޗެއް ވެސް ހުރީ، އޭނަ ބެހެއްޓި ގޮތަށެވެ. އެއްވެސް އެއްޗަކަށް ބަދަލެއް އައިސްފައި ނުވެ އެވެ.

********

ޖިލްވާގެ ހިތުގައި ނުފިލާނޭ އެތަކެއް ހަނދާންތަކެއް ރައްކާކުރި އެވެ. ކުޑައިރޫއްސުރެ ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހުނީ އެވެ. ސްނޯތަކުގެ ތެރޭގައި ޒެނިލް އާއިއެކު ހޭދަކުރި އުފާވެރި ވަގުތުކޮޅު ދިގުދެމިގެން ދާން ޖިލްވާ ކިތަންމެހައިވެސް ބޭނުން ވިއެވެ. އެހެނަސް، ތަގުދީރު އެ ފުރުސަތު ނުދޭނެކަން ގަބޫލު ކުރަން ޖިލްވާއަށް ވަނީ މަޖުބޫރު ވެފަ އެވެ.

ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނާނެ އެވެ. އަބަދު އުފާވެރިކަން މަތީ ދެމިއެއް ނުހުރެވޭނެ އެވެ. އެންމެންނަކީ އުފާވެރި ބައެއް ނޫނެވެ. ބައެއް ފަހަރު އުފާތައް ޤުރުބާން ކުރަން ޖެހެއެވެ. ލޯތްބަށްޓަކައެވެ. ނުވަތަ އަނެކާގެ އުފަލަށްޓަކަ އެވެ. ކިތަންމެ ދެރަވިޔަސް، ހިތާއި ދެކޮޅަށް ހަނގުރާމަ ކުރަންޖެހޭ ފަހަރު އަންނާނެ އެވެ.

ދަތުރު ފެށިއިރު ޖިލްވާގެ ތަބީއަތު ހުރީ ކިތަންމެ ރަނގަޅަށް ނަމަވެސް، ނިންމައިލަން ޖެހުނީ، ތަފާތު ކޮށެވެ. ގެއަށް އައުމަށް ކާރުގައި ދަތުރު ފެށީއްސުރެ ވެސް ޖިލްވާ ޚިޔާރު ކުރީ ހިމޭން ކަމެވެ. ހިތް ނުތަނަވަސްވެފައިވާ ހާލުގައިވެސް ޝަކުވާ ކުރާކަށް ޒެނިލްގެ ހިތް އެއްބަހެއް ނުވިއެވެ. ޖިލްވާ ބޭނުންވިފަދަ ފުރުސަތެއް ދީގެން އޭނަ އިނީ އެވެ. ދޭތެރެއަކުން އެ ނަޒަރު ޖިލްވާއަށް ހުއްޓައިލަ އެވެ. މޫނުމަތީގެ ކުލަވަރު ތަރުޖަމާ ކުރެވޭތޯ މަސައްކަތް ކޮށްލަ އެވެ.

ގެއަށް ވަނުމުގެ ކުރިން ޒެނިލް ޖިލްވާގެ އަތުގައި ހިފައިލި އެވެ.

"ދަނީތަ؟..." ޒެނިލް އަހައިލި އެވެ.

ޖިލްވާ ބޯ ޖަހައިލި އެވެ.

"ހާދަ އަވަހަކަށް..." ޝަކުވާގެ ރާގެއްގައި ޒެނިލް ބުންޏެވެ.

"ވަރަށް ލަސްވެއްޖެއެއްނު..." ޖިލްވާ ބަލައިލީ އަތުކުރީގައި އަޅާފައިވާ ގަޑިއަށެވެ.

"އަަހަރެން މިހާރު ޖިލް ބޭނުންވާ ކަންތައްވެސް ކޮށްދީފިން... ދެން އަހަރެން ބޭނުންވާ ކަމެއް ނުކޮށްދީ ދަނީތަ؟..." ޒެނިލް ހުރީ ލާނެތް ގޮތަކަށް ހީލައިގެންނެވެ.

ޖިލްވާ ޒެނިލްއަށް ބަލަން ހުރީ، ޝައްކުގެ ނަޒަރަކުންނެވެ.

"ހަމަ އެއްމެ ކަމެއް ބޭނުން ވަނީ..." ޒެނިލް ކުރިއަށް ޖެހިލި އެވެ. ޖިލްވާ އާއި ދިމާއަށް ގުދުވެލިއިރު، އެ ނަޒަރު ހުއްޓިފައިވީ، ޖިލްވާގެ ތުންފަތަށެވެ. "އާނއެކޭ ބުނެބަލަ، ޕްލީޒް!..."

ޖިލްވާ ލަދުން ޒެނިލްގެ އަތް ފޮޅުވައިލާފައި ގޮސް ގެއަށް ވަނެވެ.

********

އާދުވަހަކަށް އެރި އިރާއި އެކީ ލިބުނު ޚަބަރަކުން ޒެނިލްގެ ބޮލަށް އެނބުރުން އަރައިގެން ދިޔަ އެވެ.

"ކީކޭތަ ޖުއާން ތި ކިޔަނީ؟..." ޒެނިލްއަށް ގަބޫލު ކުރަން ދަތިވި އެވެ.

"ޖިލްއެއް ނެތޭ... ޔޫންއެއްވެސް ނެތޭ... އެމީހުން ގޮއްސި... މިއޮތީ ނޯޓު ވެސް..." ޖުއާން ހުރީ މާނޭވާ ލެވޭވަރު ވެފަ އެވެ.

ޖުއާން ދިއްކޮށްލި ނޯޓުގައި ހިފިއިރު، ޒެނިލްގެ ދެއަތް ތުރުތުރު އަޅަމުން ދިޔަ އެވެ.

"އަހަންނަށް މާފުކުރޭ.... ޔޫން އަކީ އަހަރެންގެ ލޭ... އަމިއްލަ ލޭ އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލާފަ ދުރުގަ ހުންނަން އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނޫން... އަހަންނަށް ޔޫން ދޫކޮށްލެވޭކަށް ނެތް... އެއްބަސްވުމާއި ޚިލާފު ވެވޭކަށްވެސް ނެތް... ސޮރީ!... ސޮރީ!.. ސޮރީ!..." ޖިލްވާގެ ނޯޓު ކިޔާފައި ޒެނިލްގެ ދަތްތަކަށް ބާރުވެގެން ދިޔަ އެވެ.

"މޮޔަ އަންހެންކުއްޖާ..." ޒެނިލް އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓައިލި އެވެ.

"އަހަންނަކަށް އެކައްޗެއްވެސް ނުވިސްނޭ..." ޖުއާން ހުރީ ވާނުވާ ނޭނގިފަ އެވެ. "މިގޭގަ ހުއްޓަސް، ޖިލްއަށް ޔޫން ގެއްލެންޖެހޭ ސަބަބެއް ނެތެއްނު..."

ކަރުދާސްކޮޅު ބޮނޑިބޮނޑި ކޮށްލާފައި ޒެނިލް ދުއްވައިގަތެވެ. ޒެނިލް ގޮސް ކާރަށް އެރުމުން ޖުއާންވެސް ފަހަތުން ގޮސް ކާރަށް އެރި އެވެ.

********

ގޭގެ ބެލް ޖަހައިލި އަޑު އިވުމާއިއެކު، ނިދިފައި އޮތް ކެވިން ފުންމައިގެން ތެދުވި އެވެ. ދެލޯ އުނގުޅަމުން ގޮސް އިސްކްރީން ކައިރީ ހުއްޓުނެވެ. ދޮރުމަތީގައި ހުރި މީހަކު ފެނުމުން، ކެވިން ދިޔައީ ސިއްސައިގެންނެވެ. ރަނގަޅަށް ދެލޯ އުނގުޅައިލާފައި ބަލައިލީ، ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވީ ވަރުންނެވެ.

ޔޫން އުރާލައިގެން ޖިލްވާ އެހުރީ، ކެވިންގެ ގޭގެ ދޮރުމަތީގަ އެވެ. ޖިލްވާގެ ކައިރީގައި ބޮޑު ފޮއްޓެއް ހުއްޓެވެ. ކެވިން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އެއްޗެހި ބަދަލު ކުރި އެވެ. ބޮލުގެ އިސްތަށިގަނޑާއި މޫނު ރީތިކޮށްލި އެވެ. ޑްރެސިންގްޓޭބަލް މަތީގައި އިން ކުޑަ ދަޅު ނަގައި އޭގައި އޮތް ލެންސް ނެގި އެވެ. އޭރު ކެވިންގެ މޫނުން ފެންނަމުން ދިޔައީ ކާމިޔާބީގެ އަސަރެވެ.

ކެވިން ގޮސް ދޮރު ހުޅުވައިލީ، ރަނގަޅަށް ތައްޔާރުވެލައިގެންނެވެ. މަޑު މުށިކުލައިގެ ކަޅީގެ ކުލަ ވަނީ ކަޅު ކުލައިގަ އެވެ. އެނބުރި ދާން އުޅެފައި ޖިލްވާ ފަސްއެނބުރުނީ ކެވިން ދޮރު ހުޅުވައިލި އަޑު އިވުމުންނެވެ.

"އަވަހަށް އާދޭ އެތެރެއަށް..." ފޮށީގައި ހިފަމުން ކެވިން ބުންޏެވެ. "ވަރަށް ލަސްވެއްޖެ ދޯ؟... ޔޫން!... އާދޭ އަވަހަށް އުރާލާނަން..."

ޖިލްވާގެ މޫނުން އެއްވެސް އުފާވެރިކަމެއް ނުފެނުނެވެ. ފެނުނީ މަޖުބޫރީ އެވެ. ކެވިންގެ އަތަށް ޔޫން ދީފައި ޖިލްވާ ގޭތެރެއަށް ވަނެވެ. ގޭގެ ވަށައިގެން އޭނަ ބަލަމުން ދިޔައީ، ފުން ނަޒަރަކުންނެވެ. އެއީ ޖިލްވާ ކެވިންގެ ގެއަށް ވަން ފުރަތަމަ ފަހަރެވެ.

"އިށީނދޭ!..." ސޯފާއަށް އިޝާރާތް ކުރަމުން ކެވިން ބުންޏެވެ.

ޖިލްވާ އިށީނެވެ. ހީވަނީ ޗާބީ ދީފައިވާ ބުދެއް ހެންނެވެ.

"އެއްބަސްވުމުގަ އޮތް ގޮތަށް، އަހަންނަށް ޔޫން ދޫކޮށްލެވެން ނެތީމަ މިއައީ..." ޖިލްވާ އިސްޖަހައިލީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ.

"ތީގެ މާނަ އަކީ، ޖިލް ތިއައީ، އަހަންނާ، ޔޫން އާއި އެކީ އުޅޭށޭތަ؟..." ކެވިން އަހައިލީ ޔަޤީންކޮށްލާ ފަދައިންނެވެ.

ޖިލްވާ ބޯ ޖަހައިލި އެވެ.

"ތެންކްޔޫ... ޖިލް!... އަހަރެން ވަރަށް އުފާވެއްޖެ ޖިލް ތިގޮތަށް ނިންމީމަ..." ކެވިން އުފާވިވަރު، އޭނަގެ އަޑުންވެސް ހާމަ ވިއެވެ. އެއާއި ޚިލާފަށް ޖިލްވާ ވީ ފާޑެއްގެ ފޫއްސެކެވެ.

"މީ ހަމަ އަމިއްލަ ގެ ކަމުގަ ބަލައިގެން އުޅޭ... ޖިލްއަށް ދަތިވާނެ އެއްވެސް ކަމެއް ނޯންނާނެ... ކޮންމެ ކަމެއްވެސް ކުރެވޭނެ... މިގޭގަ ނުހުންނާނެ ޖިލްއަށް ނުވަދެވޭނެ އެއްވެސް ތަނެއް... އެކަމަކު..." ކެވިންގެ ވާހަކަ ހުއްޓައިލި އެވެ.

ޖިލްވާގެ ހިތް ތެޅިގަތެވެ.

(ނުނިމޭ)

comment ކޮމެންޓް