ފްރެންޑްސްގެ ރީޔޫނިއަން ދައްކާނީ މި މަހު!

ފްރެންޑްގެ ރީޔޫނިއަން މި މަހު---

ދިވެހިންނަށް އަދިވެސް ކަމުދާ ޓީވީ ޝޯއެއް ކަމަށްވާ "ފްރެންޑްސް"ގެ ލީޑު ކާސްޓުންނާއެކު ގެނެސްދޭ އެ ޝޯގެ ހާއްސަ ރިޔޫނިއަން އެޕިސޯޑު ދައްކާ ތާރީޚު އިއުލާންކޮށްފިއެވެ.

މި މަހު 27 ވަނަ ދުވަހު އެޗްބީއޯ މެކްސް އިން އެ އެޕިސޯޑު ދައްކަން ހަމަޖެހިފައިވާއިރު އެ އެޕިސޯޑުގެ ކުރު ޓީޒާކޮޅެއް ވެސް ވަނީ ދައްކާލާފައެވެ. އެ ޓީޒާކޮޅުން ފެނިގެންދަނީ ފްރެންޑްސްގެ ކާސްޓުން ހިނގާލާފަ ދާތަނެވެ. އަދި ބެކްރައުންޑުގައި އެ ޝޯގެ ތީމް ލަވަވެސް ހިމަނާފައިވެއެވެ. މި އެޕިސޯޑުގެ ނަމަކީ "ދަ ވަން ވެއާ ދޭ ގެޓް ބެކް ޓު ގެދާ" އެވެ.

ފްރެންޑްސް ގެ ރީޔޫނިއަން އެޕިސޯޑު ގެނެސްދޭނެ ތާރީޚު އިއުލާންކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެ އެޕިސޯޑު ބެލުމަށް ކެތްމަދުވެފައިވާ ކަމަށް ބުނެ އެމީހުންގެ ޝުޢޫރު ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

މި އެޕިސޯޑުގައި 15 އަށްވުރެ ގިނަ ސެެލެބްރިޓީ ގެސްޓުން ފެނިގެން ދާނެކަމަށް އެޗްބީއޯ މެކްސްއިން ހާމަކުރެއެވެ. އޭގެ ތެރޭގައި ޑޭވިޑް ބެކްހަމް، ޖަސްޓިން ބީބާ، ބީޓީއެސް، ޖޭމްސް ކޯޑެން، ސިންޑީ ކްރޯފޮޑް، ކާެރާ ޑެލެވީން، ލޭޑީ ގާގާ، އެލިއަޓް ގޯލްޑް، ކިޓް ހެރިންގްޓަން، ލޭރީ ހެންކިން، މިންޑީ ކޭލިންގް، ތޯމަސް ލެނޮަން، ކްރިސްޓީނާ ޕިކްލްސް، ޓޮމް ސެލެކް، ޖޭމްސް މައިކަލް ޓައިލާ، މެގީ ވީލާ، ރީސް ވިދަސްޕޫން އަދި މަލާލާ ޔޫސަފްޒާއީ ހިމެނެއެވެ،

ޝޯގެ ލީޑް އެކްޓަރުންނަކީ ޖެނިފާ އެނިސްޓަން، ކޯޓްނީ ކޮކްސް، ލީސާ ކުޑްރޯ، މެޓް ލެބްލޮންކް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ އެވެ. އެކުގައި ދިރިއުޅޭ ހަ ރަހުމަތްތެރިންގެ ދިރިއުޅުން ދައްކުވައިދޭ އެ ސީރީޒްގައި ހުރިހާ ރަހަތަކެއް އެކުލެވިގެންވެ އެވެ.

ޖުމްލަ 10 ސީޒަން ދައްކާފައިވާ ފްރެންޑްސް ދައްކާފައި ވަނީ 1994 އިން 2004 އަށެވެ.


comment ކޮމެންޓް