ސަރުދާރު ދޮންމަނިކު އަވަހާރަވެއްޖެ

ސަރުދާރު ދޮންބެ މިދިޔަ އަހަރު ކޮވިޑް ފަރުވާ އަށް ފަހު ގެއަށް ގެންނަނީ

ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި ދިވެހި ފައިސާގެ ނޫޓްތައް ކުރެއްސެވުމުގެ ޝަރަފު ލިބިވަޑައިގެންފައިވާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) ރޭ ފަތިހު އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވި އިރު އުމަރަކީ 93 އަހަރެވެ. އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ސަރުދާރު ދޮންބެ އަވަހާރަވީ އާދައިގެ ހާލުކޮޅެއްގައި އޮންނެވުމަށް ފަހު، ނޭވާލުމަށް އުނދަގޫވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް، އެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ކޮވިޑް ފެތުރުނުތަނާ، ކޮވިޑަށް ޕޮޒިޓިވްވެ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ސަރުދާރު ދޮންބެ އަށް ފަރުވާ ދީފައިވެ އެވެ. އަދި އޭނާ އޭރު ހިމެނުނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރާއްޖޭން އެ ބަލިން ރަނގަޅުވި އެންމެ ދުވަސްވީ މީހުންގެ ތެރޭގަ އެވެ.

އުމުރުގެ ވަރަށް ޒުވާން ދުވަސްވަރުން ފެށިގެން ކުރެެއްސެވުމުގެ މަސައްކަތް ފެއްޓެވި ސަރުދާރު ދޮންބެ އަށް ވަނީ ކުރެހުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމް ދެއްވައިފަ އެވެ. ސަރުދާރު ދޮންބެ އަށް 1996 ވަނަ އަހަރު ސަރުކާރުން ދެއްވި އާންމު ހިދުމަތުގެ އިނާމާ ބެހޭ ތަފްސީލްގައިވާ ގޮތުން އޭނާ އަކީ ބޮޑެތި ތަސްވީރުތައް ކުރެއްސެވުމާއި ގިޑިގެ ޑިޒައިން ކުރެއްވުން ފަދަ މަސައްކަތްތައް ފުރިހަމަ އަށް ކުރައްވާ ބޭފުޅެކެވެ.

މީގެ އިތުރުން، ބޮއްޔާއި، މަހުގެ ކައްޓާއި، މަހުގެ ހަމުން އެއްޗިހި ހެދުން ހިމެނެ އެވެ. އަދި ސްޓެންސިލްގައި ކުރަހައިގެން ނޫސްމަޖައްލާ ނެރުނު ދިގު މުއްދަތުގެ ތެރޭގައި ކުރައްސަވާފައިވާ ގިނަ އަދަދެއްގެ ކުރެހުންތައް ވެސް ހިމެނޭ ކަމަށާއި އޭނާ އަކީ ގިނަ އަހަރުތަކެއް ވަންދެން މުޅި ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އަދި އެންމެ މަޝްހޫރު ކުރެހުންތެރިޔާ ކަމަށް ބުނެފައިވެ އެވެ. އަދި އޭނާއަކީ ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ކަރުދާސް ރުފިޔާ ޑިޒައިންތަކުގެ ނޫނު ކުރެހި ކުރެހެންތެރިޔާ އެވެ.

comment ކޮމެންޓް