ކޮވިޑުގައި ދިއްދޫއިން މީހަކު މަރުވެއްޖެ

ހއ. ދިއްދޫ ---

ކޮވިޑް19 ޖެހިގެން ހއ. ދިއްދޫ އިން މީހަކު މަރުވެއްޖެ އެވެ. މަރުވެފައި ވަނީ 83 އަހަރުގެ އަންހެނެކެވެ.

ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 8:45 ހާއިރު އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނީ، އެއީ ކޮވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 94 އަށް އަރައިފަ އެވެ. އަދި މިއަދު މިހާތަނަށް ވަނީ ދެމީހަކު މަރުވެފަ އެވެ. ރޭ 1:39 ހާއިރު މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 87 އަހަރުގެ މީހެކެވެ.

ކޮވިޑް ޖެހިގެން އިއްޔެ ވަނީ ފަސް މީހަކު މަރުވެފަ އެވެ. އިއްޔެ ފުރަތަމަ މަރުވި މީހާ އަކީ މެންދުރު އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމަށް ގެނައި 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީގެއިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 86 އަހަރާއި 64 އަހަރުގެ ދެ ދިވެހި ފިރިހެނުންނާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ހޯދަމުން ދިޔަ 84 އަހަރުގެ އަންހެނަކާއި ހަމަ އެތަނުގައި ފަރުވާ ހޯދަމުންދިޔަ 63 އަހަރުގެ އަންހެނަކު ވެސް ވަނީ އިއްޔެ މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހިގެން މިހާތަނަށް ޖުމްލަ 94 މީހަކު މަރުވެފައިވާ އިރު، މި ބަލި ޖެހިފައިވާ 15،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

comment ކޮމެންޓް