ކޮވިޑުން ރައްކާތެރިވުމަށް ތިނަދޫ އަދި ނިލަންދޫގައި ފިޔަވަޅުތައް ހަރުކަށި ކޮށްފި

ގދ. ތިނަދޫ ފޮޓޯ/ ޔާމިންފޮޓޯގްރާފާ

ކޮވިޑް19 އިން ރައްކާތެރިވުމަށް ގދ. ތިނަދޫ އާއި ފ. ނިލަންދޫގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފި އެވެ.

އެޗްޕީއޭ އިން ވަނީ މާދަމާ އިން ފެށިގެން ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް އެ ދެރަށުގައި ކާފިއު ހިންގަން ނިންމައިފަ އެވެ. މީގެ އިތުރުން އެއްގެއިން އަނެއްގެއަށް ޒިޔާރަތްކުރުން ހުއްޓާލަން އަންގައި، ޕާޓީތަކާއި ހަފްލާތައް ބޭއްވުން ހުއްޓާލަންވެސް ވަނީ އަންގައިފަ އެވެ.

އެ ދެ ރަށުގައި މަގުމައްޗަށާއި އާންމު ތަންތަނަށް އެފަހަރާ، ތިންމީހުންނަށްވުރެ ގިނައިން ނިކުމެ އުޅުމާއި އެއްވެ އުޅުން މަނާކޮށްފައިވާއިރު، ޖިމްތަކާއި ސެލޫންތައް އަދި ކަސްރަތާއި ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމަށްވެސް ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން، ކެފޭ ރެސްޓޯރެންޓުތަކުގައި ޑައިން އިންގެ ހިދުމަތް ހުއްޓާލައި ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދިނުމަށް ވެސް ވަނީ އަންގައިފަ އެވެ. އަދި ފިހާރަތަކަށް މީހުން ވެއްދުމުގައްޔާއި ޓެކްސީ ހިދުމަތް ދޭ އިރުވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާ ވުމަށް ވަނީ އަންގައިފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ތިނަދޫ އާއި ނިލަންދޫގައި ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާއިރު ކޮވިޑް ބާރަށް ފެތުރޭ އިތުރު ބައެއް ރަށްރަށުގައިވެސް ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އޭގެ ތެރޭގައި އއ. އުކުޅަސް، އއ. މަތިވެރި، ޅ. ނައިފަރު، ބ. އޭދަފުށި، ކ. މާފުށި، އދ. މާމިގިލި އަދި އައްޑޫ އާއި ފުވައްމުލައް ސިޓީ ހިމެނެއެވެ.

މާލޭގައިވެސް ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ވަނީ ފަށައިފަ އެވެ.

ކޮވިޑު ފެތިރޭ މިންވަރު އިތުރުވެ މިހާރު ބަލިޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 11،000 ހުރަސް ކޮށްފަ އެވެ. މިއީ ބަލި ފެތުރޭނ ފެށިފަހުން ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ ބަޔަކަށް ބަލި ޖެހި ބައްޔަށް ފަރުވާ ދޭން ޖެހުނު ފަހަރެވެ.

comment ކޮމެންޓް