ހިޔާނާތުގެ ލިސްޓް އާންމު ކުރާ ގޮތަށް ރިޕޯޓް ކޮމިޓީއިން ފާސްކޮށްފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަންފާ ލިބުނު ފަރާތްތަކުގެ ފުރިހަމަ ލިސްޓު ހިމަނައި އެ ލިސްޓު އާންމު ކުރާ ގޮތަށް ބޮޑު ހިޔާނާތުގެ ރިޕޯޓުން އެ މައްސަލަ ބަލައި މަޖިލީހުގެ ޖޮއިންޓް ކޮމިޓީއިން ހާމަކޮށްފި އެވެ.

އެގޮތަށް ފާސްވީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ އިއްތިފާގުންނެވެ. އެ ލިސްޓުގައި 280 ފަރާތެއްގެ ނަން ހިމެނޭކަން މީގެ ކުރިން ކޮމިޓީއިން ވަނީ ބުނެފަ އެވެ. މިއަދު ފާސްކުރީ އެ ލިސްޓަށް އެއްވެސް އުނިއިތުރު ކަމެއް ނުގެނެސް އެސްޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ގޮތަށް ރިޕޯޓުގެ ޖަދުވަލެއްގެ ގޮތުގައި އެ ލިސްޓު ހިމަނާށެވެ.

އެއާ އެކު ރިޕޯޓް އާންމު ކުރާއިރު އެ ލިސްޓު އާންމުވެގެން ދާނެ އެވެ. އެ ރިޕޯޓް ކުރިއަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި މަޖިލީހުގެ އިދާރާއިން އާންމު ކުރާނެ އެވެ.

ލިސްޓު އާންމުކުރާނީ، އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި އިރު ހުރި އިމްލާ ކުށްތައްވެސް އިސްލާހު ކުރުމެއްނެތި، ފޮނުވި ގޮތަށެވެ.

ކޮމިޓީއިން ލިސްޓަށް އުނިއިތުރެއް ގެންނަކަން ދެއްކުމަށް އަދި ކޮމިޓީއިން ކުރާ މަސައްކަތަށް ހިޔަނި އެޅުވުމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ސައްހަ ނޫން ލިސްޓެއް އާންމު ކުރަމުން ދާކަން ކޮމިޓީގެ މެމްބަރުން ފާހަގަ ކުރެއްވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގު މައުލޫމާތު ދިނުމަށް ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ހާމަ ކުރަން ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ލިސްޓުގައި ހުރި މީހުންގެ އައިޑީކާޑު ނަމްބަރުތައް ފެންނަން ނުހުނާނެ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓު ހިމެނޭގޮތަށް އަދި ކޮމިޓީއިން ހުށަހަޅަން ބޭނުންވާ ކަންތައްތަކެއް ހިމަނައި މަޖިލީހުގެ އެމްއެމްޕީއާރުސީ މައްސަލަ ބަލާ ކޮމިޓީގެ ސަބް ކޮމިޓީއިން ރިޕޯޓު ފާސްކުރީ ރޭގަ އެވެ.

ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނުވަތަ މިހާރު މަސައްކަތް ކުރަމުންދާ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނޭ ފަރާތްތަކަކަށް ވާތީ، މި މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ރިޕޯޓުގައި ހިމަނާފައިވެ އެވެ.

އޭގެ އިތުރުން، މިފަދަ ޖޮއިންޓް އިންވެސްޓިގޭޝައްްގެ ތަހުގީގަށް އޭސީސީގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގައި އެދުމަށް ވަނީ ފާސްކޮށްފަ އެވެ.

ތަހުގީގު ކުރިއަށް ދާއިރުވެސް ނުވަތަ ޕްރޮސެކިއުޝަންގެ މަރުހަލާގައި ކުރިއަށް ދާއިރުވެސް ފައިސާގައި ޖެހިވާކަމަށް ކޮމިޝަނުން ތަހުގީގުކުރަމުންދާ މީހުން މަގާމުތަކުން ދުރުކުރުމަށް ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ. އޭގެ އިތުރުން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން މަގާމުން ވަކިކުރެވޭނީ އަމިއްލަޔަށް ވަކިވުމުން ނުވަތަ ޝަރުއީ ކޯޓަކުން ހުކުމެއް ކުރުމުން ކަމަށްވާތީ އެމީހުންގެ ތަހުގީގު އަވަސްކުރުމަށް ދެންނެވުމަށް ކޮމިޓީ ރިޕޯޓުގައި ހިމެނާފައިވެ އެވެ.

comment ކޮމެންޓް