އިސްރާއީލުގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އދގެ ބަޔާން އެމެރިކާއިން ވީޓޯކޮށްފި

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގެ ސަބަބުން އަލިފާން ރޯވެ، ދުން އަރަނީ -- ފޮޓޯ: އޭއެފްޕީ

އދ. (މެއި 17): އިސްރާއީލާއި ހަމާސްގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުން މިއަދު ނެރެން މަސައްކަތް ކުރި ބަޔާނެއް އެމެރިކާއިން އަނެއްކާވެސް ވީޓޯކޮށްފި އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ވިދާޅުވި ގޮތުގައި އިސްރާއީލާއި ހަމާސްގެ "ހަމަނުޖެހުންތައް ހުއްޓުވުމަށް އެގައުމުން ދަނީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް" ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި އެ ދެ ފަރާތުން ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ ނަމަ އެމެރިކާގެ އެހީ ފޯރުކޮށްދޭނެ ކަން އަންގާފައިވާ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

އިސްރާއީލުން މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތައް ކުށްވެރިކޮށް، އެ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުން މީގެ ކުރިން އާއްމު ކުރަން މަސައްކަތް ކުރި ދެ ބަޔާނެއްވެސް އެމެރިކާއިން ވަނީ ވީޓޯކޮށްފަ އެވެ.

މިއަދުގެ ބަޔާން ސަލާމަތީ މަޖިލީހަށް ހުށަހެޅީ ނޯވޭ، ތޫނިސް އަދި ޗައިނާއިން ގުޅިގެންނެވެ. އަދި ޗައިނާއިން ވަނީ އެ ބަޔާނާ ދެކޮޅު ހަދަނީ ހަމައެކަނި އެމެރިކާއިންކަން ފާހަގަކޮށްފަ އެވެ.

އިސްރާއީލްގެ ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ތަކުރާރުކޮށް ވިދާޅުވެފައި ވަނީ "އިސްރާއީލަށް އަމިއްލަ ގައުމު ދިފާއު ކުރުމުގެ ހައްގު ލިބިގެންވާ" ކަމަށެވެ. އަދި ބައިޑެން ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެމްބަރުންވެސް ވަނީ އޭނާގެ އެ ވާހަކަފުޅަށް ފާޑު ވިދާޅުވެފަ އެވެ.

އިސްރާއީލާއި ހަމާސްގެ ހަމަލާތައް ހުއްޓާލުމަށް ހެދިދާނެ ބައެއް އެއްބަސްވުންތައް މިދިޔަ ހަފްތާގެ ތެރޭގައި އެ ދެ ފަރާތަށް ހުށަހެޅި ނަމަވެސް އިސްރާއިލުން ވަނީ އެފަދަ އެއްބަސްވުމެއް ހަދަން ދެކޮޅު ހަދާފަ އެވެ. އެގޮތުން މިސްރުން ހުށަހެޅި އެއްބަސްވުމަކަށް ހަމާސްއިން ރުހުން ދިން ނަމަވެސް އިސްރާއީލުން ދެކޮޅު ހެދި ކަމަށް އެގައުމުގެ ނޫހަކުން ރިޕޯޓު ކުރި އެވެ.

މީގެ އިތުރުން އިއްޔެ އިސްރާއީލްގެ ރައީސް ބެންޖަމިން ނަތަންޔާހޫ ވަނީ އެގައުމުގެ ސިފައިން "ކުރިއަށްގެންދާ އޮޕަރޭޝަނަށް ވަގުތު ބޭނުންވާ ކަމަށާއި ހަމަލާތައް އަދިވެސް ދެމުންދާނެ" ކަމަށް ވިދާޅުވެފަ އެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 198 މީހަކު މަރުވެ، 1000އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި އިސްރާއީލުން ބުނާ ގޮތުގައި އެގައުމަށް އަމާޒުވި ހަމަލާތަކުގައި 10 މީހަކު މަރުވެފައިވެ އެވެ.

comment ކޮމެންޓް