ދެކުނު އޭޝިއާ ޓޫރިސްޓުންނަށް އަންނަ މަހު ކުރީކޮޅު ލުއިދެނީ

އެއާ ވިސްޓާރާގެ ފްލައިޓެއް ވީއައިއޭ އަށް ޖައްސަނީ --- ފޮޓޯ: ވީއައިއޭ

ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިން ރާއްޖެ އަށް އެތެރެވުމަށް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓާލާފައި އޮތް އޮތުން މުރާޖައާކޮށް އަންނަ މަހުގެ މެދުތެރޭ މި ސަރަހައްދުގެ ޓޫރިސްޓުން ރާއްޖެ އައުމަށް ލުއި ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

މި ސަރަހައްދުގައި ކޮވިޑު ފެތުރޭމިންވަރު އިތުރު ވުމާއެކު ސަރަަހައްދުގެ ގައުމުތަކުން ރާއްޖެ އަށް ދަތުރުކުރުން ވަގުތީ ގޮތުން އޮތީ މެދުކަނޑާލައިފައެވެ. މި ހާލަތުގައި އިސްތިސްނާ ވަނީ ސިއްހީ ދާއިރާގެ ބޭނުމަށް ރާއްޖެ އަންނަ ފަރާތްތައް އެކަންޏެވެ.

އެންމެ ފުރަތަމަ އެޗްޕީއޭ އިން އެޅި ފިޔަވަޅަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު އެސްޓެބްލިޝްމެންޓުތަކަށް އިންޑިއާގެ ފަތުރުވެރިން އައުން ވަގުތީގޮތުން މަނާ ކުރުމެވެ. އޭގެ ފަހުން މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން، ސަރަހައްދުގެ ހުރިހާ ގައުމަކަށް އެ ފިޔަވަޅު އަޅައި، އެއްވެސް ޓޫރިސްޓު އެސްޓެބްލިޝްމެންޓަކަށް ސަރަހައްދުގެ ގައުމުތަކުން ފަތުރުވެރިން ގެނައުން މަޑުޖައްސާލަން އެންގި އެވެ.

އެއާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ވަނީ މަދުވެފައެވެ. މީގެ ކުރިން ދުވާލެއްގެ މައްޗަށް 3،000 ފަތުރުވެރިން އެވްރެޖުކޮށް ރާއްޖެ އައި ނަމަވެސް އެ އަދަދު މިހާރު ވަނީ 2،000 އަށް މަދުވެފައެވެ. ހާއްސަކޮށް އިންޑިއާ އިން ފަތުރުވެރިން އައުން މަދުވުމުން އެ އަސަރު ފެންނަން ވަނީ ފަށައިފައެވެ. އިންޑިއާގެ ފަސް އެއާލައިނަކުން ރާއްްޖެ އަށް ދަތުރުކުރި އިރު، ދުވާލެއްގެ މައްޗަށް 800 އެއްހައި ފަތުރުވެރިން އެ ގައުމުން ރާއްޖެ އައެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ މި މަސް ނިމުމުގެ ކުރިން ރާއްޖެއިން އަޅާފައިވާ ވަގުތީ ފިޔަވަޅު ރިވިއު ކުރާނެ ކަމަށެވެ. އަދި ޖޫންމަހުގެ ކުރީކޮޅު ސަރަހައްދުގެ ފަތުރުވެރިން ރާއްޖެ އައުމުގައި ލުއި ދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ބުންޏެވެ.

comment ކޮމެންޓް