ޔުނައިޓެޑަށް ލަދެއް، ލެސްޓާ އަތުން ބަލިވެ ތަށި ދޭންޖެހުނީ ސިޓީއަށް

ސިޓީން 2019 ވަނަ އަހަރުގެ ލީގު ކާމިޔާބު ކުރުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ//ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވުމާ އެކު އެންމެ ބޮޑު ވާދަވެރިޔާ މެންޗެސްޓާ ސިޓީއަށް ތަށި ޔަގީންވެއްޖެ އެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުން މިރޭ ލެސްޓާ އަތުން އެ ޓީމު ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު ސިޓީން ލީގު ޔަގީން ކޮށްފައި ވަނީ 35 މެޗުން 80 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޔުނައިޓެޑަށް 35 މެޗުން 70 ޕޮއިންޓް ލިބިފައިވާ އިރު، ބާކީ އޮތް ތިން މެޗުން ޔުނައިޓެޑަށް ސިޓީއާ ހަމައެއް ނުކުރެވޭނެއެވެ. މިދިޔަ 10 އަހަރު ތެރޭގައި ސިޓީން ފަސް ފަހަރަށް ލީގު ކާމިޔާބު ކޮށްފައިވާ އިރު، މިއީ މިދިޔަ ހަތަރު އަހަރު ތެރޭގައި އެޓީމުން ލީގު ތަށި ހޯދި ތިންވަނަ ފަހަރެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ތިންވަނަ ފަހަރަށް އެ ޓީމުން ތަށި ހޯދި އިރު، އެ ޓީމުގެ އެންމެ ބޮޑު ވާދަވެރިޔާ މެންޗެސްޓާ ޔުނައިޓެޑް ރޭގެ މެޗުން މޮޅުވި ނަމަވެސް ބާކީ އޮތް ތިން މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެގެން ވެސް ސިޓީއަށް ތަށި ލިބޭނެ އެވެ.

ރޭގެ މެޗުގެ ވަރަށް ކުރީކޮޅު ލެސްޓާއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ތޯމަސްއެވެ. އެކަމަކު ފަސް މިނެޓު ފަހުން މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭގެ ފަހުން މި މެޗުގައި ދެ ޓީމަށްވެސް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، ލެސްޓާއިން އަލުން ލީޑު ނަގާފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޗާލާ ސޮޔުންޖޫއެވެ.

މިއީ އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ އިން ޔުނައިޓެޑް ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި އެހެންމެ މި މޮޅާ އެކު ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ލެސްޓާ އިން ކުރަމުންދާ މަސައްކަތަށް ވަނީ ކުރިއެރުމެއް ލިބިފަ އެވެ. ލެސްޓާ ވަނީ ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ.

comment ކޮމެންޓް