މާލެއިން ފިތުރު ޒަކާތުގެ ގޮތުގައި ލިބުނީ ހަ މިލިއަން، ބޮލަކަށް 4200 ރުފިޔާ

މާލެ ސިޓީ އިން މި އަހަރު ފިތުރު ޒަކާތުގައި ގޮތުގައި 6.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގެންފައި ވަނީ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަހު ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި މާލެ ސަރަހައްދުން ޒަކާތް ދައްކާފައި ވަނީ 164392 މީހުންނެވެ. އަދި ޒަކާތުގެ ގޮތުގައި ޖުމްލަ 6،746،896 ރުފިޔާ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީގައި ފަގީރުންނާއި މިސްކީނުންގެ ދަފްރަތުގައި ހިމެނިފައި ވަނީ 1498 މީހުން ކަމަށެވެ. ފަގީރުންގެ ދަފްތަރަށް ބަހާފައި ވަނީ 6،274،800 ރުފިޔާ އެވެ. އެހެންކަމުން ކޮންމެ މީހެއްގެ ބޮލަށް މި އަހަރު ޖެހިފައި ވަނީ 4200 ރުފިޔާ އެވެ.

މިނިސްޓްރީން ބުނީ ދިން މުއްދަތުގައި އެކައުންޓްގެ ތަފްސީލް ދިނީ 1472 މީހުން ކަމަށާއި، އެމީހުންގެ އެކައުންޓަށް ފިތުރު ޒަކާތުގެ ފައިސާ މިހާރު ޖަމާކޮށްދީފައިވާނެ ކަމަށެވެ. އެކައުންޓުގެ ތަފްސީލް ނުލިބުނު މީހުންގެ ތެރެއިން 22 މީހަކަށް މިނިސްޓްރީން ވަނީ ފައިސާ ދޫކޮށްފަ އެވެ. ޒަކާތުގެ ފައިސާ ހަވާލުނުކުރެވޭ ހަތަރު މީހަކު އެބަ ތިއްބެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލބުނު ފައިސާގެ ތެރެއިން، 472،096 ރުފިޔާ ހަވާލުކޮށްފައި ވަނީ ފިޔަވަތި، އަމާންވެށި، ކުޑަކުދިންގެ ހިޔާ އަދި ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ އެވެ.

ފާއިތުވި ހަތަރު އަހަރު މާލޭ ސިޓީގައި ފިތުރު ޒަކާތް ދެއްކިގޮތުގެ ތަފާސް ހިސާބަށް ބަލާ އިރު، ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނީ މި އަހަރު އެވެ. މިދިޔަ އަހަރާ އަޅާ ބަލާ އިރު، މި އަހަރު ޒަކާތުގެ ގޮތުގައި އިތުރަށް ލިބިފައި ވަނީ 97،199 ރުފިޔާ އެވެ. ނަމަވެސް މި އަހަރު ދަފްތަރުގައި ޖެހުނު ފަގީރުންގެ އަދަދު ވަނީ މަދުވެފަ އެވެ. މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި 1715 މީހުން ތިބި ނަމަވެސް، މި އަހަރު ތިބީ 1498 މީހުންނެވެ. އެހެންކަމުން މި އަހަރު ބޮލަކަށް ޖެހުނު މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ.

2108 ން 2021 އަށް މާލޭގައި ފިތުރު ޒަކާތުގެ ތަފްސީލް: ޑޭޓާ/ އިސްލާމިކް މިނިސްޓރީ

ފިތުރު ފައިސާ އަކީ އެ ރަށަކަށް ލިބޭ ފައިސާ އެ ރަށެއްގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންނަށް އީދު ނަމާދުގެ ކުރިން ބަހައި ހުސްކުރަން ޖެހޭ ފައިސާ އެކެވެ. އެގޮތުން އެ ރަށަކުން ލިބުނު ފައިސާ އެ ރަށެއްގައި ރަޖިސްޓްރީވެފައިވާ ފަގީރުންނާއި މިސްކީނުންނަށް ބަހާއިރު މާލެ އަދި އަތޮޅުތެރޭގެ އެކި ރަށްތަކުގައި ބޮލަކަށް ޖެހޭ އަދަދު ތަފާތުވާނެކަން އިސްލާމިކް މިނިސްޓްރީން ފާހަގަ ކުރެ އެވެ.

މިނިސްޓްރީން ބުނީ މާލެ ސިޓީ އަދި ރަށްރަށުގައި ނަގާފައިވާ ފިތުރު ފައިސާ އީދު ނަމާދުގެ ކުރިން އެ ރަށެއްގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންނަށް ބަހާފައިވާ ކަމަށެވެ. ނަމަވެސް ރަށްރަށުގައި ބެހިގޮތުގެ ތަފްސީލު ލިބޭނީ މިނިސްޓްރީ އަށް ހުރިހާ ކައުންސިލަކުން ތަފްސީލް ލިބުމުން ކަމަށެވެ.

comment ކޮމެންޓް