އެމެރިކާއިން އިސްރާއީލަށް ކުރާ ތާއިދަށް ބައެއް ޑިމޮކްރެޓިކް މެމްބަރުންގެ ފާޑު ކިޔުން

އެމެރިކާގެ ކޮންގްރެސްގެ ތިރީގޭގައި ހުންނަވާ މިޝިގަންގެ މެމްބަރު އަދި ފަލަސްތީން ދަރިކޮޅުގެ ބޭފުޅެއް ކަމަށްވާ ރަޝީދާ ތަލީބު ވަނީ ބައިޑެންގެ ސަރުކާރަށް ފާޑު ވިދާޅުވެފަ -- ފޮޓޯ:

ވޮޝިންޓަން (މެއި 15): އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދޭ އަސްކަރީ އެހީ އާއި އެގައުމުގެ ސިޔާސަތުތަކަށް ކުރާ ތާއިދަށް އެމެރިކާގެ ކޮންގްރެސްގައި ތިއްބަވާ ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެމްބަރުން ފާޑު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ކޮންގްރެސްގެ ތިރީގޭގައި ހުންނަވާ މިޝިގަންގެ މެމްބަރު އަދި ފަލަސްތީން ދަރިކޮޅުގެ ބޭފުޅެއް ކަމަށްވާ ރަޝީދާ ތަލީބު ވިދާޅުވި ގޮތުގައި ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ބެހޭ ގޮތުން ރައީސް ޖޯ ބައިޑެން އާއި ސަރުކާރުގެ އެހެން އިސް އޮފިޝަލުން ވާހަކަ ދެއްކެވި އިރު ފަލަސްތީނުގެ ރައްޔިތުންގެ އިންސާނިއްޔަތު ކަމަށް އެއްވެސް އިޝާރާތެއް ކުރައްވާފައި ނުވެ އެވެ. އަދި އެ ބޭފުޅުންގެ ބަޔާންތަކުގައި ފަލަސްތީނުގެ އާއިލާތަކަށް ދޭ ހަމަލާތަކާއި ކުޑަކުދިންނަށް ކުރާ އަނިޔާ އާއި އަލް އަގްސާގައި ނަމާދު ކުރަން ތިބި މީހުންނަށް އިސްރާއީލުގެ ސިފައިން ކުރާ ފުރައްސާރަ އެއްވެސް ވަރަކަށް ހިމަނާފައި ނުވެ އެވެ.

"އަމިއްލަ ގެތަކުން ނެރެމުންދާ ފަލަސްތީނުގެ އާއިލާތަކަށް [އިސްރާއީލުން] ހަމަލާ ދެމުންދާކަން ބަލައިގަނެފައެއް ނުވޭ. ކުޑަކުދިން ހައްޔަރު ކުރުމާއި މަރާލުމުގެ ވާހަކަ އެއްވެސް ވަރަކަށް ދައްކާފައެއް ނުވޭ. [މުސްލިމުންނަށް] އެންމެ މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކެއްގައި، އެންމެ މާތް އެއް ތަނުގައި އަޅުކަން ކުރަން ތިއްބާ އިސްރާއީލްގެ ސިފައިން ކުރަމުންދާ ފުރައްސަރާއިގެ އެއްވެސް ވާހަކައެއް ނެތް، އަލް އަގްސާ މިސްކިތުގައި މީހުން ނަމާދު ކުރަމުންދަނިކޮށް ވަށާލާފައިވާ ހަމަނުޖެހުމާއި ކަރުނަ ގޭހާއި ދުމުގެ އެއްވެސް ވާހަކައެއް ނެތް،" ތަލީބު ވިދާޅުވި އެވެ.

ޣައްޒާގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިދިޔަ ބުދަ ދުވަހު ބައިޑެން ވިދާޅުވީ "އިސްރާއީލާ ދިމާލަށް އެތައް ހާސް ރޮކެޓު ފޮނުވަމުންދާ އިރު އަމިއްލަ ގައުމު ދިފާއު ކުރުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ" ކަމަށެވެ. އަދި ދެ ފަރާތުންވެސް ހަމަލާތައް ހުއްޓާލުމަށް އޭނާ ގޮވާލެއްވި އެވެ.

ބައިޑެންގެ ވާހަކަފުޅާ ގުޅިގެން ކޮންގްރެސްގެ މެމްބަރު އަޔާނާ ޕްރެސްލީ ވިދާޅުވީ އެމެރިކާއިން އިސްރާއީލަށް އެތައް ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޮނުވާ އިރު، އޭގެ ސަބަބުން ފަލަސްތީނަށް ލިބޭ ގެއްލުމާ ބެހޭ ގޮތުން އެމެރިކާގެ އޮފިޝަލުންނަށް ހަނުން ނުތިބެވޭނެ ކަމަށެވެ.

"ފަލަސްތީނުގެ ގެތައް ބިމާ ހަމަކޮށް، ފަލަސްތީނުގެ ކުޑަކުދިން ޖަލަށްލާ، ފަލަސްތީނުގެ އާއިލާތަކުގެ ބިން އަތުލަން އިސްރާއީލުން ބޭނުން ކުރާ 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ އަޅުގަނޑުމެންގެ ސަރުކާރުން އެގައުމަށް ދޭ އިރު އަޅުގަނޑުމެންނަށް ހަނަކުން ނުތިބެވޭނެ،" ޕްރެސްލީ ވިދާޅުވި އެވެ.

މީގެ އިތުރުން މެމްބަރު އެލެގްޒެންޑްރިއާ އޮކާސިއޯ-ކޯޓޭޒް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމާއި އެމީހުން ތަހައްމަލު ކުރަމުންދާ ނާއިންސާފުގައި ބައިޑެންގެ ސަރުކާރުގެ ރޯލެއް އޮތް ކަމަށް އެ ސަރުކާރުން އެއްބަސްވާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އިތުރު ޑިމޮކްރެޓިކް މެމްބަރެއް ކަމަށްވާ މާކް ޕޯކަން ވިދާޅުވީ "އިންސާފެއް ނެތް ދަނޑިވަޅެއްގައި ވަކި ފަރާތަކަށް ނުޖެހި ތިބުމަކީ، އަނިޔާ ކުރާ ބަޔަކަށް ތާއިދު ކުރުން" ކަމަށެވެ.

ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ އެހެން ބައެއް މެމްބަރުންނާއި އިދިކޮޅު ރިޕަބްލިކަން މެމްބަރުން ވަނީ އިސްރާއީލުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ޑިމޮކްރެޓިކް މެމްބަރު ޑެބީ ވޮސާމެން-ޝަލްޒް ވިދާޅުވި ގޮތުގައި އިސްރާއީލާއި ފަލަސްތީނާ ދެމެދު މިހާރު ހަމަލާތައް އިތުރުވެ، ރައްޔިތުން މަރުވުމުގެ ޒިންމާ ނަގަން ޖެހޭނީ ހަމާސް އާއި އިސްލާމިކް ޖިހާދު ޖަމާއަތުންނެވެ. އަދި އިސްރާއީލުގައި ވައިގެ ހަމަލާތަކުން ދިފާއުވުމުގެ ނިޒާމު ނެތް ނަމަ އެގައުމުން މަރުވާ މީހުންގެ އަދަދު މިހާރަށް ވުރެ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްރާއީލުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 137 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި 36 ކުޑަކުދިން ހިމެނެ އެވެ. އަދި އިސްރާއީލުން ބުނި ގޮތުގައި ހަމާސްއިން އެގައުމަށް ދިން ހަމަލާތަކުގައި އަށް މީހަކު މަރުވެފައިވެ އެވެ.

comment ކޮމެންޓް