އާމްދަނީ އަށް ވުރެ އިތުރަށް ތިން ބިލިއަން ހޭދަކޮށްފި

ފެބްރުއަރީ 15، 2021: ރައީސް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ 18 ވަނަ ހަފްތާގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އަށްވުރެ ކުރި ހޭދަ ތިން ބިލިއަން ރުފިޔާ އިތުރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އެ މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.8 ބިލިއަން ރުފިޔާ އެވެ. ދައުލަތުގެ ހަރަދުތައް ހުރީ 9.1 ބިލިއަން ރުފިޔާގަ އެވެ.

ފިނޭންސްގެ މައުލޫމާތަށް ބަލާ އިރު އެ މުއްދަތުގައި ޓެކްސް އާމްދަނީ އަށް 5.4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެކްސް އާމްދަނީގެ ތެރެއިން ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް އަށް 1.1 ބިލިއަން ރުފިޔާ، ޖީއެސްޓީ އަށް 2.9 ބިލިއަން ރުފިޔާ އަދި އެއާޕޯޓު ސާވިސް ޗާޖަށް 136 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އެހާތަނަށް، ޓެކްސް ނޫން އާމްދަނީ އަށް 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރޭގައި ރިސޯޓު ކުލިން ލިބުނު 603 މިލިއަން ރުފިޔާ އާއި ޖޫރިމަނާ އަށް ލިބުނު 102 މިލިއަން ރުފިޔާ އަދި ފީތަކާއި އެހެން ޗާޖުތަކަށް ލިބުނު 376 މިލިއަން ރުފިޔާ ހިމެނެ އެވެ.

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް އެ މުއްދަތުގައި 3.4 ބިލިއަން ރުފިޔާ ހޭދަކުރި ކަމަށް ވެސް ހިސާބުތައް ދައްކަ އެވެ. ލޯނު އަދާކުރުމަށް 418 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު ދައުތުގެ ދަތުރުތަކަށް 128 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އާސަންދަ ހިދުމަތަށް އެ މުއްދަތުގައި ހޭދަކޮށްފައި ވަނީ 563.7 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް