ވައިގަދަވެ، ރާޅު އެރުމުގެ ސަބަބުން ހޯރަފުށި އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް 

ވައިގަދަވެ، ހޯރަފުށި އެއާޕޯޓު ޓާމިނަލްގެ ބިއްލޫރި ބިއްގަނޑެއް ވެއްޓިފައި -- ފޮޓޯ/ ސޯޝަލް މީިޑިއާ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އުތުރަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ހއ. ހޯރަފުށީ އެއާޕޯޓަށް ރާޅު އަރައި ގެއްލުންތަކެއް ވަމުން އެބަދެ އެވެ.

ހޯރަފުށިން ވާހަކަ ދެއްކި މީހަކު ބުނީ، އެރަށަށް ވަރަށް ބޮޑަށް އުދަ އަރަމުން އަންނަ ކަމަށެވެ. އަދި އުދައިގެ އަސަރު އެއާޕޯޓު ހައިވޭ އަށާއި ރަންވޭ އަށް ވެސް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.

އުދަ އެރުމުގެ ސަބަބުން އެއާޕޯޓުގެ ހައިވޭ އަދި ރަންވޭއަށް ވަނީ ވެއްޔާއި ގާ އަރައިފަ އެވެ. އެހެންކަމުން މިއަދުގެ ދަތުރުތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހއ. ހޯރަފުށި އެއާޕޯޓުގެ ރަންވޭއަށް ރާޅު އަރަނީ -- ފޮޓޯ/ އެމްއެންޑީއެފް

ހައިވޭ އާއި ރަންވޭގެ އިތުރުން، ވައިގަދަވުމުގެ ސަބަބުން އެއާޕޯޓު ޓާމިނަލް އަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެެވެ. ޓާމިނަލްގެ އެއް ފަރާތުގައި ހުރި ބިއްލޫރި ބިއްގަނޑެއް ވަނީ ވައިގަދަވުމުގެ ސަބަބުން ވެއްޓި، ތަޅައިގެން ގޮސްފަ އެވެ.

ހޯރަފުށީގެ އިތުރުން ހދ. ގެ ރަށްތަކަށް ވެސް މިއަދު ވަރަށް ބޮޑަށް މޫސުން ގޯހެވެ. ކުޅުދުއްފުށީ ސިޓީއަށް ވައިގަދަ އިރު، އެރަށު ގެއެއްގެ ފުރާޅު އެއްލާލާފައި ވާއިރު، އަތޮޅު ސްކޫލުގެ ފުރާޅަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ. އެ ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކުޅުދުއްފުށި ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ/ އެމްއެންޑީއެފް

މި ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު، މިއަދު ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ، އަދި އޭގެ ފަހުން ތޫފާނަކަށް ވެސް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް މެޓުން ވަނީ ބުނެފަ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހއ. ހޯރަފުއްޓަށް ރާޅު އަރައި، އެ ރަށުގެ އެއާޕޯޓު ސަރަހައްދުގައި ފެންބޮޑުވެފައި -- ފޮޓޯ/ އެމްއެންޑީއެފް

އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް އިރު، މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް، މެޓުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ޔެލޯ އެލާޓު ނެރެފަ އެވެ. މިއަދުގެ 15:30 އާ ހަމައަށް އެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފައި ވާއިރު، ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

comment ކޮމެންޓް