ދިވެހިންގެ ފަރާތުން ޣައްޒާގެ ރައްޔިތުންނަށް ކާއެއްޗެހި ބަހަން ތައްޔާރުވަނިކޮށް ބޮމެއް!

ދިވެހީން ފޮނުވާފައިވާ ފައިސާގެ އެހީން ޣައްޒާއަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެނީ ---

ދިވެހީންގެ ފަރާތުން، ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާ އެއްޗެހި ފޯރުވައިދިނުމުގެ މަސައްކަތް ކުރަމުން ދިޔަ ވެއާހައުސް އެއްގެ ކައިރިއަށް އިސްރާއީލުން ބޮން އަޅައިފި އެވެ.

ބޮން އަޅާފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިއަަށް ގެންދާ "ލޯތްބާއިއެކު" ކެމްޕޭނުގެ އެހީ ބަހަން ތައްޔާރުވަމުން ދިޔަ ވެއާ ހައުސް އެއްގެ ކައިރިއަށެވެ.

އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު، މުހައްމަދު އަލީ މިރޭ "ސަން" އަށް ވިދާޅުވީ، ގާޒާ ތެރޭގައި މިވަގުތު އައިއޭސީގެ ހަތަރު ޕާޓްނާ އެންޖީއޯއެއް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ކެމްޕެއިން އިން ދުނިޔޭގެ 17 ސަރަހައްދެއްގެ އެތައް ގައުމަކަށް ފާއިތުވި ހަތަރު އަހަރު ތެރޭގައި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިވަގުތު ގާޒާގައި އެމާޖެންސީ ހާލަތެއް އޮތުމުން، ގާޒާގައި އިމާޖެންސީ ރިލީފް އޮޕަރޭޝަނެއްގެ ގޮތުގައި ކެމްޕެއިން ވަނީ ފުޅާކޮށްފަ އެވެ.

އޭނާ ވިދާޅުވީ މިއަދު ވެއާ ހައުސްގެ ކައިރިއަށް ބޮމެއް ވައްޓާލީ އެ މަސައްކަތުގެ ދަށުން ދިވެހީންގެ އެހީގައި 200 އާއިލާއަކަށް ފުޑް ޕެކޭޖާއި ހޮޓް މީލްސް ބެހުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.

"މި އިންސިޑެންޓު ހިނގީ، ހޮޓް މީލްސްތައް ރެޑީކުރަން ތިބި ވެއާ ހައުސް ކައިރިއަށް ބޮން އެޅީ. އޭރު އަޅުގަނޑުމެންގެ ޓީމުތަކުން ކައްކާފަ ޕެކް ކުރަން އުޅެނިކޮށް. ބޮން އެޅި އިރު އަޅުގަނޑު ހުރީ ގުޅައިގެން. ވަޓްސްއެޕް ވީޑިއޯ ކޯލެއްގަ ހުރީ،" މުހައްމަދު އަލީ ވިދާޅުވި އެވެ.

ކެމްޕޭނުގެ ދަށުން މިއަދު ހޮޓް މީލްސް އާއި ފުޑް ޕެކޭޖުތައް ބެހުމަށް ހަމަޖެހިފައި އޮތީ ނޯތު ގާޒާގައި ގެދޮރު ނެތި ހާލުގައި ޖެހިފައި ތިބި އެތައް ސަތޭކަ އާއިލާ އަކަށެވެ. މުހައްމަދު އަލީ ވިދާޅުވީ ނޯތު ގާޒާގައި ހަމަލާތައް އިތުރުވުމާ ގުޅިގެން އެތައް ބައެއްގެ ގެދޮރު ގެއްލުމުން، މިވަގުތު އެމީހުން ވަދެ ތިބީ ސްކޫލުތަކަށް ކަމަށެވެ.

"ސްކޫލްތައް ކޮވިޑާ ހެދީމަ ބަންދު އެހެންވީމަ އެމީހުން ގޮސް ތިބީ ސްކޫލްތަކަށް ވަދެ. އެތަނުގައި ކައްކާ ކެވޭނެ ގޮތެއް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހާލުގައި ޖެހިފައި ތިބި މީހުން ވަދެ ތިބި ޔޫއެން ސްކޫލަކަށް ކަމަށެވެ. ނަމަވެސް އެތަނުގެ ފާހާނާތައް ހުޅުވައި ނުދީގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.

މިހާރު އެއިޑް ޓީމުން މަސައްކަތް ކުރަމުން އަންނަނީ އެ ސްކޫލުގައި ތިބި މީހުންނަށް ހޮޓް މީލްސް ފޯރުކޮށްދިނުމަށެވެ. ބޮމުގެ ހަމަލާއާ ގުޅިގެން މަސައްކަތަށް މަޑު ޖެހުމެއް އައި ނަމަވެސް، މިހާރު ކާއެއްޗެހި ބެހުމުގެ މަސައްކަތަށް ވޮލަންޓިއާ ޓީމުތައް ވަނީ ދަތުރު ފަށައިފަ އެވެ. އެއް ޓީމުން ހޮޓް މީލްސް ބަހާއިރު އިރު، އަނެއް ޓީމުން ބަހާނީ ފުޑް ޕެކޭޖުތަކެވެ.

މުހައްމަދު އަލީ ވިދާޅުވީ ފުޑް ޕެކޭޖުގައި، ކޮންމެ އާއިލާއަކަށް އެއް މަސް ދުވަހު ކެވޭނެ އެއްޗެހި ހުންނާނެ ކަމަށެވެ. ގާޒާގައި ފުޑް ޕެކޭޖުތައް ބެހުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތަކުން ބުނީ، ފުޑް ޕެކޭޖުގައި ފަސް ކިލޯ ހަނޑުލާއި، ފަސް ކިލޯ ފުށް، ފަސް ކިލޯ ހަކުރު، ތިން ލީޓަރު ތެޔޮ، ޓޮމާޓޯ، ސައި އަދި ޖޭމްގެ އިތުރުން ވެސް ޒަރޫރީ ކާބޯތަކެތި ހުންނާނެ ކަމަށެވެ.

ކެމްޕެއިންގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާކުރުމަށް އައިއޭސީގެ ފަރާތުން ލައިވް އެއް ކުރިއަށް ގެންދަނިކޮށް ވެސް ވަނީ ބޮމެއް އަޅައިފަ އެވެ. ބޮމުގެ އަޑު އިވުނު ނަމަވެސް، ބޮން އެޅީ ކިހާ ދުރަކަށް ކަމެއް ނޭނގެ އެވެ.

މުހައްމަދު އަލީ ވިދާޅުވީ ގާޒާގެ ހާލަތު މިވަގުތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، އެހީގެ މަސައްކަތުގައި އުޅެވެނީ ވަރަށް ބޮޑަށް ހިތްވަރުގަދަ ވެގެން ކަމަށެވެ.

ލޯތްބާއެކު ކެމްޕެއިން މެދުވެރިކޮށް، ފަލަސްތީނުގައި ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އެހީތެރިވެވޭނެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްގެ އެކައުންޓް ނަންބަރަކީ: 7770000026259 (ރުފިޔާ އެކައުންޓް)

އިތުރު މައުލޫމާތު:

ހޮޓްލައިން: 9122121

ވައިބާ: 9122121

comment ކޮމެންޓް