މަޖިލިސް ރައީސް އާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސަނީ

ފެބްރުއަރީ 18، 2020: ޝަރުއީ ދާއިރާގެ ގަޟާއީ އާ އަހަރު ފެށުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ރަސްމިއްޔާތުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންނެވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި، އެ ދެ ބޭފުޅުންނަށް ހާއްސަކުރެވިފައިވާ ރަސްމީ ގެކޮޅު ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދުދެއްވައިފި އެވެ.

ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ދެމުންގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އެޓާނީ ޖެނެރަލަށް ރައީސް ސޯލިހު އިއްޔެ ވަނީ އަންގަވައިފަ އެވެ.

އެގޮތުން މަޖިލީހުގެ ރައީސަށާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށް އެޓާނީ ޖެނެރަލަށް ރައީސް ވަނީ އަންގަވައިފަ އެވެ.

އެގެ އިތުރުން އެ ދެ ބޭފުޅުންނަށް ހާއްސަކުރެވިފައިވާ ރަސްމީ ގެކޮޅު ހަމަޖެއްސުމުގެ މަސައްކަތް ގާނޫނުތަކުގެ ތެރެއިން ކުރެއްވުމަށް ރައީސް ވަނީ އިރުޝާދު ދެއްވައިފަ އެވެ. އަދި މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ފުރިހަމަ ކުރެއްވެން ނެތްނަމަ، އާ ގާނޫނެއްގެ ބިލެއް އެކުލަވައިލައިގެން ނަމަވެސް އެކަންކަަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ރައީސް ވަނީ އެޓާނީ ޖެނެރަލަށް އަންގައިފަ އެވެ.

އިއްޔެ އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސް އެކަން މަޖިލީހުގެ މެމްބަރުންނާ ހިއްސާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ތިންބާރުގެ ވެރިންގެ ސެކިއުރިޓީގެ ކަންކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސް އެންގެވި އިރު، މި މަހުގެ ހަވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ވަނީ ޓެރަރިސްޓް ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި އެމަނިކުފާނު ޒަހަމްވެވަޑައިގެން، އޭޑީކޭގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެންނެވި ނަމަވެސް، މިހާރު ހާލުކޮޅު ރަނގަޅެވެ.

comment ކޮމެންޓް