އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 31ގައި

އެސްޓީއޯއިން މީގެ ކުރިން ބޭއްވި އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން -- ސަން ފޮޓޯ

އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ އެ ޖަލްސާ ކުރިއަށްގެންދާނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް، އޮންލައިންކޮށް ކަމަށެވެ.

މި މަހުގެ 31ވާ ހޯމަ ދުވަހުގެ ހަވީރު 4:00އަށް ތާވަލުކޮށްފައިވާ އެ ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 16ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމަށް، އެސްޓީއޯގެ ވެބްސައިޓްގައި ހޮސްޓުކޮށްފައިވާ agm.sto.mv ޕޭޖު މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނީ މެއި 30 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިންނެވެ.

ޖަލްސާއަށް ރަޖިސްޓަރީކުރާ ހިއްސާދާރުންނާއި ޕްރޮކްސީ ތަމްސީލްކުރާ ފަރާތްތަކަށް، ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ އިރުޝާދު (ލޮގިން ލިންކް ހިމެނޭ ގޮތަށް) އެސްއެމްއެސް އަކުން ފޮނުވާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާ އަކަށް 60 ރުފިޔާ ބަހަން ފާސް ކުރުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ.

އެސްޓީއޯގެ މާލީ ހިސާބުތަކަށް ބަލާ އިރު ހުސްވި 2020 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 8.5 ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ ސާފު ފައިދާއަކީ 127 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް