ރަށަށް ފުރުމުގެ 48 ގަޑިއިރު ކުރިން ހުއްދަ ހޯދަންޖެހޭނެ

އޮގަސްޓް 17، 2018: ބޮޑު އީދައް މާލޭގައި ދިރިއުޅޭ މީހުން ރަށްރަށަށް ފުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީހުން ދިރިއުޅޭ އެއް ރަށުން އަަނެއް ރަށަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން، ފުރުމުގެ 48 ގަޑިއިރު ކުރިން ހުއްދަ އަށް އެދެންޖެހޭ ގޮތަށް ބަދަލު ގެނެސްފި އެވެ.

ރާއްޖޭގައި ކޮވިޑް19ގެ ހާލަތު ގޯސްވެފައި ވާތީ، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ދަތުރުކުރަން ދިން ލުއިތައް މިވަގުތު އޮތީ މެދުކަނޑާލައިފަ އެވެ. އަދި މިހާރު މާލެ އިން ވެސް އަދި މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ވެސް ދަތުރު ކުރެވޭނީ، ހަމައެކަނި ޒަރޫރީ ބޭނުމަކަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހުއްދައާ އެކުގަ އެވެ.

ރޭ ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލް ޕްރެޕެއާޑްނެސްގެ އެސިސްޓެންޓް ޑިރެކްޓާ އަބްދުﷲ މައުރޫފް ވިދާޅުވީ، އެގޮތަށް ބަދަލުކުރަން ޖެހުނީ، ވަރަށް ގިނަ ބަޔަކު ފުރަން ވަރަށް ބޮޑަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ހުއްދައަށް އެދޭތީ ކަމަށެވެ.

އެކަމުގެ ސަބަބުން އެޗްޕީއޭ އަށް ވެސް އަދި ރަށްރަށުގެ ކައުންސިލްތަކަށް ވެސް ދަތިތަކާ ކުރިމަތިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.

އެހެންކަމުން، ފުރުމުގެ 48 ގަޑިއިރު ކުރިން ހުއްދައަށް އެދެވޭ ގޮތަށް މިހާރު ހާލުބެލުން ޕޯޓަލް އަށް ވަނީ ބަދަލުގެނެސްފަ އެވެ. އެއަށްވުރެ ވަގުތު ކުޑަތަންވެފައި ވާނަމަ ހުއްދައަށް ނޭދެވޭނެ އެވެ.

"މީގެ ބޭނުމަކީ ދަތުރުކުރާ ފަރާތްތަކުން ވަގުތު ލިބި އަދިހޯދަންޖެހޭ ލިޔުންތައް ލިބިގެން ދަތުރުކުރުން،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވަނީ ހުއްދައާ އެކު ދަތުރުކުރެވޭ ގޮތަށް އޮތް ނަމަވެސް، ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކުރައްވައިފަ އެވެ. އަދި ދަތުރުކުރާ ފަރާތްތަކުން ވެސް ކަރަންޓީނުގެ އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، އެއްވެސް ވަރަކަށް ކަރަންޓީނާ ހިލާފު ނުވުމަށް އެދިވަޑައިގަތެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މިވަގުތު 41 ރަށެއް މޮނިޓަރިންގައި އޮތް އިރު، އަތޮޅުތެރޭގައި 3103 އެކްޓިވް ކޭސް އެބަ އުޅެ އެވެ. އަދި ފަސް ރަށެއްގައި 100 އަށް ވުރެ ގިނަ އެކްޓިވް ކޭސް އެބަ އުޅެ އެވެ.

  • ޅ. ނައިފަރު: 421 ކޭސް
  • ކ. މާފުށި: 213 ކޭސް
  • ބ. އޭދަފުށ: 178 ކޭސް
  • ކ. ހިންމަފުށި: 176 ކޭސް
  • އއ. އުކުޅަސް: 141 ކޭސް

ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ރަށްރަށުގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން އޮތީ މަނާކޮށްފަ އެވެ.

އެ ފަސް ރަށުގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލަން އަންގާފައިވާއިރު، ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަން ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް އޭގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ނުހިމެނޭނެ އެވެ.

ހަމައެއާއެކު އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން މަނާކޮށް، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމުގެ އިތުރުން، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލަން ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް