ކުޑަފަރީ ފެނާއި ނަރުދަމާގެ 31 ޕަސެންޓު ނިމިއްޖެ

ކުޑަފަރީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ :އެމްޑަބްލިއުއެސްސީ

ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މުޅި މަޝްރޫއުގެ އަމަލީ މަސައްކަތުގެ 31 ޕަސެންޓު މަސައްކަތް ނިމިއްޖެ އެވެ.

އެ މަޝްރޫއު ކުރިއަށްގެންދާ އެމްޑަބްލިއުއެސސީ އިން ބުނީ މަޝްރޫއުގެ ތެރޭ ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 58 ޕަސެންޓު އަދި 9.5 ކިލޯ މީޓަރުގެ ދިގު ފެން ހޮޅިގެ މައިނެޓްވޯކްގެ ހޮޅިވަޅުލުމުގެ 93 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން، ކުޑަފަރީގައި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށް ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 169 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރު ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ އެވެ.

މަޝްރޫއުގެ ނަރުދަމާ ނިޒާމުގައި ހިމެނޭ 8.1 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ 50 ޕަސެންޓު އަދި ޕަންޕިން ސްޓޭޝަންތަކުގެ 44 ޕަސެންޓު މަސައްކަތް ވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކުޑަފަރީގައި 650 މީޓަރުގެ ޕަމްޕިން ލައިން އަޅައި ސީ އައުޓް ފޯލް އިމްކުރާނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.

މިއާ އެކު، މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދޭނެ އެވެ.

ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް 33.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޑަބްލިއުއެެސްސީ އިން ބުންޏެވެ.

comment ކޮމެންޓް