09 ފެބްރުއަރީ 2012 އާ ގުޅޭ

ގާރޑަންވިއު ހޮޓެލްގެ ދެފަރާތަށް ހުޅުވާލެވިފައިވާ ބޮޑު ދޮރުން އެތެރެއަށްވަތް ޒަރާނާ އާއި އާފާގުއަށް ޒައުލްގެ ހަރަކާތްތައް ފެނުނެވެ. އެހިނދު އާފާގުއަށް އަވަސް ނަޒަރެއްދެވުނީ ޒަރާނާއަށެވެ.

"ވަޑައިން..." ހާޒިމްގެ ފަހަތުން ދުވެލާފައި އައި އީލާކް ހާޒިމްގެ އަތުގައި ހިފާ ކުޑަކޮށް އެއްފަރާތްކޮށްލަމުން ޒަރާނާއާއި މުހާތަބުކުރިއެވެ. ޒަރާނާގެ ތުންފަތަށް މައިވަންތަކަމުގެ ލުއި ހިނިތުންވުމެއްވެރިވެގެންދިޔަ އެވެ. އޭނަގެ ކުރިމަތީ ހުރީ އޭނަގެ ދަރިއެއްކަން ޔަގީންވެއެވެ. ގިނަ ޒަމާންތަކެއްވަންދެން ދަރިންނާއި ދުރުގައި އުޅުމަށްފަހު އެހާގާތުން އެ ކުދިން ފެނުމުން އޭނަގެ ހިތަށް ބުނެދޭން ނޭގޭފަދަ އިޙްސާސްއެއް ވެރިކުރުވިއެވެ. ލޫލުއާ އާއި ޒައުލްގެ ޒުވާންކަމުގެ މޫނުފެނި ދެނެގަންނަން އެނގެއެވެ. އެހެންނަމަވެސް ޒަރާނާއަށް އޭނަގެ ކުރިމަތީ ހުރެ ދާންވީ ދިމާ ދައްކަމުންދިޔަ އަންހެންކުއްޖާއަކީ އީލާކްކަން ޔަގީންވިޔަސް ގޮވާލާކަށް ނުކެރުނެވެ.
"އަޅުގަނޑަށް... އަޅުގަނޑަށް ކިޔަނީ އީލާކް" އަތްފައި ފިނިވެފައިހުރެ އީލާކް ބުނެލިއެވެ. އޭނަގެ މަންމަ އާއި އެހާ ގާތުގައި ހުރެލުމުގެ ފުރުޞަތު ލިބުނެއް ކަމަކު ހިތްފުރެންދެން ޒަރާނާއަށް ބަލާލުމުގެ ހިތްވަރެއް އީލާކްއަކަށް ނުލިބުނެވެ. ޒަރާނާއަށް ހިނިތުންވެލުން ނޫންކަމެއް ނުކުރެވުނެވެ. އާފާގު އަވަސް އަވަހަށް އީލާކް އާއި ސަލާމްކޮށްލުމަށް އަތް ދިއްކޮއްލި އެވެ.

"ހާޑް ދިސް ޝޯއިޒް އޯލް އަބައުޓް ޔޫ، ވެލް... އޯލް ދި ބެސްޓް..." އާފާގު އީލާކް އާއި ސަލާމްކޮއްލުމާއިއެކު އޭނަގެ ކޮނޑުގައި ފިރުމާލީ އޭނަގެ ކުރިމަތީގައި ހުރި އަންހެން ކުއްޖަކީ އޭނަގެ ދަރިއެއްގެ ގޮތުގައި ދެކެމުންނެވެ. ހިތް އަވަސްވެފައިވާ އީލާކް ހިނިތުންވެލަމުން ޒަރާނާ އާއި އާފާގުއަށް ޝުކުރު އަދާކުރި އެވެ. އަދި އެންމެ ކުރީގައި ހުރި މޭޒާއި ދިމާލަށް އިޝާރާތް ކޮއްލިއެވެ.
ޒާރާނާގެ ހިތްއަވަސްވެ އާފާގުގެ އަތުގައި ބާރަށް ހިފާލެވުނީ ރަންވޭ ސްޓޭޖާއި އެންމެ ކައިރީގައި ހުރި މޭޒުގައި އިން ލާއިގާ އާއި މަންސޫރު ފެނުމުންނެވެ. އާފާގުއަށް ޒަރާނާއަށްވީގޮތް ނަގައިގަނެވުނެވެ. އަދި ލާއިގާ އާއި މަންސޫރުގެ މޫނު މައްޗަށް އެރި ކުލަވަރު ވެސް ނިކަން ސާފުކޮށް ފެނިގެން ދިޔައެވެ. އެހެންނަމަވެސް އޭނަ އީލާކް ދެއްކި ގޮނޑީގައި އިށީނުމުގެ ކުރިން މަންސޫރުއަށް ހިނިތުންވެލަމުން ސަލާމަށް އަތް ދިއްކޮއްލި އެވެ. އެއީ ރީތީ އާދައަކަށްވީމަ އެވެ. މަންސޫރު ވެސް ވަށައިގެންވާ މެހެމާނުންގެ ކުރިމަތީ ހިތްހަމަނުޖެހުން ދެއްކުމެއްނެތި ހިނިތުންވެލާފައި އާފާގުގެ އަތުގައި ހިފިއެވެ.

ރަންވޭ ސްޓޭޖްގައި މައިކު ހިފަހައްޓައިގެން ހުރެ ހޮޓެލްގެ ތައާރަފް ދެމުން ޒައުލް ދިޔައެވެ. އަދި ގާޑަންވިއު ހޮޓެލް ހުޅުވުމުގެ ޝަރަފު އޭނަގެ ލޯބިވާ ބައްޕަ މަންސޫރު އާއި އެރޭގެ ޝަރަފުވެރި މެހެމާނެއް ކަމުގައި ވަޑައިން އިންނެވި ސަރުކާރުގެ އިސް ވެރިޔާއަށް އެރުވިގެންދިޔައެވެ. އެއާއިއެކު އެއްފަރާތުގައި ވަށައިގެން ފޮތިގަނޑަކުން ފޮރުވާލެވިފައިވާ ގާރޑަންވިއުގެ ލޯގޯއާއި ހޮޓެލް އާއިބެހޭ ލިޔުންކޮޅެއްލިޔެފައިވާ ފިލައެއް ބިއްލޫރި ފޮއްޓެގައިއިންތަން އެންމެންނަށް ފާޅުވެގެން ދިޔައެވެ. އެހިނދު މަރުހަބާގެ އަތްތައް ޖަހާލި އަޑު މުޅި ތަނަށްވެރިވެގެންދިޔައެވެ. މީޑިއާގެ ފަރާތުން ވަޑައިގެން ތިއްބެވި އެކިއެކި ފަރާތްތަކުން ވީޑިއޯ ކުރުމުގަ އާއި ފޮޓޯނެގުމުގައި މަސްއޫލުވަމުންދިޔަ އެވެ. ޒައުލް މެހެމާނުންނަށް ޚާއްޞަކުރެވިފައިވާ ބިލެތްމީރުކޮއްލެއްވުމާއިއެކު އީލާކްގެ އާއި ނަހުލާގެ ފެށެން ޝޯ ފެށިގެން ދާނެކަން އިއުލާން ކުރުމަށްފަހު ސްޓޭޖުން ފޭބިއެވެ. ރީތި ލުއި މިއުޒިކުގެ ރާގުތައް ކުޅެލިއަޑު އިވެންފެށީދެނެވެ. ވެއިޓަރުން އައި ނައިގޮތެއްވެސް ނޭގެއެވެ. އަތްތަކުގައިވާ ތަބައްތަކުގައި ތަފާތު ވައްތަރުގެ ބުއިންތަކާއި ކާއެއްޗެހި އަތުރައިގެން މޭޒުތަކުގެ ކައިރިއަށް ވެއިޓަރުން ހިނގަންފެށިއެވެ. ޒައުލް އީލާކްގެ ގާތަށް ދިޔައެވެ. ޒައުލް އާއިއެކު އޭނަގެ އެންމެ ގާތުގައި އެހީތެރިކަން ފޯރުކޮއްދެމުންދިޔަ ހާޒިމް އީލާކްގެ ރަހުމަތްތެރިޔާ ނަހުލާގެ ކަންތައްތައް ކުރިއަށް ދިޔަ ބަޔަށްވަނެވެ.

"ކޮބާ ރެޑީތަ؟ ތާޓީމިނެޓްސް އެނގޭ..." ހާޒިމް ނަހުލާއަށް ބުނެލި އެވެ.
"އޯކޭ، ވީ އަރ ރެޑީ... ގާރލްސް..." ނަހުލާ ހާޒިމްއަށް ޖަވާބުދީފައި އޭނަގެ ފުރަތަމަ ބުރުގެ ހެނދުންތައް އަޅައިގެން ނުކުތުމަށް ތައްޔާރުވެފައިވާ މޮޑެލްސްއަށް މުހާތަބުކޮށް ގޮވާލިއެވެ. ހާޒިމް އެތަނުން ނުކުމެ މިސްރާބުޖެހީ އީލާކްގެ ތައްޔާރީތަށް ވަމުންދިޔަ ބަޔަށް ވަނުމަށެވެ. އެތަނުން ލޫލުއާ ފެނިދާނެކަމުގެ އުއްމީދާ ވެސް އެކުއެވެ.

ޝޯފެށިގެން ދިޔައީ އަށްގަނޑި ބައިވަނިކޮށެވެ. މެހެމާނުންގެ ވަށައިގެންވި މާހައުލުގެ އަލި މަޑުވެ ރަންވޭ ސްޓޭޖަށް އެޅިގެން ދިޔަ އަލިތައް ގަދަވެގެންދިޔައެވެ. ކުޅެމުންދިޔަ މިއުޒިކުގެ އަޑާއި ސްޓައިލް ވެސް ބަދަލުވެގެން ހިނގައްޖެއެވެ. އެއްފަރާތުގައި ލޫލުއާއި ޒައުލްގެ ގާތުގައި މަޑުކޮއްލައިގެން އީލާކް ހުރިއިރު އޭނަ ހުރީ ނަހުލާގެ ފަރުމާތަށް ބަލާލާހިތުން ކެތްތެރިކަން ކުޑަވެފައެވެ. ޒައުލް އާއި ދެންތިބި އާއިލާގެ މެންބަރުންގެ އިތުރުން ހާޒިމްވެސް ހައިރާންވީ ޝޯގައި ފުރަތަމަ އީލާކްގެ ފަރުމާތަށް ފެނިގެން ނުދާތީއެވެ. އެހެންނަމަވެސް އީލާކްގެ ނިންމުމަކަށް އެކަންވީތީ އެމީހުން ގަބޫލުކޮއްލައިގެން ތިބީއެވެ. ނަހުލާގެ ފުރަތަމަ ހެދުމުގައި ނުކުތް ރީތި އަންހެން ކުއްޖާ ރަންވޭގައި ފައިހަމަކުރަމުން އައިސް ރަންވޭގެ މެދުގައި ހުއްޓިލައިފިއެވެ. އެވަގުތު ގަދަ އައްޔަކުން އެއަންހެން ކުއްޖާ ހުރި ދިމާ ދިއްލިގެން ދިޔައެވެ. އެހިނދު އީލާކްގެ ދެލޯބޮޑުވެގެން ދިޔައެވެ. އޭނަގެ ލޮލަށް ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވީއެވެ. ކުއްލިއަކަށް އީލާކްގެ އަތުގައި ލޫލުއާ ހިފާލިއެވެ. އެދެބެންގެ މޫނުގައިވެސް ވަނީ ހައިރާންކަމެވެ. މިވީ ކިހިނެއްހެއްޔޭ އެކަކު އަނެކަކުގެ ގާތުން އަހާލިކަހަލައެވެ. އީލާކްގެ މެޔާއި ދިމާލުން ދެއަތް ހުރަސްކޮއްލެވުމާއިއެކު ދެއަތުގައި ބާރަށް ހިފަހައްޓާލެވުނެވެ. ދެ ދަތްޕިލާ ޖައްސާބާރުކޮއްލެވުމާއިއެކު ނިތަށް ރޫއަރުވާލިއެވެ. ރަންވޭ މަތިން ފަހަރަކު އަންހެން ކުއްޖެއްގެ ފަހަތުން ކަހަލަ ގޮތަކަށް އެހެން އަންހެން ކުއްޖަކު ނަހުލާގެ ފަރުމާތަކުގައި ނުކުންނަމުންދިޔައެވެ. އީލާކްއަށް ހީވީ އޭނަގެ ފަރުމާތަށް ލޮލުގެ ކުރިމަތީ ފެންނަމުން ދިޔަހެންނެވެ. ޒީނަތްތެރި ކުރުމަށް ބޭނުންކޮއްފައިވާ މަދުއެއްޗެއް ނޫނީ މުޅި ހެދުމުގެ ޑިޒައިންވަނީ އީލާކްގެ ހެނދުންތަކާއި އެއްގޮތްވެފައެވެ. ތުންފިއްތަމުން ފެންކަޅިވަމުންދިޔަ އީލާކްއަށް ހަދާނެގޮތެއް ނޭގުނެވެ.
"ދޭ އޯލް އާ މައި ޑިޒައިންސް، ނަހޫ... ކީއްވެ... ދޮންތާ..." އީލާކްއަށް ލޫލުއާއި ދިމާލަށް ބަލާލެވުނެވެ. ލޫލުއާ އީލާކްގެ ގައިގާ އޮޅުލައިގަތެވެ. އޭނަގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ. އެމީހުންނާއި ތަންކޮޅެއް ދުރުގައި ނަހުލާގެ ހެދުންތައް ބަލަންހުރި ޝުދުފާގެ ގާތަށް އައީ ރުޅިއެވެ. އޭނަ އީލާކްގެ ހެދުންތައް ލަމުންދިޔަ މޮޑެލްސްތަކުގެ ތެރެއަށް ވަދެ ރޮޒޭން ހޯދިއެވެ. އަދި އޭނަގެ އަތުގައި ހިފައިގެން ނުކުމެ ރަންވޭގައި ހިނގަމުންދިޔަ ނަހުލާގެ މޮޑެލް ލާފައި ހުރި ހެދުން ދައްކާލިއެވެ.
"އޯ...ތަފާތެއްވެސްނެއް" މިހެންބުނި ރޮޒޭންގެ އަނގަހުޅުވިގެންދިޔައެވެ.
"އެހެން ހަދާކާކަށް ނުވާނެއެއްނު، ޝީޒް އަ ވިޗް، އަ ޑެވިލް... ކިހާ ބޮޑު ލަނޑެއް އީކްއަށް މިލިބުނީ، ހިތަށް އަރާ...." ޝުދުފާގެ ވާހަކަ މެދުކަނޑާލީ ރޮޒޭންއެވެ.
"އީކް ކޮބާތަ؟ ހިނގާބަލަ އޭނަ ކައިރިއަށް، ދެން ކިހިނެއް ހަދާނީ" ރޮޒޭން ކަންބޮޑުވެފައިހުރެ ވާހަކަދެއްކިއެވެ. ޝުދުފާ އީލާކް ހުރި ދިމާލަށް ރޮޒޭން ގޮވައިގެން ދިޔައެވެ.
"ކިހިނެއްވެގެންތަ މިއުޅެނީ، އީކް ކީއްވެތަ ކުއްލިއަކަށް ރޯންފެށީ، ދޮންތާ، ވަޓްސް ގޮއިން އޮން" ޒައުލްއަށް ލިބުނު ހައިރާންކަމާއިއެކު އަހާލިއެވެ. ތަނުގައި ހަރުލާފައިހުރި މިއުޒިކުގެ ގަދަ އަޑާއިއެކު ޒައުލްއަށް މަޑުން ވާހަކަދައްކަން އުނދަގޫވިއެއްކަމަކު ލޫލުއާގެ ކަންފަތާ ކައިރިވެލާފައި ބުނެލިއެވެ.
"ތިފެންނަނީ އީކްގެ ޑިޒައިންތައް، އެއްވެސް ތަފާތެއްނެއް..." ލޫލުއާއަށް ޒައުލް އާއި ހާޒިމްއަށް ބަލާލަމުން ބުނެލެވުނެވެ.
"ވަޓް..." ޒައުލް އާއި ހާޒިމްއަށް އެއްފަހަރާ ބުނެލެވުނެވެ.
ރަންވޭ ސްޓޭޖުގެ އެއްފަރާތުގައި އީލްކް ލޫލުއާގެ ގައިގާ ބައްދާލައިގެން ހުރެ ރޮމުންދިޔައެވެ. ޒައުލް އާއި ހާޒިމް ތަފާތު ސުވާލުތައް ކުރަމުންދިޔައެވެ. ޝުދުފާގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. އޭނަގެ އަނގައިން ނަހުލާ އާއިމެދު ނުކުންނަމުންދިޔަ ލަފްޒުތަކަކީ ވެސް ރުޅިވެރިކަމާއިއެކު ބުނަމުންދިޔަ އެއްޗެއް ކަމުގައިވިއެވެ. ރޮޒޭން ކަންބޮޑުވުމާއިއެކު ދެން ހަދާނެ ގޮތަކާއިމެދު ލޫލުއާ އާއި ސުވާލުކުރަމުންދިޔައެވެ. މިހުރިހާ މަންޒަރެއް ލާއިގާއަށް ފެންނަމުންދިޔައެވެ. ހުރިހާ ކުދިންގެ ހަރަކާތްތަކަށް ފުން ނަޒަރަކުން ބަލަންއިން ލާއިގާއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގައި އިޙްސާސް ކުރެވިގެންދިޔައެވެ.
"މަންސޫރު..." ލާއިގާ މޭޒުމަތީގައި އޮތް މަންސޫރުގެ އަތްތިލާގައި އަތްޖައްސާލަމުން ގޮވާލާފައި ލޮލުގެ އިޝާރާތުން އީލާކްމެން ތިބި ދިމާ ދައްކާލިއެވެ.
"ކިހިނެއްވީބާ؟" މަންސޫރުވެސް ކުދިންތިބި ދިމާލަށް އަވަސް ނަޒަރެއްދީފައި ލާއިގާއަށް ބަލާލަމުން އަހާލިއެވެ.
"ނޭގެ، މަންމައަށް ހީވަނީ ކޮންމެވެސް ކަމެއް ގޯސްވެއްޖެހެން... އީލާކް ލޫލުއާގެ ގައިގާ ބައްދާލައިގެން އެހުރީ ކީއްވެބާއޭ މިހިތަށް އަރަނީ" ލާއިގާ ކަންބޮޑުވުން ފާޅުކުރިއެވެ. އެ މޭޒުގައި ތިބި ޒަރާނާ އާއި އާފާގުއަށްވެސް މިއަޑުއިވުނެވެ. ޒަރާނާވެސް ކަންބޮޑުވުމުގެ ބަލާލުމެއް އާފާގު އާއި ބަދަލުކޮށްލިއެވެ.
"ޒައުލް އެހުރީނު އެކުދިން ގާތު، އޭނަ އެއްވެސް ކަމެއް ގޯސްވިޔަކަ ނުދޭނެ، އަނެއްކާ ހާޒިމްވެސް އެބަހުއްޓެއްނު ޒައުލްއަށް އެހީވާން، އެކުދިން އަމިއްލައަށް ހުރިހާކަމެއް ހައްލުކޮއްލަ ފާނެ، އެންމެންގެ ތެރޭ މިވަގުތު ތެދުވެގެން ގޮސްފިނަމަ އަޅުގަނޑާއިހެދި އެންމެންގެ ސަމާލުކަން ހުއްޓޭނީ އެކުދިންނާއި ދިމާލަށް" މަންސޫރު އޭނަގެ ކުދިންނާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ. ލާއިގާ ކަންބޮޑުވެފައިވިއެއްކަމަކު މަންސޫރުގެ ބަސް ގަބޫލުކުރިއެވެ.

ނަހުލާގެ ހުރިހާ ހެދުމެއް ދައްކާލުން ނިމުމާއިއެކު ރަންވޭ ސްޓޭޖަށް އޭނަ އެރިއެވެ. އޭރުވެސް އީލާކްއަށް ދެންހަދާނެ ގޮތަކާއިމެދު ނުވިސްނެއެވެ. ރަންވޭގައި ހިނގާލާފައި ކުރިއަށް އައި ނަހުލާގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވެފައިވެއެވެ.
"އީކް، ބަލާބަލަ... ބަޓަރފްލައި ނެކްލެސް..." ލޫލުއާ ކުއްލިއަކަށް އީލާކްގެ ކޮނޑުގައި ހިފާ ދުރުކޮއްލަމުން ބުނެލިއެވެ. އީލާކް އާއިއެކު ޒައުލް އާއި ހާޒިމްގެ އިތުރުން އޭނަގެ ގާތުގައި ތިބި ޝުދުފާ އާއި ރޮޒޭން ވެސް ނަހުލާގެ ކަރާދިމާލަށް ބަލާލިއެވެ.
"އޯ މައިގޯޑް...ޔޫ ތީފް..." ޝުދުފާ އައި ރުޅިއާއިއެކު މިހެންބުނެ ސްޓޭޖާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ޒައުލް ޝުދުފާގެ އަތުގައި ހިފެހެއްޓިއެވެ. އެހިނދު ދެންވީގޮތެއް އެކަކަށްވެސް ނޭގެއެވެ. ކުއްލިއަކަށް ފެނުނީ ދުވެފައި ގޮސް ރަންވޭ ސްޓޭޖުގެ މައްޗަށް އީލާކް އެރިތަނެވެ. އޭނަ ނަހުލާގެ ކަރުގައި އޮތް ފަށް ދަމައިގަތްގަތީނުން ކަނޑައިގެންގޮސް އީލާކްގެ އަތަށް ފަށް އައެވެ.
"ދިސް ބިލޯންގ ޓު މީ..... އެންޑް ޔޫ އަރ ނޮޓް މައި ފްރެންޑް، ތީ އަހަރެންގެ ރަހުމަތްތެރިއެއް ނޫން" އީލާކް މިހެން ބުނަމުން ނަހުލާގެ ކޮނޑުގައި ދެއަތުން އަޅާ ކޮއްޕާލިއެވެ. ކޮއްޕާލިލެއް ބާރުކަމުން ނަހުލާ ފަހަތަށް ވެއްޓުނެވެ. ކުއްލިއަކަށް އެތަށް އެތަށް ފްލޭޝްއެއް ކެނޑިގެން ދިޔައެވެ. ޒައުލް އާއި ހާޒިމްވެސް ދުވެފައި ސްޓޭޖަށް އެރިއެވެ. ނަހުލާ އާއި ދިމާލަށް ދިޔަ އީލާކްގެ ގައިގާ ޒައުލް ބާރަށް ހިފަހައްޓާލިއެވެ.
"ލެޓް މީ ގޯ....ދޮންބޭ... އަހަރެން ދޫކޮއްލާ... އައި ވިލް ކިލް ހާ" އީލާކް ރޮމުން ބުނަމުންދިޔައެވެ. ޒައުލް އީލާކްގެ ދެއަތުގައި ހިފަހައްޓާލަމުން އުފުލާލައިގެން އެތަނުން ފޭބިއެވެ. އަދި އީލާކްގެ މޮޑެލްސްތައް ތިބިތަނަށް ގޮސްވަނެވެ. ހާޒިމްގެ އެހީގައި ނަހުލާތެދުވެ ލައިގެން ހުރި ހެދުން ރީތިކޮއްލުމާއިއެކު ރަންވޭމަތިން ފައިބައިގެން ހިނގައްޖެއެވެ. އޭނަ އާއިއެކު ފަހަތުގައި އެތުރިގެން ތިބި މޮޑެލްސްތައްވެސް ދިޔައެވެ. ހާޒިމް އަވަސް އަވަހަށް މައިކް ހޯދާލުމަށްފަހު ހަފްލާ ނިމުނީ ކަމުގައި އިއުލާންކުރި އެވެ. އަދި މެހެމާނުންނަށް ޝުކުރު އަދާކުރިއެވެ. އެއާއިއެކު އެންމެ ފުރަތަމަވެސް ގޮނޑިން ތެދުވީ މަންސޫރު އާއި ލާއިގާއެވެ. މާންސޫރު ލާއިގާގެ އަތުގައި އެއްއަތުން ހިފާލަމުން އަނެއް އަތް ލާއިގާގެ ބުރަކަށީގައި ޖައްސާލައިގެން ހުރެ އީލާކްގެ ގާތަށް ދިއުމަށް އަވަސްވެގަތެވެ. މެހެމާނުން ދިއުމަށްޓަކައި ތެދުވިއެއްކަމަކު އެންމެންގެ އަޑުތައް ގަދަވެގެންދިޔައެވެ. ހާޒިމް ހުރިހާކަމެއް ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުންދިޔައެވެ. އެހެނީ އެންމެންވެސް ވަނީ ޝޮކެއްގެ ތެރޭގައެވެ. ދުވަހަކުވެސް މަންސޫރު ކޯއިން ބާއްވާ ހަފްލާއެއްގައި މިފަދަ ކަމެއް ހިނގާފައެއް ނުވެއެވެ.
(ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު