ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް އައްޑޫގައި، ހަތް މީހަކު ހައްޔަރަށް

ސިފައިންނާއި ފުލުހުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޓެރަރިޒަމާ ދެކޮޅަށް ސަލާމަތީ ބާރުތަކުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

އައްޑޫ ސިޓީގައި ފުލުހުންނާއި ސިފައިން ގުޅިގެން އޮޕަރޭޝަނެއް ކުރިއަށް ގެންދާކަން، ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި، އައްޑޫގައި މިއަދު ފަށާފައި ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން، މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ސިފައިން އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝިދަށް ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގޭ ކައިރީ މަޖީދީ މަގުން ނީލޯފަރު ގޯޅި ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައީއީޑީއެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގައި އެމަނިކުފާނުގެ އިތުރުން، އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި، އިތުރު ދެ މީހަކަށް އަނިޔާވި އެވެ.

އެ ހަމަލާއާ ގުޅިގެން ސިފައިންނާއި ފުލުހުންގެ އެލާޓް ލެވަލް ވަނީ މަތިކޮށްފަ އެވެ. އަދި އެ އިންސިޑެންޓުގެ މައްޗަށް ބިނާކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާ އެމްއެންޑީއެފް ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

އަދި އިއްޔެ ވަނީ ލިބުނު "މައުލޫމާތަކާ" ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ވެސް މަތިކޮށްފަ އެވެ.

comment ކޮމެންޓް