އައްޑޫ އިން ހައްޔަރު ކުރި މީހުންގެ ބަންދު ޖަހައިފި

މަގުމަތީ ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އިއްޔެ ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި ހަތް މީހުންގެ ބަންދު ޖަހައިފި އެވެ.

ފުލުހުން ބުނީ، އިއްޔެ ހައްޔަރު ކުރި ހަތް މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް އަދި އަނެއް ހަތަރު މީހުންގެ ބަންދަށް ހަތް ދުވަސް ކޯޓުން މިއަދު ޖަހާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އިއްޔެ އައްޑޫގައި ކުރިއަށް ގެންގޮސްފައި ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނެކެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން، މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ސިފައިން އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

ނަޝިދަށް ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގޭ ކައިރީ މަޖީދީ މަގުން ނީލޯފަރު ގޯޅި ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައީއީޑީއެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގައި އެމަނިކުފާނުގެ އިތުރުން، އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި، އިތުރު ދެ މީހަކަށް އަނިޔާވި އެވެ.

އެ ހަމަލާއާ ގުޅިގެން ސިފައިންނާއި ފުލުހުންގެ އެލާޓް ލެވަލް ވަނީ މަތިކޮށްފަ އެވެ. އަދި އެ އިންސިޑެންޓުގެ މައްޗަށް ބިނާކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާ އެމްއެންޑީއެފް ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

އަދި ލިބުނު "މައުލޫމާތަކާ" ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ވެސް ސިފައިން ވަނީ މަތިކޮށްފަ އެވެ.

comment ކޮމެންޓް