އަދީބު އަތުން ލާރި ހޯދީ ޓީސީއަށް ހަރަދުކުރަން: ޑޭވް

ޓީސީގެ ކާމިޔާބު ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އެމްއެމްޕީއާރުސީ ބޮޑު ޙިޔާނާތުގެ ލިސްޓުގައި ނަން އޮތީ ކުރީ ސަރުކާރުގެ ނައިބު ރައީސް އަހުމަދު އަދީބު ކައިރީ ޓީސީ ސްޕޯޓްސް ކުލަބަށް ސްޕޮންސާ ހޯދަން އެދުމުން ދިން ތިން ލައްކަ ރުފިޔާ ލިބިފައިވާތީ ކަމަށް އެފްއޭއެމްގެ އެކްސްކޯ މެންބަރު، އަދި ޓީސީގެ ފައުންޑިންގް މެމްބަރު އަހުމަދު ނަޝީދު (ޓީސީ ޑޭވް) ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ އާއްމު ކުރި، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ނަންތަކުގެ ތެރޭގައި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު ޑޭވްގެ ނަންވެސް އޮތެވެ. އަދި އޭގެ ކުރިން ލީކްވި ލިސްޓުގައިވާ ގޮތުން ޑޭވްއަށް އަދީބު މެދުވެރިކޮށް ތިންލައްކަ ރުފިޔާ ލިބިފައިވާ ކަމަށާއި، އެ ފައިސާ އަކީ ޙިޔާނާތުގެ ތެރެއިން ލިބުނު ފައިސާ ކަމަށް ޑޭވްގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

އެކަމާ ގުޅިގެން ވީގޮތް ސާފުކޮށްދެމުން ޑޭވް ކުރި ޓްވީޓެއްގައި ބުނީ، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ކަމަށް ބުނާ ވާހަކަ އަކީ ތެދެއް ކަމަށާއި، އެ ފައިސާއަކީ ޓީސީއަށް ލިބުނު ފައިސާއެއް ކަމަށް ޑޭވްވަނީ ވިދާޅުވެފައެވެ.

"އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުގައި އަހަރެންގެ ނަން އޮވެގެން ބައެއް ރައްޓެހިންނާއި ކްރިޓިކްސް އެވާހަކަ އަހާ، ގޮވާތީ ބުނެދެން. އެއީ ތެދު. އޮއިއްޓޭ އޮއިއްޓޭ އަތުން އަހަރެންނަށް ތިން ލައްކަ ރުފިޔާ ދިން. އެ ފައިސާއަކީ އަހަރެން ޓީސީ ފުޓްބޯޅަ ޓީމަށް ސްޕޮންސަރޝިޕެއް ހޯދައިދޭން އަދީބު ކައިރީގައި އެދިގެން ހޯދި އެއްޗެއް. އެ އަހަރުގެ ކުލަބުގެ އޯޑިޓް ރިޕޯޓް ހެއްދެވީ އޮޑިޓަރ ޖެނެރަލް ރިކޮމެންޑްކުރި ލައިސެންސްޑް އޮޓިޓަރެއް ލައްވާ. އެ ފެންނަން އޮންނާނެ އޮޑިޓަރުގެ ސޮޔާއި އެއްކޮށް." ޑޭވް ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ކުރީގެ ސްޕޯޓްސް ކޮމިޝަނަރ ޑޭވްގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު ހިމެނިވަޑައިގަންނަވައެވެ.

comment ކޮމެންޓް