އައްޑޫގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން ހުއްޓާލައިފި

އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ފެތުރެމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން ހުއްޓާލަން ނިންމައިފި އެވެ.

ކޮވިޑާ ގުޅިގެން އައްޑޫގައި ކާފިއު އިއުލާނުކޮށް އިތުރު ފިޔަވަޅުތަކެއް ވެސް ގެންދަނީ އަޅަމުންނެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ފިޔަވަޅުތަކުގެ އިތުރުން ވެސް، އައްޑޫ ސިޓީ ޓާސްކް ފޯސްއިން މަޝްވަރާކޮށް ބައެއް ފިޔަވަޅުތައް ހަރުދަނާކުރުމާ ގުޅޭ ގޮތުން ނިންމުންތަކެއް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން ވަނީ އަންގައިފަ އެވެ.

އޭގެ އިތުރުން އައްޑޫ ސިޓީގައި ހަވީރު 6:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައި ވާތީ، އެ ވަގުތުތަކުގައި ފިހާރަ، ރެސްޓޯރަންޓް، ކެފޭ، ހޮޓާ، އަދި ގާޑިޔާ ފަދަ ތަންތަނުން ޑެލިވަރީ ނުކުރަން މިހާރު ވަނީ އަންގައިފަ އެވެ.

ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ކެފޭތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނާ އެއްގޮތަށް ހުރިތޯ ބެލުމަށްޓަކައި އެތަންތަން އިންސްޕެކްޓް ކުރަމުން ގެންދާނެ ކަމަށާއި އަދި ގައިޑްލައިނާ ހިލާފަށް ހުރި ތަންތަނާ މެދު ފިޔަވަޅުއަޅަން ވަނީ ނިންމައިފަ އެވެ. ފިޔަވަޅުތަކުގެ ތެރޭގައި ޖޫރިމަނާކުރުމާއި ކަނޑައެޅޭ މުއްދަތަކަށް ފިހާރަތައް ބަންދުކޮށްފައި ބެހެއްޓުމަށް އެންގުން ހިމެނެ އެވެ.

ކާފިއު ވަގުތުތަކުގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރާނަމަ އައްޑޫ އީއޯސީގެ ހުއްދަ ހޯދަން ޖެހޭނެ އެވެ. ހުއްދައަކާ ނުލާ މަސައްކަތް ކުރާނަމަ އެފަރާތަކާ މެދު ފިޔަވަޅު އަޅާނެ އެވެ.

ހަމައެއާއެކު، އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމާއި، ގޭގައި މަސައްކަތް ކުރުމަށް ބިދޭސީން ގެއަށް ނުގެނައުމަށް ވަނީ އަންގައިފަ އެވެ.

އައްޑޫ ސިޓީގައި މިވަގުތު ކޮވިޑް19 އަށް ޕޮޒިޓިވް 97 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ އެންމެ މީހަކަށެވެ.

އައްޑޫގެ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ:

ހިތަދޫ: 27

ފޭދޫ: 6

ހުޅުދޫ: 52

މީދޫ: 11

މަރަދޫފޭދޫ: 1

comment ކޮމެންޓް