އިސްރާއީލުގެ އަނިޔާވެރިކަމާއެކު ފަލަސްތީނުން ފެންނަ ހިތްފަޅައިގެންދާ މަންޒަރުތައް

ހަމްޒާ ގެ ދިރިހުރި ފޮޓޯއަކާއި އޭނާ ޝަހީދުވުމުން ކަފުން ކޮށް ވަޅުލުމަށް ތައްޔާރު ކޮށްފައި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި 100 އަށްވުރެ ގިނަމީހުން ޝަހީދުކޮށް ހާހެއްހަ މީހުން ޒަޚަމްކޮށްލާފައިވާއިރު ޝަހީދުކޮށްލި ކުޑަކުދިންގެ ތެރެއިން އެންމެބޮޑު ސަމާލުކަމެއް ލިބިފައިވާ އެއްކުއްޖަކީ 12 އަހަރުގެ ކުޑަކުޑަ ހަމްޒާ އެވެ.

ޣައްޒާގެ ކުޑަކުދިންގެ "އައިކަން"ގެ ގޮތުގައި ފަލަސްތީނުގައާއި ދުނިޔޭގެ މީޑިއާތަކުގައި ސިފަކުރަމުން އަންނަ ކުށެއްނެތް ހަމްޒާ ޝަހީދުވީ ރަމަޟާން މަހުގެ އެންމެފަހު ދުވަހު އާއިލާގެ ރޯދަވިއްލުން ތައްޔާރު ކުރުމަށްޓަކައި މަންމަ ބުނެގެން ތަރުކާރީ ކޮޅެއް ގަތުމަށް ކައިރީ ފިހާރައަކަށް ގޮސް އުޅެނިކޮށް އިސްރާއީލުގެ އެފް16 ގެ ފައިޓާ ޖެޓަކުން ދިން ބާރުގަދަ ހަމަލާތަކެއްގައެވެ. އިސްރާއީލުގެ ހަމަލާތަކުގައި ހަމްޒާ ވިއްސައިގެން ގޮސް އޭނާ ވެއްޓުނީ އެތަށް މީޓަރެއް ދުރަށެވެ. އޭރު އޭނަގެ ހެއެއް ނެތެވެ. ހަމްޒާ ޝަހީދުވީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. ފަރުވާދިނުމަށްޓަކައި ޣައްޒާގެ އައްޝިފާ ހޮސްޕިޓަލަށް ގެންދިޔުމަށްފަހުއެވެ.

ހަމްޒާއަކީ 2004 ވަނައަހަރުން ފެށިގެން އިސްރާއީލުން ހިސާރުކޮށްފައިވާ ޣައްޒާގައި އުޅޭ ފަލަސްތީނުގެ ނިކަމެތި އާއިލާތަކުގެ ތެރެއިން އާއިލާއެއްގެ ކުއްޖެކެވެ. ކިޔެވުމަށް އާދަޔާ ޚިލާފަށް މޮޅު ކުއްޖެކެވެ. އޭނާ ކިޔަވާ ސްކޫލްގައި މޮޅު ކުއްޖެއްގެ ގޮތުގައި ހަމްޒާ ފާހަގަކޮށްލެވެއެވެ.

އިސްރާއީލުން ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ އަހަރެއްނުވާ ބޭބީއެއް

ހަމްޒާގެ އާއިލާގައި އެއްބަޑު އެއްބަފާ ތިން ކުދިން ތިބެއެވެ. ހަމްޒާގެ މަންމައާއި ބައްޕަގެ ދެފަރާތުގެ އާއިލާތަކުން އެތައް ދަރިންނެއް މީގެކުރިން އިސްރާއީލުގެ ހަމަލާތަކުގައިވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި ހަމްޒާގެ ތިން ބޮޑުބޭބެއިން ކަމަށްވާ މުހައްމަދު ޔާސީން އާއި ނާއިފް ނައްސާރު އަދި މުހައްމަދު ރަޝާދު ހިމެނެއެވެ.

މީގެތެރެއިން ޔާސީން ޝަހީދުވީ 2001 ވަނައަހަރު އިސްރާއީލުން ޣައްޒާއަށް ދިން އުދުވާނީ ހަމަލާއެއްގައެވެ. ނާއިފް ޝަހީދުވީ 2002 ވަނައަހަރު އިސްރާއީލުން ދިން އުދުވާނެއް ގައެވެ. ރަޝާދު ޝަހީދުވީ 2014 ވަނައަހަރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައެވެ. ތަރުކާރީ ގަންނަންދިޔަ ހަމްޒާ އިސްރާއީލުގެ ޓެރަރިސްޓް ހަމަލާއެއްގެ ޝިކާރައަކަށްވެ ޝަހީދުވިކަން އެނގުނީ އޭނާ ގެއަށް ނައިސް ލަސްވެގެން އާއިލާއިން ޣައްޒާގެ ކަމާބެހޭ އިދާރާތަކާ ގުޅުމުންނެވެ.

ހަމްޒާގެ ޒުވާން މަންމައަކީ ލޯފަން އަންހެނެކެވެ. ހަމްޒާ ޝަހީދުވި ޚަބަރާއެކު މަންމަ ބަޑިފަޅައިގެންގޮސް ބިންމައްޗަށް ވެއްޓުނެވެ. އެހިތާމައާއެކު މަންމަވަނީ މޮޔަވާގޮތްވެފައެވެ. ނަމަވެސް އިއްޔެ ހަމްޒާގެ ޖަނާޒާ ބާއްވައި އޭނާވަނީ ވަޅުލައިފިއެވެ. ތާއަބަދަށް މަންމައާ ވަކިވެފައެވެ

އިސްރާއީލުން ޝަހީދުކުރާ ފަލަސްތީނުގެ ކުޑަކުދިން ވަޅުލުމަށް ގެންދަނީ

ހަމްޒާގެ ބޮޑުބޭބެއެއް ކަމަށްވާ އަބޫ ޔާސިރު ބުނިގޮތުގައި ހަމްޒާއަކީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް މިހާރު ހިންގާ އުދުވާނާއި ސްޓޭޓް ޓެރަރިޒަމްގެ ޖަރީމާތަކުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނުގެ 25 އަށްވުރެ ގިނަ ކުޑަކުދިންގެ ތެރެއިން ކުއްޖެކެވެ. ހަމްޒާ ޝަހީދުވެ އެކަމުގެ ހިތާމަ ކިތަންމެ ބޮޑުވެފައި އުޅެންޖެހިފައިވާ ނިކަމެތި ހާލާއި ގިލަންވެރިކަން ކިތަންމެ ވޭންދެނިވި ނަމަވެސް ހަމްޒާގެ އާއިލާ ތިބީ ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދަށް ފުރިހަމައަށް ތާއީދުކޮށްގެންނެވެ. ޖިހާދުކޮށް ޝަހީދުވެގެން ނޫންގޮތަކަށް ފަލަސްތީނަށް މިނިވަންކަން ނުލިބޭނެކަން ގަބޫލުކޮށްގެންނެވެ.

އިސްރާއީލުން ފަލަސްތީނު މީހުންގެ މިނިވަންކަމާއި ގެދޮރާއި ބިމާއި މުދަލާއި ވަޒަނަށް ވެރިވެގަނެ ހުރިހާ އެއްޗެއް ގެއްލި ދެން ހަދާނެ ގޮތެއް ނެތިފައިވާއިރު ދެން އިތުރަށް ގެއްލޭނެ އެއްޗެއް ފަލަސްތީނު މީހުންނަކަށް ނުވެއެވެ. އެހެންކަމުން ފަލަސްތީނުގެ ކުޑަކުދިންވެސް ތިބީ ވަރުގަދަ އަޒުމެއްގައެވެ. ބާރުގަދަ ހަތިޔާރު އަޅައިގެން އުޅޭ އިސްރާާއީލު ސިފައިން ދެކެ ބިރުކެނޑިފައެވެ. އެމީހުންނާ ކުރިމަތިލައި ފުރާނަ ދުއްވާލަން ކުޑަވެސްޖެހިލުމެއް ނެތިއެވެ.

އިސްރާއީލުން ޝަހީދުކޮށްލި ތުއްތު ދަރިފުޅަކަށް އޭނާގެ މަންމަ އެންމެ ފަހުގެ ވަދާއުކުރަނީ

މިއީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް މިހާރު ހިންގާ އުދުވާނާއި ސްޓޭޓް ޓެރަރިޒަމްގެ ޖަރީމާތަކުގައި މިހާތަނަށް ޝަހީދު ވެފައިވާ ފަލަސްތީނުގެ ސަތޭކައަށްވުރެ ގިނަ މީހުންގެ އާއިލާތަކުގެ އިހްސާސެވެ. އިސްރާއީލުން ޣައްޒާގެ ގެދޮރަށާއި އެޕާޓްމަންޓް ބިލްޑިންގްތަކާއި ހޮސްޕިޓަލްތަކަށް އެމެރިކާގެ ޒަމާނީ ހަތިޔާރުން ހުއްޓުމެއްނެތި ހަމަލާތައް ދެމުން ގެންދާތާ ފަސް ދުވަސްވެފައިވާއިރު ޣައްޒާގެ ބައެއް އާއިލާތައް އެއްކޮށްވަނީ ޝަހީދުވެފައެވެ.

ހަމްޒާގެ އިތުރުން އިއްޔެ އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ޒުވާން ފިރިހެނަކާއި އޭނާގެ މާބަނޑު އަންހެނުންނާ އެދެމީހުންގެ ހަތަރު ދަރިން ވެސް ހިމެނެއެވެ. މިއާއިލާގެ މެންބަރުން ޝަހީދުވެފައި ވަނީ އެމީހުން ދިރިއުޅޭ ގެއަށް އިސްރާއީލުގެ އެފް16ގެ ބޯޓުތަކުން ބޮންއެޅުމުންނެވެ. އިސްރާއީލުގެ ހަމަލާގައި ޝަހީދުވެފައި ވަނީ 39 އަހަރުގެ ރިފްއަތު މުހައްމަދު އާއި އޭނާގެ 37 އަހަރުގެ އަންހެނުން ރާވިޔަތު ފަތުހީ އާއި އެމީހުންގެ ހަތް އަހަރުގެ ދަރިފުޅު އިސްމާއީލްއާއި ހައަހަރުގެ ދަރިފުޅު އަދުހަމްއާއި ފަސް އަހަރުގެ ދަރިފުޅު އަމީރުއާއި ހަތަރު އަހަރުގެ ދަރިފުޅު މުހައްމަދެވެ.

ރޭ ވެސް އިސްރާއީލުން ވަނީ ޣައްޒާގެ އެތަންމިތަނަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ހަމަލާދިން ތަންތަނުގެ ތެރޭގައި ޣައްޒާގެ ހޮސްޕިޓަލެއްވެސް ހިމެނެއެވެ. އެހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު އަދި ކަށަވަރެއް ނުވެއެވެ.

ދެ މިލިޔަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޣައްޒާއަށް އިސްރާއީލުން ދޭ ހަމަލާތަކުގައި ފަލަސްތީނުގެ އާންމުން ޝަހީދު ވެގެންދާއިރުވެސް އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުން ގެންދަނީ އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ ކަމަށްބުނެ އިސްރާއީލުގެ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ދިފާއު ކުރަމުންނެވެ. އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އިސްރާއީލަށް އޮންނަ އިރު ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުމުގެ ހައްގު ފަލަސްތީނަށް އޮންނާނެކަމަށް އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުން ގަބޫލެއް ނުކުރެއެވެ. ނަމަވެސް ޚުދު އެމެރިކާއަކީވެސް އިނގިރޭސީންގެ އިސްތިއުމާރާ ދެކޮޅަށް ހަނގުރާމަކޮށްގެން މިނިވަންކަން ހޯދި ގައުމެކެވެ.

އދ. ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނުގައިވެސް އިންސާނުންނަށް އެންމެ ބޮޑަށް ދީފައިވާ ހައްގަކީ އަޅުވެތިކަމާއި އިސްތިއުމާރާ ދެކޮޅަށް ތެދުވެ ރެސިސްޓް ކުރުމުގެ ހައްގެވެ. މިނިވަންކަމުގެ ހައްގެވެ. މިއީ އެމެރިކާއާއި ޔޫރަޕްވެސް ގަބޫލުކުރާ އަދި އެފަރާތްތަކުން ޕްރެކްޓިސްކޮށްފައިވާ އަދި ތާއީދުވެސްކުރާ ހައްގުތަކެކެވެ.

ނަމަވެސް މިހައްގު ބޭނުންކުރަން ޖެހިފައިވަނީ އިސްރާއީލާ ދެކޮޅަށް ކަމަށްވާތީއާއި ފަލަސްތީނުގެ ބިން ހިފައިގެންއޮންނަ އިސްތިއްމާރީ ބާރަކީ އިސްރާއީލު ކަމަށްވާތީ މިކަން ގަބޫލުކަން އެމެރިކާއާއި ޔޫރަޕަށް ދަތިވަނީއެވެ. އެހެން ގައުމަކާ ދެކޮޅަށް ނަމަ އޯކޭ އެވެ. މިއީ އިންސާނީ ހައްގުތަކުގައި ޑަބަލް ސްޓޭންޑަޑެވެ. މިވަރުގެ ބަޔަކު އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ޗެމްޕިޔަނުން ކަމަށް ދައުވާކުރާކުރުން މިވަނީ ބޮޑު ޖޯކަކަށް ވެފައެވެ.

ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުމުގެ ހައްގު ފަލަސްތީނަށް ނޯންނާނެތޯ އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން އާ ސުވާލުކުރުމުން އޭނާވަނީ އެސުވާލަށް ޖަވާބު ދިނުމަށް ފަސްޖެހި އެކަމުން ރެކިގެންފައެވެ.

comment ކޮމެންޓް