ކޮވިޑް ފިޔަވަޅުތައް ތަންފީޒުކުރަން ސިފައިން ވެސް ނުކުމެއްޖެ

ކޮވިޑް ފިޔަވަޅުތައް ތަންފީޒުކުރަން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކޮވިޑް19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުލުހުންނާ އެކު ސިފައިން ވެސް ނުކުމެއްޖެ އެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިއްޔެ އިން ފެށިގެން ވަނީ ހަރުކަށި ކޮށްފަ އެވެ. އެގޮތުން ކާފިއު ވަގުތު ހަވީރު ހަތަރަކުން، ފަތިހު ހަތަރަކަށް އިތުރުކޮށްފައި ވާއިރު، މިސްކިތުގައި ޖަމާއަތް ހެދުމާއި، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވައިގެން ހިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ވަގުތު ބޭރަށް ނުކުމެ އުޅޭ މީހުން އަދި ހުއްދަ ނެތި އުޅަނދު ދުއްވާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ މަސައްކަތުގައި ފުލުހުންނަށް އެހީވުމަށް މިއަދު ސިފައިން ވެސް ވަނީ ނުކުމެފަ އެވެ. އެމްއެންޑީއެފް އިން އަންނަނީ ކޮވިޑް ފެސިލިޓީތަކަށް ލޮޖިސްޓިކްސް ސަޕޯޓު ދިނުމާއި، ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުލުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެމްއެންޑީއެފް ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގެ ފްލޫ ކްލިނިކުން އަންނަނީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެމުންނެވެ.

އިއްޔެ ވަނީ ކާފިއު ވަގުތު ބޭރުގަައި އުޅުނު 160 މީހަކާއި ވެހިކަލް ދުއްވި 23 މީހަކު ވެސް ޖޫރިމަނާ ކޮށްފަ އެވެ. މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު އާ ހިލާފުވާ މީހުން ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.

comment ކޮމެންޓް