އިންޑިއާއިން ފެނުނު ވޭރިއެންޓު 44 ގައުމަކުން ފެނިފައިވޭ: ޑަބްލިޔުއެޗްއޯ

އިންޑިއާއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 250،000 ހުރަސްކޮށްފަ -- ފޮޓޯ: ޓައިމް

ޖެނީވާ (މެއި 12): އިންޑިއާއިން ފުރަތަމަ ފެނުނު ކޮވިޑް-19 ވޭރިއެންޓެއް ދުނިޔޭގެ 44 ގައުމަކުން މިހާތަނަށް ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއިން ފާހަގަ ކުރެވުނު ބީ.716.1 ވޭރިއެންޓު ވަނީ 44 ގައުމަކުން ހުށަހަޅާފައިވާ 4،500އަށް ވުރެ ގިނަ ސާމްޕަލުން މިހާރު ފެނިފަ އެވެ.

"އަދި އިތުރު ފަސް ގައުމަކުން [ވޭރިއެންޓު] ފެނިފައިވާ ކަމަށް ޑަބްލިޔުއެޗްއޯއަށް ވަނީ މައުލޫމާތު ލިބިފަ،" އެ ޖަމިއްޔާއިން ބުންޏެވެ.

އިންޑިއާއިން ބޭރުގައި ބީ.716.1 ވޭރިއެންޓް އެންމެ ބޮޑަށް ފެތުރިފައި ވަނީ އިނގިރޭސިވިލާތުގަ އެވެ. އަދި ބަންގުލަދޭޝް، ސްރީލަންކާ، ނޭޕާލް އަދި ސިންގަޕޫރުންވެސް ވަނީ އެ ވޭރިއެންޓުގެ ކޭސްތައް ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރެއިން ލަންކާ އާއި ނޭޕާލްގައި ދަނީ ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު އިތުރުވަމުންނެވެ.

ޑަބްލިޔުއެޗްއޯއިން މިހާރު ވަނީ ބީ.716.1 ވޭރިއެންޓުގެ ނުރައްކާ މިންވަރު 'ވޭރިއެންޓް އޮފް އިންޓެރެސްޓް" އިން "ވޭރިއެންޓް އޮފް ކޮންސާން"އަށް މަތިކޮށްފަ އެވެ. މީގެ ކުރިން ޑަބްލިޔުއެޗްއޯއިން އެގޮތަށް ކަންބޮޑުވާން ޖެހޭ ވޭރިއެންޓުތައް ކަމަށް ކަނޑައަޅާފައި ވަނީ ފުރަތަމަ އިނގިރޭސިވިލާތާއި ދެކުނު އެފްރިކާ އާއި ބްރެޒިލް އިން ފެނުނު ބާވަތްތަކަށެވެ.

ޑަބްލިޔުއެޗްއޯގެ ސީނިއާ ސައިންޓިސްޓު މާރިއާ ވަން ކާހޮވް ވިދާޅުވި ގޮތުގައި ބީ.716.1 ވޭރިއެންޓަކީ އެހެން ވޭރިއެންޓުތަކަށް ވުރެ ފަސޭހަކަމާ އެކު ފެތުރޭ ބާވަތެއް ކަމަށް މިހާރު ލިބެން ހުރި ބައެއް މައުލޫމާތުން އެނގެ އެވެ. އަދި އެ ވޭރިއެންޓާ ދެކޮޅަށް ވެކްސިން މަސައްކަތް ކުރާ މިންވަރު ކުޑަވެދާނެ ކަމަށް ދޭހަވާ މައުލޫމާތު ވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ވޭރިއެންޓާ ދެކޮޅަށް ވެކްސިނާއި ބޭހާއި ޓެސްޓުތައް ނުގުޑާ ކަމުގެ އެއްވެސް ހެއްކެއްވެސް އަދި ނެތްކަން ކާހޮވް ފާހަގަ ކުރެއްވި އެވެ.

ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި އިންޑިއާގައި ކޮވިޑްގެ ކޭސްތައް އިތުރުވުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ބީ.716.1 ފަދަ ވޭރިއެންޓުތައް ފެތުރުން ހިމެނެ އެވެ. އަދި ދީނީ އަދި ސިޔާސީ ބޮޑެތި އެއްވުންތައް ބޭއްވުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމަކީ ވެސް ބަލި ފެތުރުން އިތުރުވި ސަބަބުތައް ކަމަށް އެޖަމިއްޔާއިން ބުންޏެވެ.

އިންޑިއާއިން މިހާތަނަށް 23 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 250،000 ހުރަސްކޮށްފަ އެވެ.

comment ކޮމެންޓް