ފުވައްމުލަކު ރައްޔިތުން ނަޖިސް ފެނުގެ ތެރޭ، ހައްގު މިންވަރުތަ؟

"މުޅި ގޯތި ތެރޭ ފެން ބޮޑުވެފަ ބަލަބަލާ ތިއްބާ ރާޅު ހެން އައިސް ގޭތެރެއަށް ފެންގަނޑު ވަންނަނީ. ބަސްތާ ޖަހައިގެން ވެސް ސަލާމަތެއް ނުވި. ފާހަނާއިން ވެސް އަރަނީ. މިވަރު ކަމެއް އަދި ނުދެކެން،" ފުވައްމުލަކު ސިޓީން ވާހަކަދެއްކި ދުވަސްވީ މީހަކު ބުންޏެވެ.

ރޯދަ މަހުގެ ފަހު ދުވަހުން ފެށިގެން ފުވައްމުލަކަށް އަންނަނީ ވާރޭ ވެހެމުންނެވެ. މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނީ، އެ ސިޓީއަށް ކުރި ވިއްސާރައިގައި 300 އެއްހާ ގެއަށް ފެނުގެ އަސަރުކޮށް، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

"ސަން" އާ ވާހަކަދެއްކި ދައްތަގެ ގެ ހުންނަނީ ފުނާޑު އަވަށުގަ އެވެ. ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ގެތަކުގެ ތެރޭގައި އެ ގެ ހިމެނޭނެ އެވެ.

ފުވައްމުލަކަކީ މީގެކުރިން ވެސް ވާރޭ ވެހޭ ފަހަރުތަކުގައި ފެން ބޮޑުވާ ރަށެކެވެ. ނަމަވެސް މިފަހަރު ފެން ބޮޑުވީ އާދަޔާ ހިލާފަށް ކަމަށް ދައްތަ ބުންޏެވެ. ދައްތަ ބުނީ އެންމެ ފުރަތަމަ ފެން ބޮޑުވީ ގޯތި ތެރޭގައި ކަމަށެވެ. ކުރިން ގޯތި ތެރޭގައި ފެން ބޮޑުވި ނަމަވެސް، ގޭތެރެއަށް ނުވަދެ ފެންގަނޑު ހިނދިގެން ދެ އެވެ. ނަމަވެސް މިފަހަރު ކަން ދިމާވީ އެގޮތަކަށް ނޫނެވެ.

ގޭތެރެއަށް ފެންގަނޑު ވަންނަން ފެށުމުން ވެލި ބަސްތާ ވެސް ޖެހި އެވެ. ނަމަވެސް އެވަރުން ވެސް ފެންގަނޑު ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވި އެވެ. މައި ދޮރުން ވަދެގަތް ފެންގަނޑު، ގޭގެ ތިން ކޮޓަރިއަށް ވަނެވެ. ސިޓީން ރޫމާއި ބަދިގެ ތެރޭގައި ފެން ބޮޑުވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އެއާއެކު ފާހާނާ ތެރެއިން ވެސް ފެންގަނޑު އަރަން ފެށި އެވެ.

"މީކީ ފިރިހެނަކު ވެސް އުޅޭ ގެއެއް ނޫން. އެންމެ ފިރިހެނެއް ހުރީ. އެހެން އެންމެން މާލޭގައި. ދައްތަ އާ ދެން ކުޑަކުޑަ ދެކުދިން މި ފެން ހިއްކަނީ ހަމަ. ފިހިގަނޑުން ކަހާފަ ބޭރު ކުރަނީ. ބާލިދީ ޖަހާފަ ނަގަނީ. އެކަމަކު ވެސް ސަލާމަތެއް ނުވި. ފާހާނާގަ ހުރި ފެން ހިންދާ ވަޅުން ވެސް އަރަނީ. މަގުން ވެސް ވަންނަނީ. ސިމެންތި ނުޖަހާ ފާރުގައި ތަންކޮޅެއް ހުރިއްޔާ އެ ދިމާލަކުން ވެސް ލީކުވަނީ،" ދައްތަ ކިޔައިދިނެވެ.

އެންމެ ފަހުން ފެންގަނޑު ކޮންޓްރޯލް ނުކުރެވިގެން އެމްއެންޑީއެފް އާއި ކައުންސިލާއި ފުލުހުންނަށް ގުޅީ އެވެ. ނަމަވެސް މުޅި ފުވައްމުލަކުގައި ފެންބޮޑުވެ، ސިޓީގެ ގިނަ ގެތަކުގެ ހާލަކީ އެއީ އެވެ. ފެން ވަންނަނީ އެވެ. ކަމާބެހޭ ފަރާތްތަކުން ފަހަރަކު ގެއަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެވެ. އެހެންކަމުން އެމީހުންނަށް ވެސް ދައްތައަށް ދެވުނު ޖަވާބަކީ، "މަސައްކަތް ކުރަމުން ދަނީ. ތި ގެއަށް ވެސް އެބަ ދަން،" މިއެވެ.

އެކަން ދައްތަ ވެސް ގަބޫލު ކުރެ އެވެ. ކަމާ ބެހޭ ފަރާތްތަކުން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެ ދައްތަގެ އާއިލާ އެ ދުވަސް ހޭދަކުރަން ޖެހުނީ ނުކަ އެވެ.

"އަޅުގަނޑުމެން ތިބީ ކެއްކޭނެ ގޮތެއް ނެތިގެން ނުކައި. ވަރަށް މާޔޫސްވެފަ ތިބީ. ވަންނާނެ ތަނެއް، އިށީންނާނެ ތަނެއް، އޮށޯންނާނެ ތަނެއް ވެސް ނެތް. ފެންގަނޑު ބޭރުކުރަން އުޅުނު ކުއްޖަކު ވެއްޓި އަނިޔާވެސްވި. މުޅިން ވަރުބަލި ވެއްޖެ،" ދައްތަ ކިޔައިދިނެވެ.

މުޅި ސިޓީ އެ ހާލުގައި އޮތުމުން، އެންމެ ފަހުން އަމިއްލައަށް ޕަންޕެއް ގެނެސްގެން ފެން ހިންދަން ފެށީ އެވެ. ގާތްގަނޑަކަށް ކަކުލާ ހަމައަށް ހުރި ފެންގަނޑު ތިރިވުމާއެކު، ފަރުނީޗަރުތައް ހިއްލައި، ދަށަށް ގާ ލެއްވުމުގެ މަސައްކަތް ފަށައިގަތެވެ. ނަމަވެސް ތިން ކޮޓަރީގައި ހުރި ބެޑްރޫމް ސެޓުތައް ހުރީ ފެންޖެހި ހަލާކުވެފަ އެވެ.

"ކޮޓަރިތައް ފެނިފަ ހިތް ފަޅައިގެން ދިޔަ. ދުވަހަކުވެސް ދިމާވި ކަމެއް ނޫން މިއީ. ދައްތަ ހުރީ ހަމަ ގަބު އަރާފަ. ކުޑަ ދެކުދިންނަކަށް ނޭނގޭ މީ ކިހާ ވަރެއްގެ ކަމެއް ކަމެއް. ސްވިމިން ޕޫލް އަކޯ ކިޔާފަ ފެންގަނޑު ތެރޭ އުޅުނީ ދެމީހުން. ދެރަވެސް ވި،" ދައްތަ ބުންޏެވެ.

އެ ދައްތަގެ ގޭގައި ހުރި އެތައް ފަރުނީޗަރެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. މުޅި ގޭތެރޭގައި ނަޖިހެވެ. ދުވާ ނުބައި ވަހުން ނޯއްދަމާލަން ނުކެރެ އެވެ. ގޭތެރޭ ހުރީ ކޯއްޗެއް ކަމެއް ބުނެދޭކަށް ދައްތައަކަށް ނޭނގެ އެވެ. ދެން އޮތީ މި ލިބުނު ގެއްލުމުން އަރައިގަތުމަށް އޮތް މަސައްކަތެވެ.

"މިހާރު މި ތިބީ ވަގުތީ ހިޔާވަހިކަމެއްގަ. ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިއްޖެ"

އާއިޝަތު (އަސްލު ނަމެއް ނޫން) އާއި އޭނާގެ ފިރިމީހާ ދިރިއުޅެމުން ދިޔައީ ފުނާޑު އަވަށުގެ އޮޅު ސަރަހައްދުގައި ބިން ތިރި ހިސާބެއްގަ އެވެ. މަގުތަކަށް ފަސް އަޅާވަރަކަށް، މަގުތައް މާބޮޑަށް އުސްވުމުގެ ނަތީޖާ އަކީ، ހޯސްލާފައި ފެންގަނޑު ފައިބައިގެން ގޭތެރެއަށް ވަނުމެވެ. އާއިޝަތުގެ އާއިލާއަށް ވެސް ދިމާވީ މިފަދަ ގޮތެކެވެ.

"މީގެ ގާތްގަނޑަކަށް ދެތިން މަސް ކުރިން ވެސް މިކަހަލަ ގޮތަކަށް ފެން ބޮޑުވި. އެކަމަކު ވެލި ބަސްތާ ޖަހާލީމަ ރަނގަޅުވޭ. ގެއަކަށް ނުވަދޭ. އެކަމަކު މިފަހަރު ހަމަ ވަރަށް އެހެންކަހަލަ ގޮތެއް މި ދިމާވީ. މިހާރު ވެސް ބަލަބަލާ ތިއްބާ ބޮކި ޖަހާފަ ޓައިލްސް ދޭތެރެއިން މި އަރަނީ ފެންގަނޑު. ފާރު ކަންކަނަށް ވާގޮތަށް ހުރި ތަންތަނުން އަރަނީ. ޕަމްޕެއް ޖަހާފަ ހުރީ. އެކަމު ވެސް ޕަންޕު ނިއްވާލާފަ ފަސް މިނެޓު ވާއިރަށް ފިޔަވަޅު ފޮރުވޭ ވަރަށް އެބަ ފެން ބޮޑުވޭ ގޭތެރޭ،" އާއިޝަތު ބުންޏެވެ.

އެ ގޭގެ ސިޓިން ރޫމުގައި ހުރި ސޯފާ އާއި ފޮތް ހަރުގަނޑާއި، ކަބަޑުތަކާއި ހުރިހާ އެއްޗަކަށް ހުރީ ފެނުގެ އަސަރު ކޮށްފަ އެވެ. އާއިޝަތުގެ ދެމަފިރިންގެ ކޮޓަރީގައި ހުރި 30،000 ރުފިޔާގެ ބެޑްރޫމް ސެޓު ދެން ބޭނުމެއް ނުކުރެވޭނެ އެވެ. އަލަމާރި އާއި އެނދު ބަރުކަމުން، ހިއްލާލާފައި ފެން ނުފޯރާނެ ގޮތެއް ހެދޭކަށް ވެސް ނެތެވެ.

"ގަނެފަ ހުރި އެއްވެސް އެއްޗެއް ލޯންގްޓާމް އަކަށް ބޭނުމެއް ނުކުރެވޭނެ. ހިފާލި އެއް ކަބަޑު ވެސް އައީ އަތަށް،"

އެ ގޭގެ ފާހާނާ ތެރެއިން ނަޖިސް އަރާ، މުޅި ގޭގައި އޮތީ ނަޖިސް ފެނެވެ. އާއިޝަތު ބުނީ ކުރިއަށް އޮތް ދެ ހަފްތާވެސް ފާހާނާ ބޭނުންކުރެވޭނެ ވަރު ނުވާނެ ކަމަށެވެ.

އާއިޝަތުގެ ދެމަފިރިންގެ ކޮޓަރީގެ ހުރިހާ ފަރުނީޗަރެއް ކަހަލަ ގޮތަކަށް ހަލާކުވެފައި ވާއިރު، ކޮޓަރި ތެރޭގައި ވެސް ހުރީ ނަޖިސް ފެނެވެ. އެހެންކަމުން ދެމަފިރިންނަށް އެތަނުގައި އުޅެވޭނެ ގޮތެއް ނެތިގެން މިހާރު ވަނީ ގެއިން ނުކުންނަން މަޖުބޫރުވެފަ އެވެ. އަދި މިވަގުތު އެ ދެމަފިރިން ތިބީ ވެސް އާއިލާ މީހެއްގެ ގޭގަ އެވެ.

ފުވައްމުލަކަށް އުފަން އާއިޝަތު ބުނީ އޭނާގެ އުމުރުން މި ފަޢިތުވީ 40 ވަރަކަށް އަހަރުގައި ވެސް އެފަދަ ކަމަކާ ކުރިމަތިލާން ޖެހިފައި ނުވާ ކަމަށެވެ.

"ވަރަށް އިމޯޝަނަލް ހަމަ. ވަރަށް ޓަފް ޓައިމްސް މިއީ. ވަރަށް ބޮޑު ގެއްލުމެއް ވެއްޖެ. މަސައްކަތަށް ވެސް ވަރަށް ބޮޑު ހުރަހެއް،" އާއިޝަތު ބުންޏެވެ.

އާއިޝަތު ބުނީ މާލީ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް، ކޮންމެހެން ބަދަލެއް ހޯދަން ނޫޅޭ ކަމަށެވެ. ބަދަލެއް ދިނުމާ ދެކޮޅު ނަހަދާ ކަމަށާއި، އެހެން ނަމަވެސް ވަކިވަކި ގެތަކަށް މާލީ އެހީ ދިނުމަށް ވުރެ، މުޅި ސިސްޓަމް ރަނގަޅު ކުރުމަށް އެ ފައިސާ ހަރަދުކުރުން ބުއްދިވެރި ކަމަށް އޭނާ ބުންޏެވެ.

"ކުރިއަށް އޮތް ތަނުގަ މިފަދަ ކަމެއް ތަކުރާތު ނުވުން ކަންނޭނގެ ރައްޔިތުންނަށް ވެސް އަދި ކަމާބެހޭ ފަރާތްތަކަށް ވެސް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ،" އޭނާ ބުންޏެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ މިފަހަރު ވިއްސާރައިގައި އެ ސިޓީގެ ރައްޔިތުންނަށް މީން ދުވަހަކު ނުވާހާ ބޮޑު ގެއްލުން ވެފައިވާ ކަމަށެވެ. ފަރުނީޗަރުގެ އިތުރުން، ގޯތިގެދޮރަށް ގެއްލުން ވިއެވެ.

"އިއްޔެ ދިމާވި ޒުވާން ކުއްޖެއް ބުނީ އިންހޭލާ ވެސް ހަލާކު ވެއްޖޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ މީގެ ކުރިން 12 ވަރަކަށް ގަޑިއިރު ތެރޭ ފެން ހިންދާލެވުނު ނަމަވެސް، ހުއްޓާނުލާ ވެހެމުން ދާތީ މިފަހަރު ތިން ދުވަސް ވީއިރުވެސް ފެން ނުހިނދޭ ކަމަށެވެ. އެ ޒުވާނާ ބުނީ ނަރުދަމާ ނިޒާމު ފެއިލްވެފައިވާ ކަމަށާއި، ނަޖިސް އަރައި ފުވައްމުލަކުގެ ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށެވެ.

އިތުރު ބަލިމަޑުކަމެއްގެ ބިރު!

އެ ޒުވާނާ ބުނީ ފުވައްމުލަކުގައި ކޮވިޑް19 ވެސް ހަލުވި ކަމާއެކު ފެތުރެމުން އަންނައިރު، އަނެއްކާ މުޅި ސިޓީގައި ފެން ބޮޑުވެ، ނަޖިސް ލީކުވުމުގެ ސަބަބުން އިތުރު ބަލިމަޑުކަމެއްގެ ބިރުވެރިކަން ވެސް އެބަ އޮތް ކަމަށެވެ.

އާއިޝަތު ވެސް މިކަންބޮޑުވުން ފާޅުކުރި އެވެ. އާއިޝަތު ބުނީ ނަޖިސް ފެނުގެ އިތުރުން، ފެންބޮޑުވުމުގެ ސަބަބުން

ބުޅަލާއި މީދާ ފަދަ ޖަނަވާރުތަކުގެ ހެބިޓަޓަށް އަސަރުކޮށް، އެ އެއްޗެހި ވެސް މަރުވަމުން އަންނަ ކަމަށެވެ.

"ނަޖިސްތައް މި ހިނދެނީ ގޯތި ތެރެއަށް. ދެން ބިޗުލާ، ބޮކާ، ފަނިކަކުސަ އަދި ބުޅަލާއި މީދަލުގެ ހެބިޓަޓްސް އެއްކޮށް ދިޔައީމަ މި އެއްޗެހި ވެސް މަރުވެގެން އެބަ އާދޭ ފެންގަނޑާ އެއްކޮށް. މާބަނޑު ބުޅަލެއް ވެސް މަރުވެފަ އޮއްވާ ފެނުނު. އެ ފާވެގެން ދިޔަތައް ފެނަށް ފައިބާ މިކަހަލަ ކަންތައް ވަންޏާ، ކޮވިޑް އޮއްވާ އަދި އިތުރު ސިއްހީ ބޮޑު ކާރިސާއެއް އައުން ވެސް އެކަށީގެންވޭ،" އޭނާ ބުންޏެވެ.

މިފަހަރު މިހެން މި ވީ ކީއްވެ؟

ރަށުން ވާހަކަ ދެއްކި ބައެއް ރައްޔިތުން ބުނާގޮތުގައި މިއީ ތަރައްގީ ގެނައުމުގެ ނަމުގައި ގުދުރަތީ ނިޒާމާ ކުޅުމުގެ ސަބަބުން ކުރިމަތިލާން ޖެހުނު ކަމެކެވެ.

"މީ މަޝްރޫއުތައް ހިންގާއިރު ސަރުކާރުން ބަލަން ޖެހޭ މިންވަރަށް ނުބެލުނީތީ ވީކަމެކޭ އަޅުގަނޑު ޕާސަނަލީ ގަބޫލުކުރަނީ. މަގުތައް ކޮނެ، ފަސް އަޅައި، ނަރުދަމާ އާ ހޮޅިތައް އަޅައި އެއް ކޮޅުން ފެން މޫވް ކުރާ ގޮތަށް ހަދައި ބައިވަރު ކަންކަން ފަރުވާ ކުޑަކޮށް ކުރެވިފަ ހުރީމަ އޭ ބުނެވޭނީ،" އެކަކު ބުންޏެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ވެސް މިކަން ދޮގެއް ނުކުރެ އެވެ. ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ވިދާޅުވީ ވިއްސާރައިގައި ގާތްގަނޑަކަށް 60 ޕަސެންޓު ގެތަކަށް އެކިވަރަށް އަސަރުކޮށްފައިވާ ކަމަށެވެ. މުދަލަށް ގެއްލުން ލިބުމުގެ އިތުރުން، މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ވެސް އޮތީ ހުރަސް އެޅިފަ އެވެ.

އޭނާ ވިދާޅުވީ ފެނުގެ ސަބަބުން ގެއްލުންވި ގެތަކުގެ ތަފްސީލުތައް އަދި ކަށަވަރު ނުވިނަމަވެސް، ރައްޔިތުންނަށް ލިބުނު ގެއްލުން މިލިއަނުން ގުނާލެވޭނެ ކަމަށެވެ.

"ރޯދަ މަހުގެ 30 ވަނަ ދުވަހު މެންދުރު ފަހު ވެހެން ފެށި ވާރޭ، އަދިވެސް ހަމަ ކޮންމެސް ވަރަކަށް ވާރޭ ވެހެމުން ދަނީ. މުޅިން ހުއްޓައެއް ނުލާ. ރައްޔިތުން އަދިވެސް ހަމަ ވަރަށް ހާލުގަ ތިބީ. ބައެއް ގެތަކުގައި މިވަގުތު ވެސް ކޮޓަރިތަކުގައި ފަސް ވަރަކަށް އިންޗިއަށް ފެން އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ޟިރާރު ވިދާޅުވީ، ތަރައްގީ ގެނައުމަށް ގުދުރަތީ ނިޒާމުތަކާ ކުޅޭނަމަ މިފަދަ ކާރިސާތައް ކުރިމަތިނުވެ ނުދާނެ ކަމަށެވެ. ފުވައްމުލަކަކީ މެދަށް އަޑިކޮށް އޮންނަ ރަށެއް ކަމަށް ވާތީ، ފެންގަނޑު ޖަމާވަނީ ރަށުގެ މެދަށެވެ.

އޭނާ ވިދާޅުވީ މިހާރު ހިނގަމުންދާ ބައެއް މަޝްރޫއުތައް އަދި މުޅިން ނުނިމޭތީ މައްސަލަތަކެއް ދިމާވާނެ ކަން އެނގޭ ކަމަށެވެ. ނަމަވެސް ކޮވިޑް19 އާ ގުޅިގެން، ކައުންސިލުން ގެންދަން ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ނުގެންދެވޭ ކަމަށެވެ.

"ޑްރެއިނޭޖް މެނޭޖު ކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭނެ. ނިމިގެން ދިޔަ ސަރުކާރުން، ފެނާ ނަރުދަމާ ނިޒާމު ގާއިމުކޮށްފަ އޮތީ. އެބޭފުޅުން ވިދާޅުވީ މައްސަލައެއް ނޫޅޭނޭ. އެކަމަކު އެ ނިޒާމުގެ ތެރެއަށް ކޮންމެސް ގޮތަކަށް ފެން ވަދެގެން މި އުޅެނީ،" އޭނާ ިވިދާޅުވި އެވެ.

ޟިރާރު ވިދާޅުވީ ހުއްޓާނުލާ ވާރޭ ވެހޭ ނަމަ، ވަގުތީ ހައްލެއް ހޯދަން ވެސް އުނދަގޫވާނެ ކަމަށެވެ. ނަޖިސް ފެން އަރާ މައްސަލަ ވެސް ހައްލު ކުރެވޭނީ އެ ފުރުސަތު ލިބޮގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވާރޭ ނުވެހި 24 ގަޑިއިރު ދިޔަސް ނަތީޖާ ނެރެވިދާނެ،"

މިހާރު ކައުންސިލާއި ކަމާބެހޭ ފަރާތްތަކުން އަންނަނީ މެދުކެނޑުމެއް ނެތި ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ވާރޭ ވެހޭ ނަމަ، ފެން ޕަމްޕު ކުރާނެ ކެޕޭސިޓީ ނެތް ކަމަށް ކައުންސިލުން ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހު ފެށި، ފުވައްމުލަކު ނަރުދަމާގެ މަސައްކަތް 2018 ސެޕްޓެމްބަރު 14 ވަނަ ދުވަހު ވަނީ އިފްތިތާހްކޮށްފަ އެވެ. ނަމަވެސް އޭރު ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ ރިޔާސީ އިންތިހާބާ ދިމާކޮށް އަވަސް އަރުވާލައިގެން އެއްކޮށް މަސައްކަތް ފުރިހަމަ ނުކުރާ ކަމަށެވެ.

ކަންވީވެސް އެހެނެވެ. ނަރުދަމާގެ ސަބަބުން ލިބޭ ފަސޭހައަށް ވުރެން އެކަމުގެ ސަބަބުން ލިބޭ ގެއްލުން މާ ބޮޑުކަމަށް ފުވައްމުލަކު ރައްޔިތުން ޝަކުވާކުރެ އެވެ. އެހެންކަމުން އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފުވައްމުލަކު ރައްޔިތުން ބުނަނީ އަދިވެސް މައްސަލަ ހައްލު ކޮށްނުދެވޭ ކަމަށެވެ. ބޮޑު ފެންގަނޑާއި ނަޖިހުގެ ތެރޭގައި ބަކަތެޅުމަކީ އެ "ސިޓީ" އަށް ހައްގު މިންވަރު ނޫން ކަމަށެވެ.

comment ކޮމެންޓް