މަގޭ ޙައްޤެއް - 12

"ޖަވާބޭ!" ރިއުމާން އެހެން ބުނީ ކީއްވެގެންކަން އެނގުނު ނަމަވެސް، ވެރިވި ނުތަނަވަސްކަމާއެކު، ސަޖަލްއަށް ބުނެވުނެވެ. އޭރު ވަނީ ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެފައެވެ. ސަޖަލްގެ މުޅި ހަށިގަނޑުގައި ބުނެދޭން ނޭނގޭ ފިނިކަމެއް ދައުރުކޮށްލިއެވެ. ރިއުމާންގެ ނަޒަރުން އޭނާގެ ދެފައިން ވާގިދޫވާހެންވެސް ހީވިއެވެ.

"އެހާ އަވަަހަށް ހަނދާންނެތުނީތަ؟" ރިއުމާން ސަަޖަލް އިހުނަށްވުރެ އޭނާގެ ގަޔާ ގާތަށް ދަމައިލަމުން ބުނެލިއެވެ.

"އަހަރެން...."

"އަހަރެން ވިސްނަން ވަގުތު ދީފީމެއްނު... ޖަވާބެއް ދީބަލަ! އަހަރެން މި ދައްކާ ވާހަކަ ހަމަ ރަނގަޅަށްވެސް ސަޖަލްއަށް އެނގެއެއްނު." ރިއުމާން ބުނެލިއެވެ. ސަޖަލް އިސްޖަހައިލިއެވެ. އެއަށްފަހު މަޑުމަޑުން ބޯ ޖަހައިލިއެވެ. ރިއުމާންއާ އެހާ ގާތުގައި ހުންނަން ވުމުން އޭނާއަށް އާދަޔާ ޚިލާފް އަސަރުތަކެއް ކުރުވަމުން ދިޔައެވެ.

"ތި ބުނީ އާނއެކޭތަ؟" ރިއުމާން ކުޑަކޮށް ސަޖަލްގެ ކަންފަތާ ދިމާލަށް ގުދުވެލާ ބުނެލިއެވެ. އަނެއްކާވެސް ސަޖަލް ބޯ ޖަހައިލިއެވެ.

"ދެން ދޫކޮށްލަބަލަ... ސާރ މީ އޮފީހޭ..." ސަޖަލް ދުރުވެލަމުން ބުނެލިއެވެ. އޭރުވެސް އޭނާ ހުރީ ރިއުމާންއާ ހަތަރު ކަޅި ހަމަކޮށްލަން ނުކެރިފައެވެ.

"އަދިވެސް ސާރތަ ކިޔަނީ؟" ރިއުމާން އަނެއްކާވެސް ސުވާލުކޮށްލިއެވެ. ސަޖަލް އިސްޖަހައިލަމުން އޭނާ ދަނީ ކަމަށްބުނެ ކެބިންއިން ނިކުތުމަށް ހިނގައިގަތެވެ. މިފަހަރަކު ރިއުމާންވެސް އޭނާ ހުއްޓުވާކަށް ނޫޅުނެެވެ. ސަޖަލް ނިކުމެގެން އެދިޔަ ގޮތަށް ދިޔައީ އޭނާގެ ކެބިންއަށެވެ. ގޮސް ގޮނޑީގައި އިށީނދެ އޭނާ ފުންކޮށް ދެތިން ނޭވާ ލިޔެެވެ. ރިއުމާންއަށް އާބަސް ދިންއިރުވެސް އޭނާގެ ހިތްދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ.

އެރޭގެ ވަގުތުގައި އެދެމީހުން އެކުގައި ރެސްޓޯރެންޓަކަށް ކާން ދިޔައެވެ. ކައި ނިންމާލައިގެން ގެއަށް ދިޔަ މަގުމަތީގައި ރިއުމާން ވާހަކަ ދެއްކިއެވެ.

"އައި ރިއަލީ ލަވް ޔޫ ސަޖޫ..." ސަޖަލްގެ އަތުގައި ހިފައިލަމުން ރިއުމާން ބުނެލިއެވެ. އެއާއެކު ސަޖަލްއަށް އިސްދަށަށް ޖަހައިލެވުނެވެ.

"މިހާރު އަހަންނަށް ބަލައިވެސް ނުލާން ހިތު ލައިގެންތަ ތިއުޅެނީ..." ރިއުމާން ބުނެލިއެވެ. ސަޖަލް ދެފަރާތަށް ބޯ ހޫރައިލަމުން އިސް އުފުލައިލިއެވެ. ގެއާ ހިސާބަށް އާދެވުމުން ރިއުމާން ސަަޖަލްއަށް ބަލައިލަމުން އޭނާ މާދަމާ އޮފީހަށް ދާއިރު ސަޖަލް ބަލާ އަންނާނެ ކަމަށް ބުނެލިއެވެ.

"އަހަރެން އެކަނި ގޮސްފާނަމޭ... ސައިކަލެއް ހޯދާފަ އެ ހުރީ ބޭނުމަކުއޭ..." ސަޖަލް ބުނެލިއެވެ. ރިއުމާންއަށް ހިނިތުންވެލިއެވެ. އެކަމާ ގުޅުވައިގެން އޭނާ ދެން އިތުރަށް އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ.

ސަޖަލް ގޭތެރެއަށް ވަތްއިރު ބައްޕަވެސް ފެންނާކަށް ނެތެވެ. އޭނާ ކޮޓަރިއަށް ވަދެ ފާޚާނާއަށް ވަދެލީ ފެންވަރައިލުމުގެ ނިޔަތުގައެވެ. ފެންވަރައިގެން ނުކުތްތަނާ އަނެއްކާ ރިއުމާން ގުޅައިލިއެވެ.

"އައި އޯލްރެޑީ މިސް ޔޫ..."

"ހެހެ، މީޓޫ. " ސަޖަލްވެސް ލުއި ހުނުމަކާއެކު ބުނެލިއެވެ. އޭނާ އެނދުމަތީގައި އޮށޯވެ ރަޖާ އަޅައިލިއެވެ.

އެ ދުވަހަށްފަހު ދެމީހުންގެ ގުޅުން ކުރި ފަޅާ ހެދެމުންދިޔައެވެ. އެ ދެ ނަންވެސް ލޯބިވެރިންގެ ލިސްޓުގައި ހިމެނުނެވެ. އެކުގައި ކެއުންތަކަށް ދިޔުމާއެ ގުޅައިގެން ވާހަކަ ދެއްކުމާއި، އެކުގައި ދުއްވައިލަން ދިޔުންފަދަ އާދަތަކުން އެކަކު އަނެކަކުގެ ހިތުގައި އުފެދިގެން އުޅޭ އިޙްސާސް ވަރުގަދަވަމުން ދިޔައެވެ. ސަޖަލްވެސް ހުންނަނީ ރިއުމާން އޭނާއަށް އަޅައިލާވަރު ފެނިި ނުހަނު އުފަލުންނެވެ.

އެއީވެސް އެފަދަ ރެއެކެވެ. އެ ދެމީހުން ގޮސް ދި ރިއަލް ރެސްޓޯރެންޓަށް ވަތްއިރު އެތަނުގައި ލުއި މިއުޒިކެއް ޖަހާފައިވާއިރު ހިތްގައިމެވެ. ތަނުގައި ހުރި އޮރެންޖް އަލިން އެތަނުގެ ރީތިކަން އިތުރުކޮށްދީފައިވެއެވެ. ސަޖަލްއާ ރިއުމާންއާ ދެމީހުން ގޮސް އިށީނީ އެތަނުގެ އެއްފަރާތު ކަނުގައި ހުރި މޭޒުގައެވެ. ދެމީހުން އިށީނުމާއެކު ވެއިޓަރު މެނޫ ގެނެސްދިނެވެ. ސަޖަލް މެނޫއަށް ބަލައިލާފައި އޭނާ ރިއުމާންއަށް ނަޒަރު ހުއްޓައިލިއެވެ. ދެމީހުން ބޭނުންވާ އެއްޗެހި ވެއިޓަރު ކައިރީގައި ބުނެލިއެވެ. ވެއިޓަރު ދިޔުމާއެކު ރިއުމާން ވާހަކަ ދައްކަން ފެށިއެވެ. ސަޖަލް ވެސް ރިއުމާންއަށް ބަލަމުން ރިއުމާންގެ ވާހަކައިގައި ބައިވެރިވަމުން ދިޔައެވެ.

"ކީއްވެތަ އަބަދުވެސް އަހަންނަށް ސާރ ކިޔަނީ... މިހާރު ވެއްޖެއެއްނު އެ އާދަ ދޫކޮށްލަން. އެޓްލީސްޓް މިހެން އަހަރެމެން އުޅޭއިރު... މީ އޮފީހެއްނޫނެއްނު..." ރިއުމާން ބުނެލިއެވެ.

"ދެން އަހަރެން ކީކޭ ކިޔަންވީ؟" ސަޖަލް ބުނެލިއެވެ. އެއަށްފަހު އޭނާ ރިއުމާންއަށް ބަލައިލިއެވެ.

"އަހަރެންނާ ގާތް މީހުން ކިޔާނީ މާން..."

ރިއުމާން ވަރަށް ފުން ނަޒަރަކުން ސަޖަލްއަށް ބަލައިލިއެވެ. އެ މޫނުމަތިން އޭނާއަށް ފެންނަނީ ހިންހަމަޖެހުމުގެ ކުލަވަތުތަކެވެ. ވެއިޓަރު ކާއެއްޗެހި ގެނައުމާއެކު ދެމީހުން ވާހަކަ ދައްކަމުން ކެއުން ކުރިއަށް ގެންދިޔައެވެ. ދެމީހުން ކައި ނިންމާލައިގެން ބިލް ގެންނަން ބުނެލިއެވެ. އެވަގުތު ރިއުމާންގެ ނަޒަރު ދޮރާ ދިމާލަށް ހުއްޓުނުތަން ސަޖަލްއަށް ފެނުމާއެކު އޭނާވެސް އެދިމާލަށް ބަލައިލިއެވެ. ރިއުމާންގެ މޫނުމަތިން އޭނާއަށް ފެނުނީ ނުރުހުމުގެ ކުލަވަރެވެ. އޭރު އެ ތަނަށް ވަތް އަންހެން މީހާވެސް ހުރީ ރިއުމާންއަށް ބަލަހައްޓައިގެންނެވެ. އޭނާ ހުރީ އިތުރު ފިރިހެނެއްގެ އަތުގައި ހިފާލައިގެންނެވެ.

"ވެއިޓަރ ބިލް ޕްލީޒް... " ރިއުމާން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު ސަޖަލްއަށް ރިއުމާންއަށް ބަލައިލެވުނެވެ. އެ ވަގުތު އެމޫނުމަތިން ފެނުނު އަސަރުތައް މާނަ ކުރާނޭ އިތުރު ގޮތެއް އޭނާއަކަށް ނޭނގުނެވެ.

"ވަޓް ހެޕެންޑް މާން؟" ސަޖަލްއަށް ކަންބޮޑުވުމާއެކު، ސުވާލުކޮށްލެވުނެވެ.

" ވެއިޓަރ އައި ސެޑް ބިލް ޕްލީޒް..." ރިއުމާން ސަޖަލްގެ ސުވާލަށް ޖަވާބު ނުދީ ބާރަށް އަނެއްކާވެސް ބުނެލިއެވެ.

އެއާއެކު ވެއިޓަރުވެސް އަވަސް އަވަސް އަރުވައިލައިގެން ބިލް ހިފައިގެން އައެވެ. ލާރި ދައްކާފައި ރިއުމާން ސަޖަލްގެ އަތުގައި ހިފާލައިގެން ނުކުތްއިރުވެސް އެ އަންހެން މީހާގެ ނަޒަރު އެ ދެމީޙުންނަށް ހުއްޓިފައިވެއެވެ. ސަޖަލް އިސްވެ ރިއުމާންގެ އަތުގައި ހިފައްޓައިލަމުން ސުވާލުކޮށްލީ ރެސްޓޯރެންޓުން ނުކުމެވުމާ އެކުގައެވެ.

"ރިއުމާން... ކިހިނެއްވީތަ؟ ކާކުތަ އެއީ؟ ކީއްވެ ތިހާ ބޮޑު ބަދަލެއް އަންނަންވީ؟" ސަޖަލްއަށް ސުވާލުކޮށްލެވުނެވެ. އެ އަޑުގައިވަނީ ހާސްކަމެވެ.

"އެއީ... އެއީ އަހަރެންގެ މަންމަ... އަހަންނާ މާ ބޮޑު ގުޅުމެއް ނޯވޭ..." ރިއުމާން އެހެން ބުނެލުމުން އޭނާއަށް ރިއުމާންއާ އޭނާގެ މަންމައާ ދެމެދު އޮތް ގުޅުން ރަނގަޅު ނޫންކަމުގައި ދެނެގަނެވުނެވެ. އެހެންނަމަވެސް އިތުރަށް ސުވާލުކުރާނެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެހެންކަމުން ސަޖަލް ޚިޔާރުކުރީ ހިމޭންކަމެެވެ. މިވަގުތު އެ ވާހަކަ ދައްކަން ހަދައިގެން ރިއުމާންގެ މޫޑު ޚަރާބުވާނޭކަން އޭނާއަށް ދެނެގަނެވުނީއެވެ.

"ތަންކޮޅެއް ހަމަހިމޭންތަނަކަށް ގޮސްލަން ހިނގާބަލަ. ދެމީހުން ވާހަކަ ދައްކައިލަން." ސަޖަލް ބުނެލިއެވެ. އޭނާ ރިއުމާންގެ އަތަށް ބާރުކޮށްލިއެވެ. އެއާއެކު ރިއުމާން ސަޖަލްއަށް ބަލައިލިއެވެ. ސަޖަލް ހިނިތުންވެލުމުން ރިއުމާންވެސް ހިނިތުންވެލިއެވެ.

ދެމީހުން ގޮސްލީ ރަސްފަންނަށެވެ. އެތަނުގައި ހުރި ޖޯލިފަތި ތަކުގައި އިށީނދެ ސަޖަލް ވާހަކަ ދައްކަން ފެށުމުން ރިއުމާންއަށްވެސް ހަމަޖެހިލެވުނެވެ. އޭނާވެސް މޫޑު ރަނގަޅުކޮށްލަމުން ސަޖަލް އާ ވާހަކަ ދައްކަން ފެށިއެވެ.

"ސޮރީ އިނގޭ ރެސްޓޯރެންޓް ތެރޭގައި އެހެންވީމަ. އަހަރެންގެ އާއިލީ ގުޅުން އެހާ ރަނގަޅެއް ނުވާނެ... އައި އެމް ސޮރީ..." ރިއުމާން ސަޖަލްގެ އަތުގައި ހިފާލަމުން މާފަށް އެދުނެވެ.

"މާން ރުޅި ނާންނަންޏާ އަހަރެން ސުވާލެއް ކުރަންތަ؟" ސަޖަލް އަހައިލިއެވެ. އެއަޑުގައި ހިސާބެއްގެ ޖެހިލުންވުމެއް ވިއެވެ.

"ހާދަ ހާސްވެފަ. އަހާބަލަ!" ރިއުމާން ހިނިތުންވެލިއެވެ.

"މީ އަނެއް... މާން... އުޅެނީ ބައްޕައާ އެކީގައެއް ނޫންތަ؟ ކުރިން ދުވަހަކު އެކަހަލަ އެއްޗެއް އަޑު އިވުނީމަ" ސަޖަލް އޭނާއަށް އަޑު އިވުނު ވާހަކަތައް ރިއުމާން އާ ހިއްސާކޮށްލިއެވެ.

"އެ ވާހަކަ ދޯ... އާ، އަހަރެން އުޅެނީ އެކަނި. އާއިލާ ތެރޭގައި އެހާ ހަމަޖެހުމެއް ނޯންނާނެ. އެހެންވީމަ އަހަރެން ވަކިން ބަދަލުވީ... މަންމައާ ވެސް މާ ބޮޑު ގުޅުމެއް ނޯވޭ... ބައްޕައާވެސް ވާހަކަ ދައްކަނީ ދެން ގޮތަކަށް މަޖުބޫރުވީމަ... އެކަމާ ދެން އަޅައިނުލާބަލަ. މިތަނަށް އައިސް އަހަރެންގެ އާއިލާގެ ވާހަކަ ދެއްކީމައޯ... ހިނގާބަލަ އަހަރެމެންގެ އަމިއްލަ ވާހަކަ ދައްކަން..." ރިއުމާން ބުނެލިއެވެ. އެއަށްފަހު އޭނާ ހިނިތުންވެލަމުން ސަޖަލްއަށް ބަލައިލިއެވެ. ސަޖަލްވެސް ރައްދުގައި ރިއުމާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

ދެމީހުން އެތަނުން ތެދުވީ އެތައް އިރަކު ވާހަކަ ދައްކައިލަން ތިބެފައެވެ. އޭރުވެސް އެތަނުގެ އެކި ހިސާބުތަކުގައި ޒުވާން ޖޯޑުތައް ހަރަކާތްތެރިވަމުން ދިޔައެވެ.

ދުވަސްތައް އެ ގޮތުގައި ފާއިތުވަމުން ދެއެވެ. ރިއުމާންއާ ސަޖަލްގެ ގުޅުންވެސް ދުވަހެއް ދުވަހަަކަށް ބަދަލުވަމުން ދިޔައެވެ. ރިއުމާންއަކީ އޭނާ އުންމީދުކުރެވުނު ފަދަ ޙަޔާތުގެ ބައިވެރިއެއްކަމަށް ސަޖަލްއަށް ވެސް ހީކުރެވުނެވެ. ރިއުމާންގެ ފަރާތުން ފެންނަމުންދާ އޯގާތެރިކަމުގެ ސަބަބުން ޚުދު ސަޖަލްގެ ހިތުގައި ވެސް ރިއުމާންއަށް އޮތް ލޯބި ފުންވަމުން ދިޔައެވެ. އޭނާއަށް ރިއުމާންގެ ކިބައިން ގިނަ ކަންތަކަށް އުންމީދުކުރެވެން ފެށުނެެވެ.

އާދައިގެ ދުވަހެކެވެ. އެ ދުވަހުވެސް ސަޖަލް އޮފީހުގައި އޭނާގެ ކެބިންގައި އިނދެފައި އޮތް މީޓިން އެއްގެ އެޖެންޑާ ހިފައިގެން ރިއުމާންގެ ކެބިންއަށް ގޮސް ވަނެވެ. އޭނާ ހައިރާންވީ ރިއުމާންގެ މޫނުމަތިން ފެނުނު އަސަރުތަކުންނެވެ. ސަޖަލް ފެނުމުން ރިއުމާން ހިނިތުންވެސް ނުވިއެވެ. އެއާއެކު ސަޖަލްއަށް ކުޑަ ނުތަނަވަސްކަމެއް ލިބުނެވެ.

ސަޖަލް ގޮސް ގޮނޑީގައި އިށީނދެލިއެވެ. އެއަށްފަހު ރިއުމާންއަށް ގޮވައިލިއެވެ.

"އަަހަރެން ބުނެފިންތަ ސަޖަލް ކައިރީގައި އިށީންނަން... ނުބުނެވެއެއްނު..." ކުއްލިއަކަށް އަތުގައި އޮތް ފައިލް ލައްޕައިލަމުން ރިއުމާން ސަޖަލްއަށް ނަޒަރު ހުއްޓައިލިއެވެ. އޭރު ސަޖަލްއަށް ވެސް އިނދެވުނީ ރިއުމާންއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެއްގޮތަކަށްވެސް ވެެގެން އުޅޭގޮތެއް އޭނާއަކަށް ނޭނގުނެވެ. އެހެންކަމުން އެމޫނުމަތީގައިވަނީ ހައިރާންކަމެވެ. ސަޖަލް މަޑުމަޑުން ތެެދުވީ ރިއުމާންގެ މޫނުމަތީގައިވި އަސަރުތައް މާނަ ކުރާނެ ގޮތެއް އޭނާއަށް ނޭނގުމުންނެވެ.

"މާން... ކިހިނެއްވީތަ؟ އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟"

"ގޯސްކޮށް ކުރެވުނުކަމެއް ސަޖަލްއަކަށް ނޭނގޭތަ؟" ރިއުމާން ކުއްލިއަކަށް ސުވާލުކޮށްލިއެވެ. އެއާއެކު ސަޖަލްއަށް ނޭނގެޔޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އޭރުވެސް އެމޫނުމަތީގައިވަނީ ސުވާލު މާކުތަކެކެވެ. އޭނާއަށް ވިސްނާ ވިސްނާވެސް އޭނާއަށް ގޯސްކޮށް ކުރެވުނުކަމެއް ނޭނގުނެވެ.

"ބުނެބަލަ! އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟" ސަޖަލް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ސަޖަލްއަށް ކީއްވެތަ ނޭނގެނީ އަހަރެން ސަޖަލް ދެކެ ލޯބިވާވަރު..." ރިއުމާން ބުނެލިއެވެ.

"މާން... އަހަންނަށް ކީއްތަ ކުރެވުނީ... ޕްލީޒް ބުނެބަލަ!" ސަޖަލްއަށް ބުނެވުނެވެ. އޭނާ އިސްތަށިގަނޑު ކަންފަތް ދޮށައް ލައްވައިލިއެެވެ.

"މިއަދުވެސް އަހަރެން އޮފީހަށް އައި ގަޑީގަ ފެނުނީ ސަޖަލް އޮފީސް ފިރިހެންކުއްޖަކާއެކު ހީހީފައި ސަކަރާތްޖަހަމުން ދިޔަ ތަން... ކީއްވެތަ އެހެންމީހުންނާ އެހާ ގާތްކޮށް ވާހަކަ ދައްކަނީ... މި ޒަމާނުގައި ފިރިހެނުން އެހާ އިނޮސެންޓެއް ނުވާނެޔޭ..." ރިއުމާން ބުނެލިއެވެ.

"އެއީ ހަމައެކަނި އަހަރެންގެ އެކުވެރިޔެކޭ... މާން. އެނގެއެއްނު އަހަރެން އެހެން މީހަކާ ދެމެދު އެކަހަލަ ގޮަތަކަށް ނުދެކޭނެކަން. ދެއް ކީއްވެތަ؟" ސަޖަލްއަށް ބުނެވުނެވެ. ރިއުމާން ކުއްލިއަކަށް ގޮނޑިން ތެދުވިއެވެ. އޭނާ އެއައި ގޮތަށް އައިސް ސަޖަލްގެ އަތުގައި ހިފިއެވެ. އެއަށްފަހު ފޯނު ދިނުމަށް އެދުނެވެ.

"ކީއްކުރަން އަހަރެންގެ ފޯނު؟" ސަޖަލް ސުވާލުކޮށްލިއެވެ. ރިއުމާން ސަޖަލްގެ އަތުގައި އޮތް ފޯނު ނަގާ އޭގައި ކޯޑު ޖެހުމަށް އެދުނެވެ.

"މާން... ކީކުރަންތަ ތިއުޅެނީ..."

"ކޯޑު ޖަހާބަލަ..." ރިއުމާން ރުޅިއައިސްގެން ބުނެލިއެވެ. އެއާއެކު ސަޖަލް ފޯނުގެ ކޯޑު ޖަހައިލިއެވެ

(ނުނިމޭ)

comment ކޮމެންޓް