އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ސިޓީއަށް، ބޮޑެތި ގެއްލުންތަކެއް

އައްޑޫ ސިޓީގެ މަގެއްގައި ފެންބޮޑުވެފައި -- ފޮޓޯ/ އެމްއެންޑީއެފް

އިއްޔެ މެންދުރުން ފެށިގެން ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫ ސިޓީ ގަމަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓުން ބުނީ އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އައްޑޫ ސިޓީ ގަމަށް ކަމަށެވެ. އެއީ 164 މިލިމީޓަރުގެ ވާރޭ އެވެ. އޭގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫއަށް 157 މިލިމީޓަރު އަދި ހުޅުމީދޫއަށް 130 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި، އަވަށްތަކުގައި ފެން ބޮޑުވެ، ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެގޮތުން 300 އަށްވުރެ ގިނަ ގެއަށް ވަނީ އެކިވަރުގެ ގެއްލުންވެފަ އެވެ. އެންމެ ގިނަ އަދަދަކަށް ގެއްލުންވެފައި ވަނީ ހިތަދޫގެ ގެތަކަށެވެ.

ހިތަދޫގެ އިތުރުން، ފޭދޫގެ ބައެއް ގެތަކަށް ގެން ވަދެ ލިބުނު ގެއްލުމުގެ ސަބަބުން އެ ގެތަކުގައި ދިރިއުޅެމުން ދިޔަ މީހުން ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފަ އެވެ.

ވިއްސާރައިގައި އައްޑޫ ސިޓީގެ މަގުތަކުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.

ކުރިއަށް އޮތް 48 ގަޑިއިރު ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އެއާއެކު ގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން ވެސް ވަނީ އަންގައިފަ އެވެ.

އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކަށް ވަނީ ބޯކޮށް ވާރޭ ވެހި ގެއްލުންތަކެއް ވެފަ އެވެ. އެގޮތުން އިއްޔެ ފުވައްމުލަކަށް ކުރި ވިއްސާރައިގައި އެ ސިޓީގެ 120 ގެއަކަށް ފެން ވަނުމާ ގުޅިގެން އެމްއެންޑީއެފް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް