ސީޝެލްސްގެ ހާލަތު މިދަނީ ގާތުން ބަލަމުން: ޑަބްލިޔުއެޗްއޯ

ސީޝެލްސްއިން ވަނީ އާބާދީގެ 60 ޕަސެންޓަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފަ -- ފޮޓޯ: އޭއެފްޕީ

ޖެނީވާ (މެއި 12): ކޮވިޑް-19އިގެ ކޭސްތައް އިތުރުވަމުންދާ ސީޝެލްސްގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯއިން އެފަދައިން ބުނީ ސީޝެލްސްއިން މިދިޔަ ހަފްތާ ތެރޭ ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުން ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނި ފަހުންނެވެ.

"އަޅުގަނޑުމެންގެ ޓީމުތަކުން ދަނީ [ކޮވިޑާ ބެހޭ] ޑޭޓާ ރިވިއުކޮށް، ކުރިއެރުންތައް ބަލާ، ބަދަލުތައް ދެނެގަންނަމުން،" ޑަބްލިޔުއެޗްއޯގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ސީޝެލްސްގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ ހަފްތާގައި އެގައުމުން ފެނުނު ކޮވިޑް ކޭސްތަކުގެ އެވަރެޖަކީ 314 އެވެ. އެއާ އަޅާ ބަލާ އިރު އޭޕްރިލް 30ގައި ރެކޯޑު ކުރި ހަތް ދުވަހުގެ އެވަރެޖަކީ 120 ކޭހެވެ. އަދި މިދިޔަ ހަފްތާގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން 37 ޕަސެންޓު މީހުންނަކީ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނެވެ.

ނަމަވެސް އިއްޔެ އެ މިނިސްޓްރީ އާއި ޑަބްލިޔުއެޗްއޯއިން ވަނީ ޕޮޒިޓިވްވި ގިނަ މީހުންނަކީ ވެކްސިން ނުޖަހާ ނުވަތަ އެންމެ ޑޯޒެއް ޖަހާފައިވާ މީހުންކަން ފާހަގަކޮށްފަ އެވެ. އަދި ދެ ޑޯޒް ހަމަކޮށްފައިވާ އެއްވެސް މީހަކު ބަލީގައި މަރު ނުވާ ކަމަށްވެސް ބުނެފަ އެވެ.

މީގެ އިތުރުން ކޮވިޑް ޖެހިގެން ހާލު ސީރިއަސްވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު 80 ޕަސެންޓު މީހުންނަކީ ވެކްސިން ނުޖަހާ މީހުން ކަމަށާއި އޭގެ ތެރޭގައި ގިނައީ ތަފާތު އެހެން ބަލިތައްވެސް ހުރި މީހުން ކަމަށް ހެލްތު މިނިސްޓްރީން ހާމަ ކުރި އެވެ.

ސީޝެލްސްއިން ވަނީ އެގައުމުގެ އާބާދީގެ 60 ޕަސެންޓަށް މިހާތަނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފަ އެވެ. އޭގެ ތެރެއިން 57 ޕަސެންޓު މީހުންނަށް ދީފައި ވަނީ ޗައިނާގެ ސައިނޯފާމް ވެކްސިން އެވެ. އަދި 43 ޕަސެންޓަށް ދީފައި ވަނީ އެސްޓްރާޒެނެކާގެ ވެކްސިން އެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ އެ ދެ ވެކްސިން ބޭނުން ކުރަންވެސް މިހާރު ހުއްދަ ދީފަ އެވެ. އޭގެ ތެރެއިން ސިނޯފާމް ވެކްސިންއަށް ހުއްދަ ދިނީ މިދިޔަ ހުކުރު ދުވަހު އެވެ.

ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި ކޮވިޑުގެ އަލާމާތްތައް ފެނުމުން ރައްކާތެރިކޮށްދިނުމުގައި ސައިނޯފާމް ވެކްސިން 79 ޕަސެންޓު ކާމިޔާބު ކަމަށް ޓެސްޓުތަކުން ދައްކަ އެވެ. އަދި އެސްޓްރާޒެނެކާއިން ވަނީ އެ ކުންފުނީގެ ވެކްސިން 76 ޕަސެންޓު ކާމިޔާބު ކަމަށް ބުނެފަ އެވެ.

ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ހަމައެކަނި ވެކްސިން ޖެހުމުން ބަލި ފެތުރުން މުޅިން ނުހުއްޓުވޭނެ އެވެ. އަދި ވެކްސިން ޖެހި ނަމަވެސް، ގައިދުރު ކުރުމާއި މާސްކު އެޅުމާއި ގިނަގިނައިން އަތް ދޮވުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހެ އެވެ.

އެއް ލައްކައަށް ވުރެ މަދު މީހުންގެ އާބާދީއެއް އޮންނަ ސީޝެލްސް ވަނީ މިދިޔަ މާޗް މަހުގެ 25ގައި ފަތުރުވެރިންނަށް ހުޅުވާލާފަ އެވެ. އެއީ ކޮވިޑް ވެކްސިން ނުޖެހިޔަސް ކަރަންޓީނުވާން ނުޖެހޭ ގޮތަށެވެ. އަދި ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންނަށް އިންޑިއާއިންވެސް ދަތުރު ކުރެވޭ ގޮތަށް މީގެ ކުރިން އޮތް ނަމަވެސް މިދިޔަ މަހުގެ 30އިން ފެށިގެން އެގައުމުން ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ.

ސީޝެލްސްގައި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 8،172 މީހުންނެވެ. އަދި ބަލީގައި މަރުވެފައި ވަނީ 28 މީހެކެވެ.

comment ކޮމެންޓް