މުއިއްޒުގެ ޕްލޭން: ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދެނީ

ވިލިމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވާއިދު ބަދަލުކުރުމަށް މަސައްކަތް ފަށައިފި އެވެ.

ވިލިމާލޭގައި މިހާރު އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ހަ ބުރި އަށެވެ. ނަމަވެސް މާލެ ސިޓީގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާއިން މިއަދު ފާސްކުރި އެކްޝަން ޕްލޭންގައި، ވިލިމާލޭގައި ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމަށް މަސައްކަތްކުރުން ވަނީ ހިމަނައިފަ އެވެ.

އެ ބަދަލު ގެންނަވާނެ ކަމަށް، މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވެސް ވިދާޅުވެފަ އެވެ. މުއްިޒު ވިދާޅުވީ، މިހާރު އޮންނަ ގޮތުން ބޭންކް ލޯނު ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

ޕްލޭނިން ގަވާއިދު އިސްލާހުކުރުމަށް ހުށަހަޅުއްވާނީ، ވިލިމާލެ ރައްޔިތުންގެ މަޝްވަރާއެކު، ރައްޔިތުންގެ ފަރާތުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރުގެ އެކްޝަން ޕްލޭން މިއަދު ފާސްކުރި އިރު، ވިލިމާލޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރާނެ ގޮތުގެ ޕްލޭން (ލޭންޑް ޔޫސް ޕްލޭން) ހެދުމަށް ވަނީ ހިމަނައިފަ އެވެ.

އެގޮތުން ވިލިމާލޭގެ އެންމެ ނިކަމެތި ރައްޔިތުންނަށް، ހިންގޭ ހައުސިންގ މަޝްރޫއެއް ވިލިމާލޭގައި ހިންގަން އެކްޝަން ޕްލޭންގައި ވެއެވެ. މޭޔަރު މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ، މަދުވެގެން 500 ހައުސިން ޔުނިޓް ހެދޭނެވަރުގެ ޖާގަ ވިލިމާލޭގައި ހުރި ކަމަށެވެ.

ވިލިމާލެ އަށް ހުރި އިތުރު ކަންކަން:

  • ޖާގަ ތަނަވަސް، ކުޑަކުދިންގެ ޒަމާނީ ޕާކެއް ގާއިމްކުރުން
  • އެކި ސަރަހައްދު ތަކުގައި ފުޓްސަލް ދަނޑާއި ވޮލީ، ބާސްކެޓުބޯޅަ އަދި ނެޓްބޯޅަ ކޯޓުތައް ހެދުމަށް ޖާގަ ކަނޑައަޅައި ދިނުމާއި އައުޓް ޑޯ ޖިމްތައް ގާއިމްކޮށްދިނުން
  • މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ގާއިމްކުރުން
  • "ކަނބަލުންގެ އުފެއްދުންތެރިކަމާއި ތަރުކާރީ މާރުކޭޓު" ގާއިމުކުރުން
  • ވިލިމާލޭގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ވިލިމާލޭގެ ބަނދަރުބޭނުން ކުރެވޭގޮތަށް ބަދަލުކުރުން
  • ވިލިމާލޭގެ ސިނާއީ ސަރަހައްދު ބޭނުންކުރަމުންދާގޮތް އިސްލާހުކުރުން
  • ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން ވިލިމާލޭގައި ވަން ސްޓޮޕް ސާވިސް ސެންޓަރެއް ގާއިމްކުރުން (ޑީއެންއާރު، އިމިގްރޭޝަން، ޓްރާންސްޕޯޓް އޮތޯރިޓީފަދަ އޮފީސްތަކުން ދޭ ހިދުމަތްތައް)
comment ކޮމެންޓް