ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވެއްޖެ، ދަނީ ރާއްޖެއާ ދުރަށް

29، މާޗް 2021: މޫސުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިރުދެކުނު އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވެއްޖެ އެވެ.

"ޓައުޓޭ"ގެ ނަން ދީފައިވާ މި ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މިއަދު ފަތިހު 5:00 ގައި ތޫފާން ހުރީ ހއ. ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 400 މޭލު ދުރުގައި ކަމަށެވެ.

"ތޫފާން ދަތުރުކުރަމުން ދާނީ އުތުރު ހުޅަނގުއުތުރަށް ރާއްޖެއާއި ދުރަށް،" މެޓުން ބުންޏެވެ.

މެޓުން ބުނީ ތޫފާނާ ގުޅިގެން ރާއްޖޭގެ ސަރަހައްދަށް ޖެހެމުންދާ ގަދަ ވަޔާއި ވިއްސާރަ މިރެއިން ފެށިގެން މަޑުވާން ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ވެސް ހުޅަނގު މޫސުމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުންޏެވެ.

ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައި ވާއިރު، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު 55 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވެ އެވެ.

މެޓުން ބުނީ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި އަށް ފޫޓާ ދެމެދު ކަމަށެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވެ އެވެ.

comment ކޮމެންޓް