ރާއްޖެއަށް ރަޝިއާ ވެކްސިން ލިބޭތޯ މަސައްކަތް ކުރަނީ

ރަޝިއާގެ ސްޕަޓްނިކް ވެކްސިން

ރަޝިއާގެ "ދި ގަމާލޭޔާ ނޭޝަނަލް ސެންޓާ އޮފް އެޑިޑެމެލޮޖީ އެންޑް މައިކްރޯ ބަޔޮލަޖީ" އިން ކޮވިޑް 19 އާއި ދެކޮޅަށް އުފައްދާފައިވާ "ސްޕަޓްނިކް ވީ" ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފި އެވެ.

އެ ވެކްސިން އިމަޖެންސީގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ދީފައިވަނީ އިއްޔެ އެވެ. ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ އެ ވެކްސިނަށް ރާއްޖެއިން ހުއްދަ ދިނުމާއެކު ވެކްސިން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާރު ކޮވިޑާ ދެކޮޅަށް ދެނީ ކޮވިޝީލްޑް ވެކްސިން އާއި ސިނޮފާމްގެ އިތުރުން ފައިޒާ އެވެ.

ސްޕަޓްނިކް ވެކްސިނަކީ މިހާރުވެސް 66 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ދީފައިވާ ވެކްސިނެކެވެ. ރާއްޖޭގައި އެ ވެކްސިނަށް ހުއްދަ ދީފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ދިނުމަށެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު މިހާތަނަށް ރާއްޖޭގައި ވެކްސިންގެ ފުތަރަމަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 302،097 އެވެ. އެގެ ތެރެއިން 138،890 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.

މަބްރޫކު ރޭ ވިދާޅުވީ އިތުރު ވެކްސިން ހޯދުމުގެ މަސައްކަތްވެސް ގައުމުތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. މިވަގުތު ކޮވިޝީލްޑް ވެކްސިން ދިނުން އާންމުކޮށް މެދުކަނޑާލާފައިވާއިރު ސިނޮފާމް ވެކްސިން އާންމުކޮށް ހުޅުވާލައިގެން ދެއެވެ. ފައިޒާ ވެކްސިން ދެނީ އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.

comment ކޮމެންޓް