ނަފުރަތު އުފެއްދުން ކުށަކަށް ހެދުމަށާއި ވެރިންނަށް ރަސްމީ ގެ ހަމަޖައްސަން ބިލު އެކުލަވާލައިފި

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ރަސްމީ ގެ ހަމަޖެއްސުމަށް ގާނޫނަށް އިސްލާހު ގެންނަން ދެ ބިލެއް ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ، ދެ ބާރުގެ ވެރިންނަށް ރަސްމީ ގެ ހަޖައްސައި، އެބޭފުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން އިތުރުކުރަން ކަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ދެ ބިލެއް، މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

ދެ ބިލެއް އެކުލަވާލައި، އޭޖީ އޮފީހުން މިއަދު ފޮނުވާފައި ވާއިރު، ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ދެމުންގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އެޓާނީ ޖެނެރަލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފަ އެވެ.

ރައީސް އެންގެވީ މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ފުރިހަމަ ކުރެއްވެން ނެތްނަމަ، އާ ގާނޫނެއްގެ ބިލެއް އެކުލަވައިގެން ނަމަވެސް އެކަންކަަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށެވެ.

ވެރިންގެ ސެކިއުރިޓީގެ ކަންކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސް އެންގެވީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިނ ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ.

އެ ހަމަލާގައި އެމަނިކުފާނު ޒަހަމްވެވަޑައިގެން، އޭޑީކޭގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެންނެވި ނަމަވެސް، މިހާރު ހާލުކޮޅު ރަނގަޅެވެ. އަދި މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުވިލާތުގަ އެވެ.

comment ކޮމެންޓް