ލިސްޓު ނެރެ މައުސޫމު އެތައް ބައެއްގެ އަބުރު ކަތިލައިފި، މައާފަށް އެދޭ: ޕީޕީއެމް/ޕީއެންސީ

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި މައުސޫމް އެތައް ބައެއްގެ ނަން ހިމަނާފައިވާ ކަމަށް ބުނެ މައާފަށް އެދެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.

އެސެޓް ރިކަވާރީ ކޮމިޝަނުން އެކުލަވާލާފައިވާ ހިޔާނާތުގައި ބައިވެރިވި ކަމަށް ބުނާ މީހުންގެ ލިސްޓު އެ މައްސަލަ ބަލާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީން ވަނީ ބުދަ ދުވަހު އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރާއި، އޭރާއި މިހާރުގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ނަން ހިމެނެ އެވެ. އަދި އިދިކޮޅު ކޯލިޝަނުގެ ގިނަ ލީޑަރުންގެ ނަންތައްވެސް ލިސްޓުގައި ހިމެނެ އެވެ.

އިދިކޮ ކޯލިޝަނުން އެކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ފާހަގަ ކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތް ތަހުގީގު ކުރަން ފެށީ ކުރީ ސަރުކާރުގައި ކަމެވެ. އަދި އެ ހިޔާނާތުގައި ބައިވެރިވި މީހުން ޖަލަށްލާފައި ތިއްބާ، އެމްޑީޕީ ވެރިކަމަށް އައިސް އެ މީހުންނާއެކު ޑީލް ހަދައި އެ މީހުންގެ އަދަބަށް ލުއި ހޯދައިދިނީ ކަމަށް ބުނެފައިވެ އެވެ. އަދި ހޯދަން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް އުނިކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަކީ ހެޔޮ ނިޔަތެއްގައި އުފެއްދި ކޮމިޝަނެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. އަދި އެ ކޮމިޝަނުގެ ރައީސަށް އެ ބަޔާނުގައި ކޮަޕްޝަންގެ ތުހުމަތު ކުރި އެވެ.

އެ ކޮމިޝަން އުފައްދައިގެން ދެ އަހަރާއި ބައި ވެގެން ދިޔަ އިރުވެސް އެދެވޭ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެކޮމިޝަނާ ހަވާލު ކުރެވުނު މަސައްކަތުގެ ބަދަލުގައި އެކޮމިޝަނުން ކުރަމުން ގެންދިޔައީ ސިޔާސީ މަސައްކަތްތަކެއް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

އެސެޓް ރިކަވާރީ ކޮމިޝަނުން އެކުލަވާލި ހަމައެކަނި ލިސްޓުގައި ހުރި ނަންތަކާ މެދުވެސް ސުވާލު އުފެދޭ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

"ބަޔަކު ބުނި ބަހަކަށް ނުވަތަ ފޯނެއްގައި ލިޔެފަ ހުރި ވާހަކަތަކެއްގެ މައްޗަށް ބުރަވެ ކުށެއް ނެތް މައުސޫމް އެތައް ރައްޔިތެއްގެ ނަން ހިމަނާ ލިސްޓެއް ތައްޔާރުކޮށް، އެފަރާތްތަކާއި ސުވާލު ކުރުމެއް ނެތި، އެ ލިސްޓު މަޖިލީހާއި ހިއްސާ ކުރުމުންވެސް އެލިސްޓު ތައްޔާރު ކުރި މަގުސަދު ވަރަށް ބޮޑަ ހާމަވެގެން ދެއެވެ. އަދި އެއީ ޒިންމާދާރު މަސައްކަތެއް ކުރާ ޕްރޮފެޝަނަލް ބަޔަކު ކުރާނެ ކަމެއްވެސް ނޫނެވެ،"

އެ ލިސްޓުގައި 280 ފަރާތަށް ވުރެ ގިނަ ފަރާތެއްގެ ނަންތައް ހިމެނިފައިވާއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކުގެ ނަންތައް އެ ލިސްޓުގައި ނެތް ކަމަށްވެސް އެ ކޯލިޝަނުން ބުންޏެވެ.

ހިޔާނާތުގައި ބައިވެރިވި މީހުން ބޭނުންކޮށްގެން، ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުންވެސް އެނގެނީ ގެއްލުނު ފައިސާ އަނބުރާ ހޯދުމުގެ ނިޔަތެއް ސަރުކާރުގައި ނެތްކަން ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

"މީގެ އިތުރުންވެސް، މި ހިޔާނާތުގައި ބައިވެރިވި ފަރާތްތައް އިނގިރޭސި ވިލާތުގައި ބައިތިއްބައިގެން، އެމީހުންނަކީ ސިޔާސީ ގޮތުން ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވުމުންވެސް މި މައްސަލަ ތަހުގީގުކޮށް އެ ފައިސާ އަނބުރާ ހޯދުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަން ހާމަވެގެން ދެއެވެ."

އެ ކޯލިޝަނުގެ ބަޔާނުގައި ވަނީ ޕާޓީގެ ހަރަދުތަކަށް ހެޔޮ އެދޭ ފަރާތްތަކުން ފައިދާ ހޯދާ ކަމަށެވެ. ޕާޓީގެ އިވެންޓުތަކާއި، ދަތުރުތަކާއި، ކެމްޕޭނުތަކަށް ހަރަދު ކުރަމުންދަނީ އެ ފައިސާއިން ކަމަށް އެ ކޯލިޝަނުން ބުންޏެވެ. އަދި ހިޔާނާތް ހިންގި އިރު ޕާޓީއަށް ފަންޑު ހޯދުމުގައި އިސްކޮށް އުޅުނީ އަދީބު ކަމަށާއި، އޭނާ ހޯދަމުން ގެންދިޔަ ފައިސާގެ ތެރޭގައި ހިޔާނާތުގެ ފައިސާ ހިމެނޭ ކަމެއް އެނގިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

"އޭރު ޕާޓީއަށް ފަންޑު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އެއްފަރާތަކީ ޕީއެޕީއެމްގެ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އަދި އޭނާ ހޯދަމުން ގެންދިޔަ ފައިސާގެ ތެރޭގައި ހިޔާނާތުގެ ފައިސާ ހިމެނޭކަމެއް ޕާޓީއަށް އެނގިފައެއް ނުވެ އެވެ. ޕާޓީއަށް ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދިޔަ ފައިސާ ވެސް އޭނާ މެދުވެރިކޮށް ފޮނުވަމުން ގެންގޮސްފައިވާ ކަން ފާހަގަ ކުރަމެވެ،"

އެސެޓް ރިކަވާރީ ކޮމިޝަނުން އާންމު ކުރި ލިސްޓާއި މީގެ ކުރިން އޭސީސީއިން އާންމު ކުރި ލިސްޓާ ތަފާތުތަކެއް ހުރުމުން އެއީވެސް ކަންބޮޑުވާ ކަމެއް ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

"އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓު ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައިވަނީ، ރައްޔިތުންނަށް ވެފައިވާ ވައުދު ނުފުއްދޭނެ ކަން ޔަގީން ވުމާއެކު، އެ ހިޔާނާތުގެ އެންމެ އަޑީގައި ތިބި މީހުން ހިމާޔަތް ކުރުމަށްފަހުކަމާއި، އަދި އެކޮމިޝަން އުވާލާނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރަމުން ގެންދާކަންވެސް ފާހަގަ ކުރަމެވެ،" ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެ އެވެ.

"އެހެންކަމުން، އެހާމެ ޒިންމާދާރުކަން ކުޑަކޮށް މައުސޫމް އެތައް ރައްޔިތެއްގެ އަބުރު ކަތިލުމަށް ސިޔާސީ ލިސްޓެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހާއި ހިއްސާ ކުރި ކުރުމުގައި އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާފައިވާ ޖަރީމާއާއި، އަދި އެހާމެ ޒިންމާދާރުކަން ކުޑަކޮށް އެތައް ބައެއްގެ ހައްގަށް އަރައިގަނެ އެ ލިސްޓު ރައްޔިތުންގެ މަޖިލީހުން އާންމުކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،"

އެ ކޯލިޝަނުން ވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އެހީތެރިކަމާއެކު މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލައިފަ އެވެ. އަދި ހިޔާނާތުގައި ޝާމިލުވެފައިވާ އެންމެނަށް ހައްގު އަދަބު ދިނުމަށްވެސް ގޮވާލި އެވެ.

"ހަމައެއާއެކު، ލިސްޓު އާންމު ކުރިއިރު އެލިސްޓުގައި މައުސޫމް އެތައް ރައްޔިތެއްގެ ނަން އެފަރާތްތަކަށް އެނގުމެއް ނެތި ހިމަނާފައިވާތީ، އެފަރާތްތަކުގެ ކިބައިން މައާފަށް އެދުމަށް ވެސް ގޮވާލަމެވެ،"

ހިޔާނާތުގެ ލިސްޓުގައި ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ނައިބު ރައީސުން، އަހުމަދު ޝިޔާމް، ގަައްސާން މައުމޫން، އަދި އަހުމަދު ސަލީމްގެ ނަން ހިމެނެ އެވެ. އޭގެ އިތުރުން ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި، އެ ޕާޓީގެ ނައިބު ރައީސުން، އިބްރާހިމް ޝުޖާއު، މުހައްމަދު ސައީދު އަދި މުހައްމަދު ހުސެއިން ޝަރީފުގެ ނަންވެސް ހިމެނެ އެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އެކަމާ ގުޅިގެން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން އެ ކޯލިޝަންގެ ފަރާތުން ކުރަމުން ގެންދާ ކަމަށެވެ.

comment ކޮމެންޓް